މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި، އައްޑޫ ސިޓީއާ ވާދަކޮށް ށ. ފުނަދޫއިން ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި، މި ދެ ޓީމު ބައްދަލުކުރި މެޗު ފުނަދޫއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގައި ފުނަދޫގެ ފަރާތުން ފެނިގެންދިޔައީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓު ފެށުނީއްސުރެ ފުނަދޫއިން ވަނީ ބޮޑު ލީޑެއް ނަގައި، 25-16 އިން ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައި ވެސް ފުނަދޫގެ ކުޅުންތެރިން ވަނީ އެ ޓީމުގެ ވަރުގަދަ ކުޅުން ތަކުރާރުކޮށްފައެވެ. އައްޑޫ ސިޓީއަށް މާ ބޮޑު ފުރުސަތެއް ނުދީ، ފުނަދޫއިން މި ސެޓު ކާމިޔާބުކުރީ 25-11 ގެ ބޮޑު ތަފާތަކުންނެވެ.
މެޗުގެ ފަހު ސެޓުގައި އައްޑޫ ސިޓީގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މީގެ ފައިދާ ނަގައި، ފުނަދޫއިން ވަނީ 25-08 ގެ ނަތީޖާއަކުން މި ސެޓު ކާމިޔާބުކޮށް މެޗު ނިންމާލާފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަދޫ ޓީމުގެ މުރުނަލް އަމިތުއެވެ.
ރާއްޖޭގެ އެކި ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ އަށް ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. މި މުބާރާތަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވައި، ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

