މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ "ރާއްޖެ ސުޕަ ލީގު" ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން އިއްޔެ ފެށިގެންދިޔައިރު، ކ. މާފުށިން އައްޑޫސިޓީ ބަލިކޮށް ފިއެވެ.
އިއްޔެ ކުޅެވުނު މިމެޗް މާފުށިން ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން މާފުށި ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު އައްޑޫ ސިޓީން ވަނީ 21-25 އިން ހޯދާފައެވެ. ނަމަވެސް، ތިންވަނަ ސެޓު މާފުށިން ވަނީ 25-07 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓު 25-23 އިން ކާމިޔާބުކޮށް މާފުށިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސުގާވަރަ މިޒުޗީއެވެ.

މި މުބާރާތުގެ ގްރޫޕްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، ގްރޫޕް 'އޭ' ގައި ހިމެނެނީ ލ. ގަން، ށ. ފުނަދޫ، ކ. މާފުށި އަދި އައްޑޫ ސިޓީއެވެ.
ގްރޫޕް 'ބީ' ގައި ހިމެނެނީ ލ. މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ލީގު ބުރު ނިމޭއިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭނެއެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 12 ވަނަ ދުވަހަށެވެ.
ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް އަމާޒުކޮށްގެން ބާއްވާ މި ފޯރިގަދަ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

