ކޮންމެ މުއައްސަސާއެއް ނުވަތަ އޮފީހެއްވިޔަސް، އެތަނެއްގެ މަގުސަދުތައް ހާސިލުކޮށް، އެތަނަކުން ދެވޭ ޚިދުމަތްތައް އާ އުސްމިންތަކަކަށް ވާސިލުވުމުގެ އެންމެ ބޮޑު ބާރަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުމެވެ.
"އަތްގުޅާލައިގެން" މަސައްކަތް ކުރުމަކީ ހަމައެކަނި އުފެއްދުންތެރިކަން އިތުރުވާ ކަމެއް ނޫނެވެ. އެއީ މަސައްކަތުގެ މާހައުލަކީ އުފާވެރި، ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް އޮތް އެންމެ ކުރު މަގެވެ.

ނަމަވެސް، ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ މުޖުތަމައުގައިހުރި ބައެއް އޮފީސްތަކާއި މުއައްސަސާތަކުގެ މާހައުލު އޮތީ މި ދެންނެވި މަގުން ކަސިޔާރުވެފައެވެ. ބައެއް ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އެކި ފެކްޝަންތަކަށް ބެހިގެންނެވެ. އެއްބަޔަކު އަނެއްބަޔަކާ ވާހަކަދެއްކުމާއި، މަސައްކަތުގައި އެހީތެރިވުން ފަދަ އިޖުތިމާއީ ރީތި ސިފަތައް ވަނީ ނެތިގެން ގޮސްފައެވެ. މިފަދަ ހާލަތްތަކުގައި، އޮފީހުގެ މަސައްކަތަށްވުރެ ބޮޑަށް އިސްކަންދެވެނީ "މިވެނި ގްރޫޕެއްގެ" މަސްލަހަތަށެވެ. މީގެ ނަތީޖާއަކަށް ވަނީ ތަނުގެ މަސައްކަތްތައް ހުއްޓުމަކަށް އައުމާއި، މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދުމެވެ.

ސަރުކާރުގެ ބައެއް ދާއިރާތަކަށް ބަލާއިރު، ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންގެ ކިބައިން މިފަދަ ނޭދެވޭ ކަންކަން ފެނުމަކީ ބޮޑު ހިތާމައެކެވެ. މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތުގެ ތަމްރީނުތައް މިފަދަ ފަރާތްތަކަށް ސަރުކާރުގެ ހަރަދުގައި ވަނީ ފޯރުކޮށްދެވިފައެވެ. ނަމަވެސް، އެ ތަމްރީނުތަކުގެ ބޭނުން ހިފުމުގެ ބަދަލުގައި، އަމަލީ މައިދާނުގައި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ތަމްރީނު ދެވުނީ އެކަކު އަނެކަކަށް އިހުތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ވިޔަސް، އަމަލުތައް ހުންނަނީ އެއާ ދެކޮޅަށެވެ.
މި ނޭދެވޭ މަންޒަރުތަކާއެކުވެސް، އުންމީދީ ނަމޫނާތަކެއްވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުއްޓެވެ. ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަކީ ގުޅިގެން މަސައްކަތް ކުރުމުގެ ލާމަސީލު މިސާލުތަކެކެވެ. އެފަދަ ތަންތަނުގައި ވެރިންނާއި އާދައިގެ މުވައްޒަފުންނާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. އެއް މުވައްޒަފަކަށް ދިމާވާ ދަތިކަމަކީ މުޅި ޓީމުގެ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރެއެވެ. މިފަދަ އޮފީސްތަކުގެ ކުރިއެރުމާއި، އެތަންތަނުން ދޭ ހިދުމަތުގެ ފެންވަރު އަބަދުވެސް ހުންނަނީ މަތީގައެވެ.
ނިންމާލަމުން ދަންނަވާނީ، ކޮންމެ މީހަކީވެސް ތަނުގެ ކުރިއެރުމަށް މަސައްކަތްކުރާ ހިއްސާދާރެއް ކަމުގައި ދެކެންޖެހެއެވެ. ފެކްޝަން ހެދުމާއި، ބައިބައިވުމުގެ ސަގާފަތް ދޫކޮށްލައި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވާންޖެހެއެވެ. ތަނުގެ ހަގީގީ ކުރިއެރުން އޮތީ ހަމައެކަނި ތަޢުލީމާއި ތަޖުރިބާގެ މައްޗަކަށް ނޫނެވެ. އެއީ އެންމެން ގުޅިގެން ކުރާ އިހުލާސްތެރި މަސައްކަތުގެ މައްޗަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

