އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތުގެ ފުރަތަމަ މެޗުގައި ކޮމޮރޯސްއާ ބައްދަލުކޮށް، މޮރޮކޯ ވަނީ ކާމިޔާބީއަކުން މުބާރާތް ފަށާފައެވެ.
މެޗުގެ ކުރީކޮޅު މޮރޮކޯއަށް ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުވީ ނަމަވެސް، މޮރޮކޯއިން ވަނީ މެޗުގެ ފަހު ހާފުގައި ދެއްކި މޮޅު ކުޅުމެއްގެ ތެރެއިން ކޮމޮރޯސްގެ މައްޗަށް ކުރި ހޯދާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއިން ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ވަގުތު ކުޅުނު ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ހާފު ނިމިގެންދިޔައެވެ. މެޗުގެ 11 ވަނަ މިނެޓުގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީ ސޫފިއާން ރަހީމީ ފޮނުވާލި ނަމަވެސް، ކޮމޮރޯސްގެ ކީޕަރު ޔަނިކް ޕަންޑޯ ވަނީ އެ ބޯޅަ ހުއްޓުވައިފައެވެ.
ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ނުސައިރު މަޒްރައުއީ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރަހީމް ޑިއާޒް ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފައެވެ.
މޮރޮކޯގެ ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޔޫބް އެލް ކާބީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވަރަށް ރީތި ބައިސިކަލް ކިކަކުންނެވެ. މި މޮޅާއެކު މޮރޮކޯއިން ވަނީ ބައިނަލްއަގުވާމީ މެޗުތަކުން ޖެހިޖެހިގެން ހޯދި 19 ވަނަ މޮޅާއެކު ދުނިޔޭގެ ރެކޯޑު އިތުރަށް އާކޮށްފައެވެ.
މޮޅުވި ނަމަވެސް މޮރޮކޯއަށް ވަނީ އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެވެ. އެގޮތުން ޓީމުގެ ކެޕްޓަން ރޯމައިން ސައިސްގެ ފައިތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގެ 18 ވަނަ މިނެޓުގައި އޭނާ ވަނީ ކުޅުމަށް ނުކުޅެވޭފަދަ ހާލަތަކަށް ޖެހި ބާލާފައެވެ.
މި މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ މާލީ އާއި ޒެމްބިއާއެވެ. އަދި ގްރޫޕް ބީގައި އެންގޯލާ އާއި ސައުތު އެފްރިކާ ބައްދަލުކުރާއިރު، މުހައްމަދު ސަލާހްގެ މިސްރު ނުކުންނާނީ ޒިމްބާބުވޭއާ ދެކޮޅަށެވެ.
މި މުބާރާތް މި އަހަރު ބާއްވަމުން މިދަނީ މޮރޮކޯގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

