ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ބައްދަލު ކުރެއްވުމަށް ކުރެއްވި ޒިޔާރަތުގައި ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައިޓް ހައުސް އަށް ޒިޔާރަތްކޮށް ރަސްމީ ޖާފަތުގައި ބައިވެރި ވެއްޖެއެވެ. މިއީ ވަލީ އަހުދު މުހައްމަދު 2018 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުގައި، ރައީސް ޓްރަމްޕް ދެއްވާ ހާއްސަ ފަރިއްކޮޅެކެވެ. މި ދަތުރު، 2016 ވަނަ އަހަރުގެ ފަހުން ރޮނާލްޑޯ އެމެރިކާއަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ވައިޓް ހައުސްއިން ރޮނާލްޑޯގެ ބައިވެރިވުން ސީދާ އިއުލާން ނުކުރިނަމަވެސް، އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ވަލީ އަހުދުގެ ޑެލިގޭޝަނުގައި 40 އަހަރުގެ މި ފުޓްބޯޅަ އިކޮން ހިމެނެ އެވެ. މި އަހަރު އަލް ނަސްރާ އެކު ރޮނާލްޑޯ އާ ކުރި 400 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓުގައިވާ ގޮތުން ސައުދީގެ ޕްރޮމޯޝަނަލް އިވެންޓްތަކުގައި އޭނާ ބައިވެރިވާން ޖެހެ އެވެ. ދާދި ފަހުން ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ވަލީ އަހުދު މުހައްމަދު އަކީ "އަހަރެމެންގެ ބޮސް" ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ބްލޫމްބާގްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޮނާލްޑޯ އަކީ ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ މިލްކިއްޔާތު މިހާރު 1.4 ބިލިއަން ޑޮލަރަށް އަގުކުރެވިފައިވާއިރު، މިއީ އާމްދަނީ، ސްޕޮންސަޝިޕް ޑީލްތައް، ޓީވީ އިސްތިހާރުތަކާއި ނައިކީގެ އަހަރަކު 18 މިލިއަން ޑޮލަރު ލިބޭ ދިގު މުއްދަތުގެ ކޮންޓްރެކްޓުން ލިބުނު ފައިސާ އެވެ. ސައުދީގެ އަލް ނަސްރަށް 2023 ވަނަ އަހަރު ބަދަލުވިއިރު ޖުމްލަ 200 މިލިއަން ޑޮލަރު ލިބުނު އޭނާ، މި އަހަރު ކޮންޓްރެކްޓް އާކުރިއިރު ދެ އަހަރަށް ޖުމްލަ 400 މިލިއަން ޑޮލަރު ލިބޭ ގޮތަށް ޑީލް ކުރި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

