ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ތަފާތު އެކިއެކި ވެރިކަންތައް އައިސް ގޮސްފައިވާއިރު، ރައްޔިތުންގެ ހިތްތަކުގައި ސިޔާސީ ލީޑަރުންނާ މެދު ތަފާތު ޚިޔާލުތައް އުފެދިފައިވާކަން އެއީ ޙަޤީޤަތެކެވެ. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދުގެ ބަސްފުޅުތަކަކީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ވާހަކަތަކެކެވެ.
ނޮވެމްބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫއާއި މީދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝާހިދު ދެއްކެވި ވާހަކަފުޅުތަކުން ފާހަގަކުރެވެނީ މިހާރުގެ ސަރުކާރާމެދު ހުޅުދޫއާއި މީދޫގެ ރައްޔިތުން ކުރާ އިތުބާރާއި އުއްމީދުތަކެވެ.
"އަޅުގަނޑު ނުދެކެން އަޅުގަޑުގެ ސިޔާސީ ޙަޔާތުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަށްވުރެ އިޚްލާޞްތެރި، ތެދުވެރި، ވަފާތެރި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، ރައްޔިތުންގެ އަޑުއެއްސެވި ރައީސަކު"
ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުތަކުގައި ފާހަގަކުރެވެނީ ޙަޤީޤީ އިޙްސާސްތަކެއްކަން ފުންކޮށް ވިސްނާލުމުން ދޭހަވެއެވެ. ޚާއްޞަކޮށް ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމާއި، ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުން އިޖާބަދެއްވާ މިންވަރާ ގުޅޭގޮތުން ޝާހިދު ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް މުހިންމު ވާހަކަފުޅު ތަކެކެވެ.
ޝާހިދުގެ ވާހަކަފުޅުތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިއަދުގެ ސަރުކާރުގެ ޒަޢާމަތުގައި ހުޅުދޫއާއި މީދޫ ވެގެންދާނީ "ދުބާއީއާއި އަބޫދާބީއަށް" ކަމުގެ ޔަޤީންކަން ދިނުމެވެ. މިއީ ކުޑަ ކަމެއް ނޫނެވެ. މާތްﷲގެ އިރާދަފުޅާއެކު ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހުޅުދޫއާއި މީދޫގެ ތަރައްޤީ އެންމެ މަތީ ހަރުފަތަށް ގެންދިއުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޝާހިދު ފާހަގަކުރައްވާފައިވެއެވެ.
ހުޅުދޫއާއި މީދޫގެ ރައްޔިތުންނަކީ ވަރަށްވެސް އެކުވެރި، އެއްކޮށް އުޅޭ، މެހުމާންދާރީ އަދާކުރާ، އަދި ސަރުކާރާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރާ ރައްޔިތުންތަކެއް ތިބި ދެ ރަށްކަން ޝާހިދު ފާހަގަކުރެއްވިއެވެ. މިއީ ހުޅުދޫއާއި މީދޫގެ ތަރައްޤީގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ވަރަށް މުހިންމުކަމެކެވެ. . ރައްޔިތުންގެ އެއްބައިވަންތަކަމާއި، ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އޮތުމަކީ ކޮންމެ ރަށެއްގެ ތަރައްޤީއަށްވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ.
ޝާހިދުގެ ވާހަކަފުޅުތަކުން އަލިއަޅުވާލެވުނު އަނެއް މުހިންމު ނުކުތާއަކީ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ އިތުރުންވެސް އެތައް ކަންތައްތަކެއް ހުޅުދޫއާއި މީދޫއަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަމެވެ. "ތިޔަ ބޭފުޅުން މާޔޫސްވާނެ ކަމެއް ނެތް، މި ދެ ރަށަށް ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ކަންތައްތަކުގެ އިތުރުންވެސް ބައިވަރު ކަންކަން އަންނަން އެބަހުރި"
ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދުގެ ވާހަކަފުޅުތަކުގައި އެންމެ ސީރިއަސް އަދި ފުންކޮށް ވިސްނާލަންޖެހޭ ނުކުތާއަކީ އައްޑޫގެ ރައްޔިތުން މިހާތަނަށް ސިޔާސީ ބޭފުޅުން ބޭނުންކޮށްފައިވާ ގޮތާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކެވެ. "ސިޔާސީ ބޭފުޅުން އަޅުގަނޑުމެން އައްޑޫ ރައްޔިތުން މިހާތަނަށް ބޭނުންކުރީ އެމީހުންގެ ހަތިޔާރަކަށް، އެމީހުން މުޅި އައްޑޫ ސުންނާފަތިކުރީ، މި ވާހަކަ ދައްކަން އެބަޖެހޭ" ޝާހިދު ވިދާޅުވެފައިވެއެވެ.
މިއީ ވަރަށް ބޮޑު ތުހުމަތެކެވެ. އަދި ހަމައެއާއެކު، ވަރަށް މުހިންމު ޙަޤީޤަތެއްވެސް މެއެވެ. ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ރަށްރަށުގެ ރައްޔިތުން ސިޔާސީ ބޭނުންތަކަށް ބޭނުންކުރެވިފައިވާކަމީ ނުހަނު ހިތާމަހުރި ޙަޤީޤަތެކެވެ. ޚާއްޞަކޮށް އައްޑޫ ފަދަ ބޮޑެތި އާބާދީތަކުގައި ސިޔާސީ ބައިބައިވުން އުފައްދައި، ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރެވިފައިވާކަން ޝާހިދުގެ ވާހަކަފުޅުން ހާމަވެގެންދެއެވެ.
ޝާހިދުގެ ވާހަކަފުޅުތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އަނެއް މުހިންމު ނުކުތާއަކީ ސިޔާސީ ވަޢުދުތަކާއި ޙަޤީޤީ ތަރައްޤީގެ ތަފާތެވެ. އާންމުކޮށް ސިޔާސީ ލީޑަރުން ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގަންނަވަނީ އިންތިޚާބީ ކެމްޕޭނުތަކުގެ ތެރެއިންނެވެ. އެހެންނަމަވެސް، މި ވަޢުދުތައް ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
ޝާހިދުގެ ވާހަކަފުޅުތަކުން ދޭހަވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން ހަމައެކަނި ވަޢުދުތައް ވުމުގެ ބަދަލުގައި، އެ ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވާކަމެވެ. ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ އިތުރުންވެސް އެތައް ކަންތައްތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ޝާހިދު ދެއްވާފައިވެއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓެގްލައިނަކީ ހުޅުދޫއާއި މީދޫ ވެގެންދާނީ "ދުބާއީއާއި އަބޫދާބީއަށް" ކަމުގެ ވިޝަންއެވެ. މިއީ ކުޑަ ވިޝަނެއް ނޫނެވެ. ދުބާއީއާއި އަބޫދާބީއަކީ މެދުއިރުމަތީގެ އެންމެ ތަރައްޤީވެފައިވާ، އިޤްތިޞާދީގޮތުން ކުރިއަރާފައިވާ ސިޓީތަކެވެ. މި ދެ ސިޓީއަކީ ޓޫރިޒަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓް ފަދަ ދާއިރާތަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ތަންތަން ކަމުގައި ބެލެވެއެވެ.
ހުޅުދޫއާއި މީދޫ މިފަދަ ތަރައްޤީގެ ފެންވަރަކަށް ގެންދިއުމަކީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އުއްމީދެކެވެ. އެހެންނަމަވެސް، ޝާހިދުގެ ވާހަކަފުޅުން ދޭހަވަނީ މިއީ ހަމައެކަނި ހުވަފެނެއް ނޫންކަމެވެ. މާތްﷲގެ އިރާދަފުޅާއެކު، ރައީސް މުޢިއްޒުގެ ވިޝަނާއި ލީޑަރޝިޕްގެ ދަށުން، އަދި ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކު، މި ދެ ރަށް ތަރައްޤީގެ އެންމެ މަތީ މައްޗަށް ގެންދިއުމަކީ ޙަޤީޤަތަކަށް ހެދިދާނެ ކަމެކެވެ.
ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހުޅުދޫއާއި މީދޫއަށް ގެނެސްދެއްވާ ތަރައްޤީއަކީ ދެމެހެއްޓެނިވި، ދުރު ރާސްތާގެ ތަރައްޤީއަކަށް ވުމަކީ ހުރިހާ ރައްޔިތުންގެވެސް އެދުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

