ތާރީޚީ ކާމިޔާބީއެއް ހޯދައި މޮރޮކޯއިން 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ޗިލީގައި ކުޅުނު މި މުބާތުގެ ފޯރިގަދަ ފައިނަލުގައި މޮރޮކޯ ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ 2-0 އިން ބަލިކޮށްގެންނެވެ. މި ކާމިޔާބާއެކު މޮރޮކޯއިން ވަނީ އެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށްޓެއް ހޯދާފަ އެވެ. މިއީ މޮރޮކޯގެ ތާރީޚުގައި އެއްވެސް އުމުރުފުރައެއްގެ ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ ފޯވާޑް، ޕޯޗުގީޒް ޓޮޕް ފްލައިޓްގެ އެފްސީ ފަމަލިކާއޯގައި ކުޅޭ ޔާސިރު ޒަބީރީ، ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ގޯލްތަކާއެކު އެފްރިކާގެ ބައްރަށް ނިސްބަތްވާ މި ޤައުމަށް މި މުބާރާތް ވަނީ ކާމިޔާބުކުރެވިފައެވެ.
މި މުބާރާތުގެ ފައިނަލަށް މޮރޮކޯ ދަތުރުކުރީ ނޮކްއައުޓް ރައުންޑްތަކުގައި ދެކުނު ކޮރެއާ، ޔުނައިޓެޑް ސްޓޭޓްސް އަދި ފްރާންސް ފަދަ ވަރުގަދަ ޓީމުތައް ބަލިކުރުމަށްފަހުގަ އެވެ. އަންޑަރ-20 ވޯލްޑް ކަޕްގެ ތަށްޓެއް ކާމިޔާބުކުރި ފަހުގެ އެފްރިކާ ޤައުމަކީ 2009 ވަނަ އަހަރު މި ތަށި ނެގި ގާނާ އެވެ. އެހެންކަމުން މިއީ ގިނަ ދުވަސްތަކަކަށްފަހު އެފްރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މއީ މި މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ ބައްޔެވެ. އާޖެންޓީނާގެ މި އުމުރުފުރައިގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ބަޔަރ ލެވަރކޫސަން އަށް ކުޅޭ ކްލައުޑިއޯ އެޗެވެރީ އަދި ރެއަލް މެޑްރިޑްގެ ފްރާންކޯ މަސްޓަންޓުއޯނޯ ނެތި ކުޅުނު މި މުބާރާތުގެ ފައިނަލަށް މެޗަކުން ބަލިނުވެ އާޖެންޓީނާ ދަތުރުކޮށްފައިވާއިރު، އެ ގައުމު މި މުބާރާތަށް ނުކުތީ 7 ވަނަ ފަހަރަށް މި ތަށި ހޯދުމަށެވެ.
މޮރޮކޯގެ މި ކާމިޔާބީއާއެކު އެ ޤައުމުގެ ފުޓްބޯޅައަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އާޖެންޓީނާގެ ސީނިއަރ ޓީމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޑިފެންޑިންގ ޗެމްޕިއަންއެވެ. އަދި އަންނަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް އެ ޓީމު ވަނީ ކޮލިފައިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

