ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން މީދޫ ކޮމިއުނިޓީގެ ފަރާތުން އިއްޔެ ހަވީރު ދުނިޔޭގެ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތަކީ ހުޅުމީދޫގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ މުދައްރިސުންގެ އަގު ވަޒަންކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެކެވެ.
މީދޫ އެޅެދިހަރު މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހުޅުމީދޫގައި މެދުނުކެނޑި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުދައްރިސުންނަށް ހަނދާނީ ޝީލްޑް ދެވުނެވެ. މި ރަސްމިއްޔާތުގައި ސަޓިފައިޑް ކޯޗު ޑިއުޑްރޮޕް ޝަހީނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ އިބްރާހިމް ވަޙީދު އަދި ޙައްވާ މުޙައްމަދު ދީދީގެއިތުރަށް ސިއްޙީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަދި މިޑްވައިފަރީ ތަމްރީނު ޕްރޮގްރާމްތަކުގައި ކިޔަވައިދެއްވާފައިވާ އާމިނަތު މުޙައްމަދު ދީދީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސ. އަތޮޅު މަދަރުސާގެ ކުރީގެ ޕްރިންސިޕަލް ޑރ. ޝީމާ ސަޢީދާއި މިހާރުގެ ޕްރިންސިޕަލް ނާޒްނީން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި މީދޫ ކޮމިއުނިޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ޝަޒްލީން ވިދާޅުވީ، މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ފަރާތްތައް ކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް އަގުވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝަޒްލީނު ވިދާޅުވިއެވެ.
ޝަޒްލީނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިފަދަ ރަސްމިއްޔާތުތައް ކުރިއަށް އޮތްތަނުގައިވެސް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

"މުދައްރިސުންގެ ދުވަސް ފާހަގަކޮށް އެފަރާތްތަކުގެ އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމަކީ ކޮމިއުނިޓީކް ކުރަން ޖެހޭނެ ކަމެއްކަމަށް އަޅުގަޑުމެންނަށް ފެންނާތީ މިފަދަގޮތަކަށް މިރަސްމިއްޔާތު ބޭއްވީ "
ޝަޒްލީނު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޠަވީލް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މުދައްރިސުކަމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި އެންމެ ޝަރަފްވެރި އަދި ފަޚުރުވެރި ވަޒީފާ ކަމަށެވެ.
"ކިތަންމެ ގޮންޖެހުންތަކެއް ހުރިކަމުގައިވިޔަސް، ދަރިވަރުންގެ ކިބައިން ފެންނަ ކުރިއެރުމާއި ތަރައްޤީއަކީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ"
ޠަވީލް ވިދާޅުވިއެެވެ.
މީގެ އިތުރަށް ޠަވީލް ވިދާޅުވީ މީދޫ ކޮމިއުނިޓީން ޓީޗަރުން ކުރައްވާ ބުރަމަސައްކަތްތަކުގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ޓީޗަރުންގެ ދުވަސް ފާހަގަކޮށްދެއްވާތީ މީދޫގެ ކޮމިއުނިޓީއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އަތޮޅުމަދަރުސާގައި ކުރީން މަސައްކަތްކުރެއްވި ބޭފުޅުންނާއި މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މިއަހަރުގެ މުދައްރިސުން ދުވަހުގެ ޝިއާރަކަށް "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން"އެވެ.
ރާއްޖޭގެ ސްކޫލްތަކުގައި 11000އަށްވުރެ ގިނަ މުދައްރިސުން ތަޢުލީމް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
1994ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

