މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ނަގާ ވޯޓްގައި އައްޑޫސިޓީ ކައުންސިލުން ވަކިވެ ރަށު ކައުންސިލް އުފެއްދުމަށް ވޯޓް ދެއްވުމަށް މީދޫ ރަށްޔިތުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) އެދިވަޑައިގެންފިއެވެ. އައްދު މިކަމަށް އެދިވަޑައިގެންނެވީ އިއްޔެ މީދޫގައި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު އައްދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ހިންގުމުގެ ޙަޤީޤީ ފައިދާ މިހާތަނަށް މީދޫ ރައްޔިތުންނަށް ލިބިފައިނުވާކަމާއި، މިހާރު މިވަނީ އެކަން ނިމުމަކަށް ގެނެސް، މީދޫ ރައްޔިތުންގެ ކަންކަން އަމިއްލައަށް ނިންމައި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނަސީބު ހޯދުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ލިބިފައިކަމަށް ވިދާޅުވިއެވެ.
"ރަށު ކައުންސިލް ހެދުމުން މާލީގޮތުންވެސް ވާނީ ފައިދާ. މިހެން މިދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކައުންސިލްތަކާބެހޭ މަޝްވަރާ އަދި ޕޮލިސީ ލެވެލްގެ ކަންތައްތަކުގައި ބައިވެރިވެ، މިކަން ހޯދައި ބަލާ، މިކަންކަން އެނގޭ މީހެއްގެ ހައިސިއްޔަތުން ،" އައްދު ވިދާޅުވިއެވެ.

މެންބަރު އައްދު އިތުރަށް ވިދާޅުވީ ރަށު ކައުންސިލް އުފައްދާ ވާހަކަ ދައްކަނީ ސިޔާސީވެގެން ނުވަތަ ސިޔާސީގޮތުން ވަކި ފަޅިއަކަށް ޖެހިގެން ނޫންކަމަށެވެ. އަދި މިއީ އަމިއްލަ އެދުމެއް ހޯދަން ދައްކާ ވާހަކައެއް ނޫންކަމަށްވެސް އައްދު ވިދާޅުވިއެވެ.
މެންބަރު އައްދު ވިދާޅުވިގޮތުގައި މިހާރު ލިބޭ ކައުންސިލްގެ މިނިވަންކަމުގެ ތެރެއިން ތަރައްޤީގެ ގޮތުން ރައްޔިތުން އެދޭ މަންޒިލަށް މީދޫ ގެނައުމަށް ކުރެވިދާނެ ކިތަންމެ ކަމެއް ފާހަގަކުރެވިފައިވާކަމަށެވެ.

"މާތްﷲގެ ރަޙްމަތުން ކައުންސިލަށް މިނިވަންކަން ލިބި، ރަށުން ޤާބިލް ޓީމެއް ހޮވި އެންމެންގެ ބައިވެރިވުމާއެކު މިރަށަކީ ވަޒީފާއާއި އާމްދަނީގެ ގޮތުން ފުރުޞަތު އޮތް ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަމުގައި ހެދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން . "
އައްދު ވިދާޅުވިއެވެ.
ރަށު ކައުންސިލަށް މީހުން ހޮވާއިރު ޒުވާނުންނާއި ތަރައްޤީގެ ވިސްނުން ހުރި ބަޔަކު ކައުންސިލަށް ކުރިމަތިލައިގެން ނުކުންނައިރު، އެއީ ވަކި ޕާޓީއެއްގެ މީހެއްތޯ، ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވާ މީހެއްތޯ ބެލުމެއްނެތި އެމީހުންގެ ޤާބިލްކަމަށް ބަލައިގެން އެންމެ ޤާބިލް މީހުންނަށް އެފުރުޞަތު ދިނުމަށްވެސް އައްދު ގޮވާލެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މިރަށަށް ލިބިގެންދާނީ އުފާވެރިކަމާއި ފާގަތިކަމެވެ. މިފަދަ ރަނގަޅު ފުރުޞަތެއް ދެން ލިބޭނެކަމުގެ އުއްމީދެއް ނެތެވެ. އަޅުގަނޑަށް 100 ޕަސެންޓް ޔަޤީން މީދޫގެ ރައްޔިތުން މިފުރުޞަތު ގެއްލުވައެއް ނުލާނެކަމެވެ. ޔަޤީނުންވެސް މިފަދަ ފުރުޞަތެއް ގެއްލުވާލާވަރުގެ ތަންދޮރު ނުދަންނަ ބަޔަކު ނޫން މީދޫގައި ތިބީ. ޖޯޝާއެކީ ނިކުމެ، އެންމެން މިތަނުގައި އޮންނަން ބޭނުންވަނީ ސިޓީ ކައުންސިލްތޯ ނޫނީ ރަށު ކައުންސިލްތޯ ބަލަން ނަގާ ވޯޓުގައި 100 ޕަސެންޓް ކާމިޔާބު ދައްކަންވީ މިރަށުގެ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލްކަމާއި ހިތްވަރު ހުރި މީހުންކަން."
އައްދު ވިދާޅުވިއެވެ.
އަދި މެންބަރު އައްދު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނެވީ ވަކި ކައުންސިލަކަށް ހެދުމަށް ޖޯޝާއެކީ ނުކުމެ ވޯޓު ދީ އެކަން ކޮށްދިނުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

