ފެނަކައިގެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ތަހުގީގަށް ހާޒިރުކުރެވެންޖެހޭނެކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީމުބާރަކް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ މައްޗަށް އަލިއަޅުވާލާއި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އެމްޑީޕީގެ ވައްކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ސަރުކާރުގެ މެމްބަރުން ދައްކަވަން ފެށުމުން އެމްޑީޕީން ބުނަމުން އައީ އެއީ ހެއްކެއް ނެތި ދައްކާ ވާހަކަތައްކަމަށެވެ.
އެހެން އެކަން އޮއްވައިއޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކުރި މި ރިޕޯޓުގައި ހުރި ކަންކަމަކީ އެމްޑީޕީގެ ސަރުކާރުން ކޮށްފައިވާ ވައްކަމުގެ ކުޑަ މިންވަރެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މި މައްސަލަ ފެންމަތިކުރީ ސިޔާސީ ވިސްނުމެއްގައޭ ނުބުނެވޭނެކަމަށެވެ. އޭގެ ހެއްކި ދައްކަވަމުން މެމްބަރު ވިދާޅުވީ ސަރުކާރު ފެށިގެން މިއަދާ ހަމައަށް އެއްވެސް ފަރާތެއްގެ މައްޗަށް ސިޔާސީ ދައުވާއެއް އުފުލާފައިނުވާކަމެެވެ.
ފެނަކައިގެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ފަޅާއެރިތާ މާގިނައިރުތަކެއް ނުވެ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެން އެކަމުގެ ނުރަނގަޅު މެސެޖުތަކެއްދީ ދޮގު ވާހަކަތަކެއް އެމްޑީޕީން ދައްކަމުން އަންނަކަމަށާއި އެއީވެސް ރައްޔިތުންނަށް ހަގީގަތް ވަންހަނާކުރަން ދައްކާ ވާހަކަތައްކަމަށް މެމްބަރު ވިދާޅުވިއެވެ.
ސައީދުގެ މައްޗަށް އައި ހުކުމަކީ އޯޑިޓް ރިޕޯޓާ ގުޅިގެން އައި ހުކުމެއް ނޫންކަމަށާއި އެހެންނަމަވެސް ފެނަކަ ދަވާލި މައްސަލައިގެ ތަހުގީގުކޮށް ފިޔަވަޅުއެޅުން އަދި އޮތީ ކުރިއަށްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މައްސަލަ ސައީދާ ހަމައިން ނުނިމޭނެކަމަށާއި ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ވެސް ތަހުގީގަށް ހާޒިރުކުރެވެންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށް މެމްބަރު ހުސްނީ ވިދާޅުވިއެވެ.
" ސައީދުގެ މައްޗަށް ހުކުމް ކުރެވޭ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ. އަދި ސައީދާ ހަމައިން ނުވެސް ނިމޭނެ. އެކަން ސައީދުކުރާކަން އެނގިހުރެ އެ ފައިސާ ފެނަކައަށް ދެމުންދިޔައީ ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު . އަމީރާ ހަމައަށް ތަހުގީގު ދާންޖެހޭނެ. އަމީރާ ހަމައަށް އިންސާފު ދާންޖެހޭނެ. އެކަމަކު ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. ތަހުގީގީ އިދާރާތައް މިނިވަންވާނެ މި ސަރުކާރުގައި".
މަނަދޫ ދާއިރާގެ މެމްބަރު ހުސްނީމުބާރަކް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ފަޅާއެރީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންކަން:
* އެމްޑީޕީ ސަރުކާރުގައި ފެނަކައިން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ވެފައިވާ 674 އެއްބަސްވުމުގެ ތެރޭގައި ގިނައީ ބިޑަކާ ނުލާ ހަވާލުކުރި މަޝްރޫޢުތައް
* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން.
* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން.
* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން.
* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، ފެނަކައިގެ ތެރެއިން ނިމިދިޔަ ސަރުކާރުގައި ހިންގާފައިވާ 2.2 ބިލިޔަން ރުފިޔާގެ ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާއި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ހިޔާނާތަށްވުރެ ބޮޑު ހިޔާނާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

