ޣައްޒާގެ ހިސާރު ނައްތާލައި އެ ސަހަރުގައި ހާލުގައި ޖައްސާފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރު ކުރަމުންދިޔަ 'ގްލޯބަލް ޞުމޫދް ފްލޮޓިލާ'ގެ ނަންދީފައިވާ ހަރަކާތުގެ ހުރިހާ އުޅަނދުތަކެއް ހުއްޓުވާފައިވާކަމަށް ޔަހޫދީ ދައުލަތް- އިސްރާއީލުން ބުނެފިއެވެ.
ޔަހޫދީ ދައުލަތުން ބުނީ ޞުމޫދް ފްލޮޓިލާ ހަރަކާތުގެ ހުރިހާ އުޅަނދެއް ޣައްޒާއަށް ވަނަ ނުދީ ހުއްޓުވާފައިވާކަމަށާއި އޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ޑީޕޯޓުކުރާނެކަމަށެވެ.
ޞުމޫދް ފްލޮޓިލާ ދަތުރުގައި 40 އަށް ވުރެ ގިނަ އުޅަނދު ބައިވެރިވިއިރު ޔަހޫދީން ޞުމޫދް ފްލޮޓިލާގެ އުޅަނދުތަކަށް ހުރަސްއަޅާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ. ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުކަމަކަށްވާއިރު އެއީ ރަހީނުކުރުންކަމަށް ބުނެ ގިނަ ގައުމުތަކަކުން އަންނަނީ ޔަހޫދީންނަށް ފާޑުކިޔަމުންނެވެ.
ޞުމޫދް ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ދަތުރު ފެށީ ހުސްވި ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ.
އެހިސާބުން ފެށިގެންވެސް ޔަހޫދީންގެ އަސްކަރިއްޔާއިން އައީ ހަރަކާތުގެ ބައިވެރިންނަށް އިންޒާރުދީ ބިރުދައްކައި ބައެއް އުޅަނދުތަކަށް ހަމަލާވެސް ދެމުންނެވެ.
އެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

