މީދޫއަކީ އައްޑުއަތޮޅުގައި ވޮލީއަށާ ފުޓްބޯޅައަށް މަޝްހޫރު ރަށްތަކުގެ ތެރެއިން އެއް ރަށެކެވެ. އަދި މީދޫއަކީ އިސްލާމީ ހިދާޔަތު އެންމެ ފުރަތަމަ ގަބޫލްކޮށް ރާއްޖެއަށް އިސްލާމްދީން ފެތުރުމުގައި އެންމެ އިސްދައުރެއް އަދާކޮށް ތައުލީމުގެ ނާރެހެއްގެ ގޮތުގައި އޮވެ، މަސައްކަތްތެރިކަމާއި ދުވެހި ބޭސްވެރިކަމާއި ޝަރުއީދާއިރާގެ އެންމެ އުސްތަބު ކަމުގައި ބެލެވުނު ރަށެވެ.
އައްޑުއަތޮޅުގެ އިރުމަތީ ބިތުގައި ވަކިން އޮންނަ މި ރަށުން ވަނީ އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވޮލީ ކުޅުންތެރިން އުފައްދައިދީފައެވެ. ނަމަވެސް މި ރަށުގެ ޒުވާނުންނަށް ކުޅިވަރުން ލިބެންޖެހޭ ވަސީލަތްތައް ނުލިބި، ކަމާއިބެހޭ މުވައްސަސާތަކާއި އަދި ކަންކަން ތަންފީޒުކުރަންތިބި ފަރާތްތަކުގެ އިހުމާލުން މީދޫގެ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް ކުރިމަތިވެފައިވާކަން ފާހަގަކުރަންޖެހެއެވެ.
ސ. މީދޫއަކީ ޒަމާނުއްސުރެ ވޮލީގެ ކުޅިވަރަށް ޝައުޤުވެރިކަން ހުރި ރަށެކެވެ. މީދޫގެ ގިނަ ޒުވާނުންނަކީ ވޮލީއަށާ ފުޓްބޯޅައަށް ލޯބިކުރާ ބަޔެކެވެ. މިގޮތުން ރައްޓެހިންގެ މެދުގައި ކޮންމެ ދުވަހަކު ވޮލީ ކުޅޭ މީހުންނާއި، ވޮލީން ޤައުމީ ފެންވަރަށް ދިއުމަށް ވޮލީ ކުޅޭ ޒުވާނުން މީދޫގައި ވަރަށް ގިނައެވެ.

އައްޑޫ ސިޓީގައި އެންމެ ފަހުން ބޭއްވުނު އޮފީސްތަކާއި ކުންފުނިތަކުގެ ވޮލީ މުބާރާތުގައިވެސް މީދޫގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި މީދޫއަށް ނިސްބަތްވާ 3 ކުޅުންތެރިއަކު ހިމެނުނުކަމީ މި ރަށުގެ ޒުވާނުންގެ މެދުގައި ވޮލީގެ ހުނަރުވެރިކަން ދައްކުވައިދޭ ކަމެކެވެ. އަދި މީގެ ކުރިންވެސް ގިނަ މުބާރާތްތަކުގައި މީދޫގެ ކުޅުންތެރިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައެވެ. މީގެތެރެއިން ގައުމީ ފެންވަރުގައި އެފްއެމްޑީ ވޮލީޓީމުގެ ނަމުގައި މާލޭގައި ބޭއްވުން ޒޯން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް ގައުމީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އަތޮޅަށާ ރަށަށް ރީތި ނަން ހޯދާ ދީފައިވެއެވެ. މިމަސައްކަތުގައި ރަށުގެ ވަރަށްގިނަ ބަޔަކު ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދީފައިވެއެވެ.

ފުޓު ބޯޅަށްއަށް ބަލާއިރު މީދޫގެ ކުޅުންތެރިންވަނީ ޤައުމީ ފެންވަރުގައި ކުޅެ ކާމިޔާބުތައް ހޯދާފައެވެ. މީގެ ތެރޭގައި ފުތަރަމަ ޑިވިޜަންގައި ކުޅު ކުޅުންތެރިން ތިބި ފާހަގަކޮށްލެވެއެވެ. މިފަހުން ފުޓު ބޯޅައިން އެންމެ ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ޔޫތު ޑީވެލޮޕްމަންޓް ޕްރޮގްރާމެއްގެ ތެރެއިންނެވެ. ރަށުގައި މި ފަދަ ޕްރޮގްރާމެއް ހިގަމުންދާއިރު އެކަމުގެ ހެޔޮނަތީޖާ އަތޮޅުގައި ބާއްވާ އިންޓަރ ސްކޫލް ފުޓު ބޯޅަ މުބާރާތްތަކުން ދަނީ ފެންނަމުންނެވެ.މީގެ އިތުރުން ރަށުގައި ލިބެން ހުރި ވަސީލަތްތަކަށް ބަލާއިރު އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ކުޅެ އެކަށީގެންވާ ރަގަޅު ނަތީޖާތައް ނެރެފައިވެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ރަނގަޅު ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓުތައް ތައްޔާރުކުރަމުން ދާއިރު، މީދޫގައި މިފަދަ ވޮލީ ކޯޓެއް ތައްޔާރުކޮށްދީފައި ނެތުމަކީ ރަށްޔިތުންނާއި ކުޅުންތެރީންގެ ކަންބޮޑުވުމެކެވެ.އަދި ވޮލީގެ ކުޅިވަރަށް މަޝްހޫރު ރަށެއްގައި އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ޙައްލުކުރަންޖެހޭ މައްސަލައެކެވެ.

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިދިޔަ މެއި މަހުގެ ތެރޭގައި މީދޫއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ، މީދޫގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރަކާ، ވޮލީ ޓާފް ދަނޑެއް އަދި ފުޓްބޯޅަ ދަނޑުގެ ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް، އެ ވަޢުދުތައް ވެވަޑައިގެންނެވިތާ 5 މަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް އޭގެ އެއްވެސް ޢަމަލީ މަސައްކަތެއް ފެށިފައި ނުވެއެވެ.
މީގެ އިތުރަށް ކުރީގެ ސަރުކާރުންވެސް މީދޫގައި އިމާރާތްކުރުމަށް ނިންމި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް ފެށިފައެއް ނުވެއެވެ. މިއީ ވިދިވިދިގެން އަންނަ ސަރުކާރުތަކުން މީދޫގެ ކުޅިވަރުގެ ވަސީލަތްތަކަށް ދޭ އަހަންމިއްޔަތު، ކުޑަވެފައިވާކަން ދައްކުވައިދޭ ވަރަށްފުރިހަމަ މިސާލެކެވެ.

މާލޭގައިހުރި ސޯޝަލް ސެންޓަރު ފިޔަވައި ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރީގެ ސަރުކާރުން ނިންމީ ސ. މީދޫގައެވެ. މި މަޝްރޫޢަކީ މީދޫގެ ކުޅިވަރުގެ ދާއިރާއަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައި އޭރު އުއްމީދު ކުރެވުނެވެ.
އޭރުގެ ސްޕޯޓްސް މިނިސްޓްރީން އޭރު މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކޮށް، ޓެންޑަރ ބޯޑަށްވެސް އޮތީ ފޮނުވާފައެވެ. ނަމަވެސް، އެ ސަރުކާރު ބަދަލުވުމާއެކު މި މަޝްރޫޢުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މިއީ މީދޫގެ ކުޅިވަރުގެ ދާއިރާއަށާ ޒުވާނުންނަށް ލިބުނު ހިތްދަތިކަމަކާ ނިކަމެތިކަމެކެވެ.

މީދޫގެ ޒުވާނުން ގައުމީ ފެންވަރުގައި ހުނަރާއި ޤާބިލިއްޔަތުކަން ދައްކުވައިދީފައިވާއިރު، މީދޫގައި ކުޅިވަރު ކުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމަކީ ސަރުކާރުތަކުން އިސްކަމެއް ދޭންޖެހޭ ކަމެކެވެ. އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނަ އެންމެ ބޮޑު އާބާދީ އޮންނަ ސަރަޙައްދު ކަމަށްވާއިރު، މީދޫފަދަ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
އެހެންކަމުން ސަރުކާރުން ވަޢުދުވެފައިވާ މަޝްރޫޢުތައް ތަންފީޛުކުރުމަށް ޢަމަލީ މަސަައްކަތްތައް އަވަހަށް ފަށަންޖެހެއެވެ. ޚާއްޞަކޮށް:
ވޮލީ ޓާފް ދަނޑު އަވަހަށް ތަރައްޤީކޮށް ނިންމުން
ފިޓްނަސް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައި ނިންމުން
މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަޝްރޫޢު އަލުން ބީލަމަށްލައި ކޮންޓްރެކްޓްކޮށް މަސައްކަތް ފަށައި ނިންމުން
ފުޓްބޯޅަ ދަނޑުގެ ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ރަށު ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ނިންމުން
މީދޫގެ ކުޅިވަރު ކުޅުންތެރީން ދައްކުވައިދީފައިވާ ހުނަރާއި ގާބިލްކަމަށް ބަލާއިރު މީދޫގައި އެކަށީގެންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގައި ސަރުކާރުން އިސްކަންދޭންޖެހެއެވެ. އެހެންކަމުން މިހާތަނަށް ކުޅިވަރުގެ ދާއިރާއިން މީދުއަށް ވެފައިވާ ވަޢުދުތައް ތަންފީޛު ކުރުމަށް އަވަސް ހަލުއި ފިޔަވަޅުތަކެއް އަޅަންޖެހޭކަން މީދޫގެ ކުޅިވަރު ހިންގުންތެރިންނާއި، ކުޅުންތެރިން އަދި ރައްޔިތުން ޤަބޫލުކުރެއެވެ.
މީދޫގެ ވޮލީ ކުޅުންތެރިން ދައްކުވައިދީފައިވާ ހުނަރާއި ޤާބިލިއްޔަތުކަމަށް ބަލާއިރު، މީދޫގައި އެކަށީގެންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަކީ ސަރުކާރުގެ އިސްކަންދޭންޖެހޭ ކަމަކަށް ވާންޖެހެއެވެ. އެހެންކަމުން، މިހާތަނަށް ވެފައިވާ ވަޢުދުތައް ތަންފީޛުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރަމެވެ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

