ދިވެހިރާއްޖެ އިސްލާމްވި ދުވަސް ރަބީއުލްއާޚިރުމަހުގެ 2 ވަނަ ދުވަހު ފާހަގަ ކުރާއިރު ދިވެހިރާއްޖެއަށް އިސްލާމްދީން ވަދެގެން އައި ގޮތާއި އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރި ސަރަޙައްދާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ކޮމިޝަނަރ އަލްއުސްތާޛު އިސްމާޢީލް ހަބީބު މައުލޫމާތުތަކެއް ހާމަކުރައްވައިފިއެވެ.
ހަބީބު ފާހަގަކުރައްވާގޮތުގައި ބައެއް ދިރާސާވެރިން އެއްބަސްވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރީ އައްޑޫ މީދޫންކަމަށެވެ. މި މަޢުލޫމާތު ހަބީބު ހާމަކުރައްވާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ހަބީބުގެ ފޭސްބުކް ޕޭޖްގައި ޝާއިޢުކުރެއްވި ޚާއްޞަ ލިޔުމެއްގައެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްފައިވާގޮތުން ރާއްޖެ އިސްލާމްވީ 1153 ވަނަ އަހަރު އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީ ރާއްޖެއަށްކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. ނަމަވެސް، ހަބީބު ފާހަގަކުރައްވާ ގޮތުގައި ދިރާސާވެރިންގެ ހޯދުންތަކުން ދައްކަނީ އިސްލާމްދީން ރާއްޖޭގައި ފެތުރެން ފެށީ އައްޑޫ މީދޫއިން ކަމަށެވެ.
ހިއުމަން ރައިޓްސްގެ ކޮމިޝަނަރ އިސްމާޢީލް ހަބީބު، މީދޫއާއި ހުޅުދޫގެ ބައެއް ތަންތަނުގެ ފޮޓޯ ހިއްސާކުރައްވަމުން އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އިސްލާމްވި ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު މީދޫއަކީ މި ދުވަހާއި ގުޅާލެވޭ އެންމެ ޚާއްޞަ އެއްރަށް ކަމަށެވެ.
މީދޫއާއި ބޭހޭގޮތުން އިތުރަށް ލިއުއްވަމުން ހަބީބް ވިދާޅުވެފައިވެއެވެ.
"ރާއްޖޭގައި އުފެދުނު އެންމެ މޮޅު އިލްމުވެރީންވެސް އުފަންވި ރަށަކީވެސް މީދޫއެވެ. ސޯޅަވަނަ ގަރުނުގައި މީދޫގެ ހަތް ބޭފުޅަކު މާލޭގައި ފަނޑިޔާރު (ޤާޟީ) ކަން ކުރެއްވިއެވެ. އަދި މީދޫގައިހުރި ތާރީޚީ ސަގާފީ އަދި އާސާރީ ތަންތަނަކީ ދިވެހީންގެ ތަރިކައިގައި ހިމެނޭ މުހިންމު ހިތްގައިމު ތަންތަނެވެ."
މީގެ އިތުރަށް ހަބީބު ވިދާޅުވީ މީދޫއަކީ ދިވެހިރާއްޖޭގެ އިލްމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ރަށެއްކަމެވެ. މިގޮތުން ސޯޅަވަނަ ގަރުނުގައި މީދުން އުފަންވެވަޑައިގެންނެވި ހަތް ބޭފުޅަކު މާލޭގައި ފަނޑިޔާރުކަން ކުރެއްވުމަކީ މީދޫގެ އިލްމީ ފެންވަރު ދައްކުވައިދޭ މުހިންމު ހެއްކެއްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި މީދޫ މަޝްހޫރުވެފައިވަނީ މެހުމާންދާރީ އަދާކުރުމާއި، ހިތްހެޔޮކަމާއި، ހިތްގައިމު އަދި ހިތްފަސޭހަ ރަށެއްގެ ގޮތުގައިކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުންހުރި ތާރީޚީ ދިރާސާތަކުގައި މީދޫގެ ދައުރު އިތުރަށް ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް މި މީދޫގައިހުރި ތާރީޚީ އާސާރުތަކާއި، މީދޫގެ އާދަކާދަތަކާއި، އަނގަބަހުން ކިޔައިދެމުން އަންނަ ވާހަކަތައް ދިރާސާކޮށް، މީދޫއާއި ދިވެހިރާއްޖެ އިސްލާމްވުމާ ހުރި ގުޅުން ރަނގަޅަށް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު ހިއުމަން ރައިޓްސްގެ ކޮމިޝަނަރ އިސްމާޢީލް ހަބީބު ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަކީ ދިވެހިރާއްޖޭގެ ތާރީޚީ ދިރާސާތަކަށް އައު މަގެއް ހުޅުވައިދޭ މަޢުލޫމާތުތަކެކެވެ. މީދޫއަކީ ދިވެހިރާއްޖެއަށް އިސްލާމްދީން ވަދެގެން އައި ފުރަތަމަ ދޮރޯށި ކަމަށް ދިރާސާވެރިން ދެކޭކަމަށް ހަބީބުގެ ބަސްފުޅުން އެނގިގެންދެއެވެ.
މި ހޯދުމަކީ ދިވެހިރާއްޖޭގެ ތާރީޚީ ދިރާސާތަކުގައި އިތުރަށް ވިސްނައި ފިކުރުކޮށް، ގިނަ ހޯދުންތަކެއް ހޯދަންޖެހޭ ކަމެކެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ތާރީޚީ ދިރާސާވެރިންނާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މީދޫގެ ތާރީޚާއި ޘަޤާފީ ތަރިކަ ދިރާސާކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ތާރީޚު ލިޔުމުގައި މި ހޯދުންތައް ހިމެނުމަކީވެސް މުހިންމު ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

