ދީނީ ޚިދުމަތުގެ ދާއިރާގައި ޒުވާނުން ބާރުވެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ "ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް" ފުރިހަމަކޮށް ސ. އަތޮޅުމަދަރުސާގެ 3 ދަރިވަރަކަށް ސެޓްފިކެޓް ލިބިއްޖެއެވެ. މިޕްރޮގްރާމް ނިމި ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އައްޑޫސިޓީ ކައުންސިލްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސައުދާނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދީނީ ޚިދުމަތަށް ނުކުންނަ ޒުވާނުންނަށް ހިތްވަރުދެއްވާ، މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރު އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަދީލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމުން ފާސްވެ ސެޓްފިކެޓް ހާސިލްކުރި އަތޮޅުމަދަރުސާގެ 3 ދަރިވަރުންނަކީ:
1. މީދޫ ދާރުލްއަމާން، އައިމަން އަމީން ހާނީ
2. މީދޫ ހަވިއްތަ، އަޙްމަދު ޔޫސުފް ޢަބްދުﷲ
3. ހިތަދޫ ، ނަސްރު ،ޔޫނުސު، ޢަބްދުﷲ ސުނީދު
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ ޢިލްމުވެރިންނެވެ. އަދި މި ވޯކްޝޮޕުގައި 50 ޒުވާން ޚަޠީބުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން އަތޮޅުމަދަރުސާގެ 3 ދަރިވަރުން ފާސްވެ ސެޓްފިކެޓް ލިބިފައިވާއިރު، ސްކޫލްގެ ފޭސްބުކް ޕޭޖްގައި މަރުޙަބާ ދަންނަވާފައިވަނީ ހަމައެކަނި 1 ދަރިވަރަކަށެވެ. އަދި މީގެއިތުރަށް، މިޕްރޮގްރާމުން ފާސްވެ ސެޓްފިކެޓް ލިބުނު ދަރިވަރުންގެ ތެރެއިން މީދޫއަށް ނިސްބަތްވާ 2 ދަރިވަރަކު ފާސްވެ ސެޓްފިކެޓް ހާސިލްކޮށްފައިވާއިރު، މީދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖްގައިވެސް މަރުޙަބާ ދަންނަވާފައިވަނީ މީގެ ތެރެއިން ހަމައެކަނި 1 ދަރިވަރަކަށެވެ.
މިފަދަ ތަފާތުކުރުންތައް ހުރުމަކީ ދަރިވަރުންނަށް ނޭދެވޭ އަސަރުތަކެއް ކުރުމަށް މަގުފަހިވާނެ ކަމެކެވެ. މިފަދަ ކާމިޔާބީތައް ހާސިލްކުރާ ހުރިހާ ދަރިވަރުންނަށް އެއްހަމައެއްގައި ހިތްވަރުދީ، އެކުދިންގެ ކާމިޔާބީ ފާހަގަކުރުމަކީ އެކުދިންގެ ކުރިމަގަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ.
ދީނީ ދާއިރާގައި ޒުވާނުން ބައިވެރިވުމާއި، ޒުވާން ޚަޠީބުން އުފެއްދުމަކީ އިސްލާމީ ވުޒާރާއިން ކުރައްވާ މުހިންމު މަސައްކަތްތަކެކެވެ. މިފަދަ ޕްރޮގްރާމްތަކުން ފާސްވާ ދަރިވަރުންނަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާނެ ބައެއްކަން ޔަޤީނެވެ. އެހެންކަމުން، އެފަދަ ދަރިވަރުންނަށް ހިތްވަރުދީ، އެއްހަމައެއްގައި ކާމިޔާބީ ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ އުއްމީދަކީ ދިވެހި ޒުވާނުން ދީނީ ދާއިރާގައި އިތުރަށް ކުރިއަރައި، ދީނީ ޢިލްމުވެރިންގެ ގޮތުގައި ދިވެހި މުޖުތަމަޢަށް ޚިދުމަތްކުރުމެވެ


ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

