ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީގެ ކަންކަން ހިންގާނީ ކޮން ގޮތަކަށްތޯ އަލުން ވިސްނުމުގެ މުހިންމު ދަނޑިވަޅު މިވަނީ ޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅިގެން، އައްޑޫ ސިޓީ އޮންނާނީ މިހާރުގެ ސިޓީ ކައުންސިލްތޯ ނުވަތަ ވަކިވަކި ރަށްރަށުގައި ރަށު ކައުންސިލްތައް ހަދާނީތޯ ،ނިންމުމުގެ ބާރު ވަނީ އައްޑޫގެ ރައްޔިތުންނަށް ދެއްވާފައެވެ. މި ނިންމެވުމަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި އައްޑޫ ސިޓީއަށް އަންނަ އެންމެ ބޮޑު އެއް ބަދަލުކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
އައްޑޫގައި ހިމެނޭ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ ފޭދޫ، ހުޅުދޫ އަދި މީދޫ ފަދަ ރަށްތަކަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ގޮތުން މުހިންމު ދައުރެއް އަދާކޮށްފައިވާ ރަށްތަކެކެވެ. ކޮންމެ ރަށަކީވެސް އަމިއްލަ ތާރީޚާއި، ސަޤާފަތާއި، އާދަކާދައިގެ ވަކި ކުލަވަރެއް އޮތް ރަށްތަކެކެވެ. 2010 ވަނައަހަރު ލާމަރުކަޒީ ޤާނޫނު ތަޢާރަފުކުރެވި، 2010 ވަނަ އަހަރު އައްޑޫ ސިޓީގެ ގޮތުގައި އެއް އިދާރީ ނިޒާމެއްގެ ދަށަށް އައުމާ ހަމައަށް، މި ރަށްތަކުގައި ވަނީ ވަކިވަކި ރަށު އޮފީސްތަކެއް ހިނގަމުން އައިސްފައެވެ.
ސިޓީ ކައުންސިލެއްގެ ގޮތުގައި ބަދަލުވުމާއެކު، އައްޑޫގެ ހުރިހާ ރަށްތަކުގެ އިދާރީ ކަންކަން ހިންގުމަށް ވަނީ މަރުކަޒީ ނިޒާމެއް ޤާއިމުކުރެވިފައެވެ. މި ބަދަލާއެކު، ރަށްރަށުގެ ތަފާތު ބޭނުންތަކާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމައަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބައެއް ރައްޔިތުން ދެކެއެވެ. ޚާއްޞަކޮށް، މީދޫ، ހުޅުދޫ ފަދަ ހިތަދޫއާ ދުރުގައި އޮންނަ ރަށްތަކުގެ ރައްޔިތުންނަށް ޚިދުމަތް ލިބުމުގައި އެކަށީގެންވާ ދަތިތަކެއް ދިމާވަމުންދާކަމަށް ބެލެވެއެވެ.
މީދޫދާއިރާގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލުފުޅާއި ހުޅުދޫގެ ކުރީގެ ކައުންސިލަރުގެ ޚިޔާލުފުޅު
އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުއްރަޙްމާނުގެ ފޭސްބުކް ޕޭޖުގައި ޙިއްޞާކުރައްވާފައިވާ ޚިޔާލުފުޅުގައި ވިދާޅުވެފައިވަނީ، "ވަކި ރަށްތަކެއްގެ ގޮތުގައި ތިބި ރާއްޖޭގެ ނިސްބަތުން އާބާދީ އަދި ބިންބޮޑު އައްޑޫގެ ރަށްތަކަށް ލާމަރުކަޒުވުމުގެ އަސްލު ފާއިދާ ލިބޭނީ އައްޑޫ ވަކިވަކި ރަށްތަކުގައި ކައުންސިލް ހަދައިގެން ކަމުގައި" އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ، ހުޅުދޫގެ ކުރީގެ ކައުންސިލަރު ޝުކުރީވެސް މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ޙިއްޞާކުރައްވާފައިވާ ލިޔުމެއްގައި، "އައްޑޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އައްޑޫ ހުޅުމީދޫއަށް އިދާރީ މިނިވަންކަން ލިބުމުގެ އުފާ އިރާދަކުރެއްވިއްޔާ މިއަންނަ 2026 ވަނަ އަހަރު މި ދެރަށުގައި ފާހަގަކުރެވޭނެ" ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ހަމައެއާއެކު، "ޒަމާންތަކަކަށްފަހު ހިތަދޫގެ އަޅުވެތިކަމުން ސަލާމަތްވުމަށް ލިބޭ ފުރުޞަތުގައި އަންނަ އޮކްޓޯބަރ މަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި ހުޅުދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ އަޅުވެތިކަމުން ސަލާމަތްވުމަށް ވޯޓުދިނުމަށް ހުޅުދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް އާދޭހާއެކު އެދެން" ކަމަށް ޝުކުރީ ވިދާޅުވެފައިވެއެވެ.
ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ރައްޔިތުންގެ ކަންކަން ރައްޔިތުން ނިންމުމަށް މަގުފަހިކޮށްދިނުމެވެ. ނަމަވެސް، އައްޑޫގެ ބައެއް ރަށްތަކުގެ ރައްޔިތުން ދެކޭގޮތުގައި، މިހާރުގެ ސިޓީ ކައުންސިލްގެ ނިޒާމުގެ ސަބަބުން، ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދު ފުރިހަމައަށް ހާސިލުވެފައެއް ނުވެއެވެ.
ސިޓީ ކައުންސިލްގެ ނިޒާމުގެ ދަށުން، އައްޑޫގެ ވަކިވަކި ރަށްތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ އެދެވޭ މިންވަރަށް ހޯދިފައިނުވާކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ، ރަށްރަށުގެ ޚާއްޞަ ބޭނުންތަކާއި ރައްޔިތުންގެ އިޖްތިމާޢީ ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާކަމަށްވެސް ބެލެވެއެވެ.
ވަކިވަކި ކައުންސިލްތަކުގެ ފައިދާތައް
ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ޤާއިމުކުރުމުން، އައްޑޫގެ ރަށްތަކަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އޭގެތެރޭގައި:
ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން
ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް ޤާއިމުކުރެވިގެންދިއުމުން، އެ ރަށެއްގެ ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. ޚާއްޞަކޮށް، މީދޫ އަދި ހުޅުދޫ ފަދަ ހިތަދޫއާ ދުރުގައި އޮންނަ ރަށްތަކުގެ ރައްޔިތުންނަށް އިދާރީގޮތުން ހޯދަން ޖެހޭ ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބިގެންދާނެއެވެ.
ރަށްތަކުގެ ވަސީލަތްތައް ހަރުދަނާކޮށް ތަރައްޤީކުރުން
ކޮންމެ ރަށަކަށް ވަކި ބަޖެޓެއް ލިބިގެންދިއުމުން، އެ ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެއެވެ. މިހާރު ސިޓީ ކައުންސިލްގެ ނިޒާމުގެ ދަށުން، ހުރިހާ ރަށްތަކުގެ ބަޖެޓް އެއްކޮށް ބެލެހެއްޓިގެންދާއިރު، ކުދި ރަށްތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބޭކަމަށް ބެލެވެއެވެ.
ރައްޔިތުންގެ ބައިވެރިވުން އިތުރުވުން
ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ޤާއިމުކުރެވިގެންދިއުމުން، ރައްޔިތުންނަށް އެ ރަށެއްގެ ކަންކަން ނިންމުމުގައި އިތުރަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިހާރު ސިޓީ ކައުންސިލްގެ ނިޒާމުގެ ދަށުން، ގިނަފަހަރަށް ނިންމުންތައް ނިންމަނީ ސިޓީ ކައުންސިލުގެ މެޖޯރިޓީންކަމަށްވުމާއެކު ހުޅުމީދޫގައި ދެކައުންސިލަރުން ތިބުމުން ހުޅުމީދޫ ކައުންސިލަރުން ބޭނުންވާގޮތަށް ކަންކަން ނިންމުގެ އެއްވެސް ބާރެއް ހުޅުމީދޫ ކައުންސިލް އިދާރާތަކަށް ލިބިފައިނޯވެއެވެ.
އިދާރީ މިނިވަންކަން ލިބިގެންދިއުން
ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ޤާއިމުކުރެވިގެންދިއުމުން، ކޮންމެ ރަށަކަށްވެސް އަމިއްލަ އިދާރީ މިނިވަންކަން ލިބިގެންދާނެއެވެ. މިއީ ހުޅުދޫގެ ކުރީގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވި ފަދައިން، "ހިތަދޫގެ އަޅުވެތިކަމުން ސަލާމަތްވުމަށް" ލިބޭ ފުރުޞަތެކެވެ. ކޮންމެ ރަށަކަށްވެސް އެ ރަށެއްގެ ރައްޔިތުންގެ ކަންކަން އެ ރަށެއްގައި ނިންމުމުގެ ބާރު ލިބިގެންދާނެއެވެ.
ސިޓީ ކައުންސިލްގެ ނިޒާމުގެ ފައިދާތައް
އެހެންނަމަވެސް، މިހާރުގެ ސިޓީ ކައުންސިލްގެ ނިޒާމު ދެމެހެއްޓުމުންވެސް ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އޭގެތެރޭގައި:
ވަސީލަތްތައް ހަރުދަނާކޮށް ބޭނުންކުރުން
އައްޑޫގެ ހުރިހާ ރަށްތަކުގެ ވަސީލަތްތައް އެއްކޮށް ބަލަހައްޓައި، ބޭނުންކުރެވިގެންދިއުމުން، އިތުރު ޚަރަދުތަކެއް ނުކޮށް ހަރުދަނާކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ. ވަކިވަކި ކައުންސިލްތަކެއް ޤާއިމުކުރުމުން، ކޮންމެ ރަށަކަށްވެސް އިތުރު އިދާރީ ޚަރަދުތަކެއް ހިނގާނެކަމަށް ބެލެވެއެވެ.
އައްޑޫގެ ހުރިހާ ރަށްތަކަކީ އެއް ނިޒާމެއްގެ ދަށުން ތަރައްޤީވާ ސަރަޙައްދެއްކަމުގައި ވުން
ސިޓީ ކައުންސިލްގެ ނިޒާމުގެ ދަށުން، އައްޑޫގެ ހުރިހާ ރަށްތަކަކީވެސް އެއް ޕްލޭނެއްގެ ދަށުން ތަރައްޤީވަމުންދާ ސަރަޙައްދެއްކަމުގައި ވެގެންދެއެވެ. މިކަމުގެ ސަބަބުން، ވަކިވަކި ރަށްތަކުގެ ތަރައްޤީގެ ޕްލޭންތަކުގެ ބަދަލުގައި، މުޅި އައްޑޫއަށް އަމާޒުކޮށްގެން ދުރުރާސްތާ ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުމަށް ފަސޭހަވެގެންދެއެވެ.
އައްޑޫގެ ބައިނަލްއަޤްވާމީ ހައިސިއްޔަތު ދެމެހެއްޓުން
އައްޑޫ ސިޓީގެ ގޮތުގައި ދެމިއޮތުމުން، ދިވެހިރާއްޖޭގެ ދެވަނަ އެންމެ ބޮޑު ސިޓީގެ ގޮތުގައި އައްޑޫގެ ބައިނަލްއަޤްވާމީ ހައިސިއްޔަތު ދެމެހެއްޓިގެންދާނެއެވެ. މިކަމުގެ ސަބަބުން، ބޭރުގެ އިންވެސްޓްމަންޓްތައް އައްޑޫއަށް ގެނައުމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޙަރަކާތްތައް ބޭއްވުމަށް ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.
ރައްޔިތުންގެ ނިންމުމަކީ އެންމެ މުހިންމު ނިންމުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އައްޑޫގެ ކަންކަން ހިންގާނީ ކޮން ގޮތަކަށްތޯ ނިންމުމުގެ ބާރު ވަނީ އައްޑޫގެ ރައްޔިތުންނަށް ދެއްވާފައެވެ. މިއީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ އަސްލު މަޤްޞަދާ އެއްގޮތަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
އައްޑޫގެ ކޮންމެ ރައްޔިތަކުވެސް، ރަނގަޅަށް ވިސްނައި ފިކުރުކުރުމަށްފަހު، އެ ރައްޔިތަކަށް އެންމެ ފައިދާހުރިކަމަށް ފެންނަ ގޮތަކަށް ވޯޓުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އޮކްޓޯބަރ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ބައިވެރިވެ، އެ ރައްޔިތެއްގެ ޙައްޤު އަދާކުރުމަކީ އައްޑޫގެ މުސްތަޤްބަލަށް ވަރަށް މުހިންމު ކަމެކެވެ.
ވަކިވަކި ކައުންސިލްތަކެއް ޤާއިމުކުރުމުން ލިބިގެންދާނެ ފައިދާތަކަށާއި، މިހާރުގެ ސިޓީ ކައުންސިލްގެ ނިޒާމު ދެމެހެއްޓުމުން ލިބިގެންދާނެ ފައިދާތަކަށް ރިޢާޔަތްކޮށް، ކޮންމެ ރައްޔިތަކުވެސް ނިންމަންވާނީ އެ ރައްޔިތަކަށް އެންމެ ފައިދާހުރި ގޮތެވެ. އަދި އެ ނިންމުމަކީ އައްޑޫގެ މުޅި މުސްތަޤްބަލަށް ފައިދާހުރި ނިންމުމަކަށް ވާންޖެހޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
އަފިރިންގެ ކައުންސިލް އަފިއްނަށް . ހިތަދޫ ގެ އަޅުވެތި ކަމުން މިނިވަން ވުމަށް ހުރިހާ ބޭފުޅުން އަތުގުޅާލާ އެކައްޗެއް ކިޔަމާ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް