އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން މީދޫއާއި ހުޅުދޫގައި ކުރިއަށްގެންދިޔަ "ފަހެލި ބޫޓް ކޭމްޕް 2025" ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މިކޭމްޕްގައި ބައިވެރިވި ކަނބަލުންގެ ތެރެއިން 60 ކަނބަލުން ވަނީ ކޭމްޕްގެ ހުރިހާ މަރުޙަލާއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ކޭމްޕްގައި ހިމެނުނު މައިގަނޑު ޙަރަކާތްތައް
އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޭމްޕްގައި ތަފާތު ގިނަ ޙަރަކާތްތަކެއް ހިމެނިފައިވެއެވެ. އޭގެތެރޭގައި:
1. ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް
2. ޒާތީ ހުނަރުތައް ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް
3. ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް
4. ސަލާމަތާއި ރައްކާތެރިކަމުގެ ތަމްރީނުތައް
އެއްމަސްދުވަހުގެ މި ކޭމްޕްގެ ބައިވެރިން ބަރުދަން ލުއިކުރުމުގައި ހޯދި ކާމިޔާބީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގައިވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވެއެވެ. ކޭމްޕްގެ ބައިވެރިން ބުނެފައިވަނީ އެބައިމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރާއި މީދޫ ކައުންސިލަރު އާމިނަތު ސޯލިހާގެ އިތުރަށް ސ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލް ނާޒްނީނުއެވެ.
މިކޭމްޕްގައި ބައިވެރިވެ ކޭމްޕު ފުރިހަމަކުރި ބައިވެރީންނަށާ ކޭމްޕްގެ ބައިވެރީންނަށް މައުލޫމާތުދީ ޓްރެއިނިންގެ ކަންތައް ކުރިއަށް ގެންގޮސް ދެއްވިފަރާތްތަކަށްވެސް މިރަސްމިއްޔާތުގައި ހަނދާނީ ލިއުން ދެވުނެވެ. ކޭމްޕްގެ ބައިވެރީން ހަނދާނީ ލިއުން ހަވާލް ކޮށްދެއްވީ ހުޅުމީދޫ ޕޮލިސް އިންޗާޖް އަލީ މަޒާހިމްއެވެ.
ކޭމްޕްގެ ބައިވެރީންގެ ތެރެއިން އެޓެންޑެންސްއިން ވަނަ ހޯދި ބައިވެރީންނަށް ސެޓްފިކެޓް ހަވާލްކޮށްދެއްވީ ސ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލް ނާޒްނީންއެވެ.
އަދި މީގެ އިތުރަށް ކޭމްޕް ހިންގުމުގައި އެހީތެރިވި މުވައްސަސާތަކާ ހަނދާނީ ލިއުން ހަވާލްކޮށްދެއްވީ ޑަބްލިއުޑީސީގެ ނާއިބު ރައިސާ ނައުމާ އަބްދުﷲ އެވެ.
6.01 ކިލޯ ބަރުދަން ލުއިކޮށްގެން މިކޭމްޕުން 1 ވަނަ ހޯދާފައިވަނީ ، މީދޫ މެޒޯ އާމިނަތު އަޒުމީނާ -
4.60 ކިލޯ ބަރުދަން ލުއިކޮށްގެން މިކޭމްޕުން 2 ވަނަ ހޯދާފައިވަނީ ، ހުޅުދޫ ސަނާ ނަޖުމީ -
4.55 ކިލޯ ބަރުދަން ލުއިކޮށްގެން މިކޭމްޕުން 3 ވަނަ ހޯދާފައިވަނީ ، ހުޅުދޫ ޝަހުލާ -



ކޭމްޕްގެ ބައިވެރިންނަށާ ވަނަވަނައއަށް ހޮވުނު ބައިވެރިންނަށް އަދި ކޭމްޕް ހިންގުމުގައި އެހީތެރިވެދެއްވި މުވައްސަސާތަކަށް އިނާމާއި ހަނދާނީ ލިއުން ދީ ނިމުމުން މޭޔަރުވަނީ ބައިވެރީންނާއި މުޚާޠަބްކޮށް ވާހަކަފުޅުދައްކަވާފައެވެ.
މޭޔަރު ޢަލީ ނިޒާރު ދެއްކެވި ވާހަކަފުޅުގައި، އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މި މުހިންމު މަސައްކަތް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތަކަށް ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
"މިފަދަ ޕްރޮގްރާމްތަކަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަންހެނުންގެ ދައުރު ފުޅާކޮށް، އެކަނބަލުން ބާރުވެރިކުރުވުމަށް ކުރެވޭ އަގުހުރި މަސައްކަތްތަކެއް. އައްޑޫސިޓީ ކައުންސިލުގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވަން،"
މޭޔަރު ވިދާޅުވިއެވެ.
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނާއިބުރައިސާ ނައުމާ ވިދާޅުވިގޮތުގައި، މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ މަގު ފަހިކޮށްދީ، އެކަނބަލުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމެވެ. އަދި މީގެއިތުރުން، ދިރިއުޅުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކަމަށް ނައުމާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވައި، އަމިއްލަ ނަފްސަށް އިތުބާރު ބޮޑު، ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ބަޔަކަށް ހެދުމެވެ. ހަމައެއާއެކު، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޤާބިލް ބަޔަކަށް ހެދުމަކީވެސް އަޅުގަނޑުމެންގެ އަމާޒެކެވެ،"
ނައުމާ ވިދާޅުވިއެވެ.
ކޭމްޕްގެ ބައިވެރިން މި ކޭމްޕުގެ ތަޖުރިބާއާ ގުޅޭގޮތުން ވަރަށް އިޖާބީ ޝުޢޫރުތަކެއް ފާޅުކޮށްފައިވެއެވެ. ގިނަ ބައިވެރިން ފާހަގަކުރިގޮތުގައި މި ކޭމްޕަކީ އެބައިމީހުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްދިން ކޭމްޕެއްކަމަށް ބުނެފައިވެއެވެ.
"މި ކޭމްޕްގައި ބައިވެރިވުމަށްފަހު އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވޭ. ބަރުދަން މަދުވުމުގެ އިތުރުން، އަޅުގަނޑަށް ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބިފައިވޭ. އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވޭ،"
1 ވަނަ ހޯދި އާމިނަތު އަޒުމީނާ ކޭމްޕްގެ ތަރުރިބާއާއި ބެހޭގޮތުން މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

