މުޖުތަމައެއްގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. ވަކީން ހާއްސަކޮށް ރަށްފުށުގެ ދިރިއުޅުމުގައި ރަށު ކައުންސިލުތައް މިކަމުގައި ޒިންމާދާރު ތަންތަނަށް ވާން އެބަޖެހެ އެވެ.
މީހުންގެ މުދާ ނަހަމަ ގޮތުގައި ނެގުމާއި، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް އެކިމީހުންނަށް ތަފާތުވާނޭހެން ތަންފީޒުކުރަމުން ގެންދިއުމަކީ، ތަހުޒީބު މުޖުތަމައެއްގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މިދެންނެވި އުސޫލުން ކަން ކުރަމުން ގެންދާނަމަ، އެފަދަ މުޖްތަމައެއްގެ ތެރޭގައި ބައިބައިވުން އުފެދިގެން ދިއުމަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކުދި އާބާދީތައް ދިރިއުޅޭ ރަށްފުށުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، މުޖުތަމައުގައި ފިތުނަވެރިކަމާއި ފަސާދައާއި ނަފުރަތުގެ ހުޅު ފަޅައިގެންގޮސް، މުޅި މުޖުތަމައަށް އެކަމުގެ ހިޔަނި އެޅިގެންދާނެކަމީ ވިސްނާ ފިކުރުކުރާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.
މިއަދު ކޮންމެ މީހަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް މަސައްކަތް ކުރަންވީ، ގަދަބަސް ބުނުމުގެ ބަދަލުގައި މުޖުތަމައުގެ ހަމަޖެހުމާއި އެކުވެރިކަން ދެމެހެއްޓޭތޯއެވެ. މަސައްކަތް ކުރަންވާނީ ތިމާމެންނީ އެންމެ ގަދަ މީހުން ކަމުގައި ދެކިގެން މަސްލަހަތު ގެއްލުވައިނުލައި ކަންކަން ހަމަ މަގަށް އެޅުވޭތޯ އެވެ. ކުދިކުދި މުޖުތަމައުތައް ބައިބައި ކޮށްލުމަށް ދޮގުހަދާ މަކަރުވެރި ރޭވުންތައް ރާވާ ފިތުނަ އުފެދޭގޮތައް ވާހަކަ ދައްކުމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭތޯ މަސައްކަތްކުރަންޖެހެއެވެ. ތިމާމެންނީ ގަދަ މީހުންކަމުގައި ވިޔަސް ، އަނެކާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދަނޑިވަޅުތައް އަންނާނެކަން ދަނެގެން ސުލްހަ މަސަލަސްކަން ގާއިމުކުރެވޭތޯ މަސައްކަތް ކުރަންޖެހެއެވެ.
އެހެންކަމުން އަހަރެމެންގެ އެތެރޭގައިވާ ކިނލަބުކަން ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރަން މިވަނީ ޖެހިފައެވެ. އެއީ ވަކި މުވައްސަސާއެއްގެ ނުވަތަ ވަކި މީހެއްގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ ދިވެހި ލޭ ހިނގާ ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


1 ކޮމެންޓު
މީ މިގައުމުގެ މިއަދުގެ ޙާލަތު ވަކިން ޙާއްސަކޮއް މިރަށް އޮތީ މާކުރީގައި.—— ތިރީގައި އަސްލުނަން ޖަހައިފިއްޔާ އަނބިދަރިންނައް މިރަށުގައި އުޅުމައް ނިކުޅަދާނަ ވާނެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް