އައްޑޫސިޓީ ހުޅުދޫގެ މާފިށިގޮޑޮ ( މާފިށިކިޅީގެ ) އިރުމަތީ ފަރާތު ގޮނޑުދޮށް ގިރަމުން ދިއުމުގެ ސަބަބުން މޫދާއި ކިޅި ގުޅި، ކިޅިއަށް ވެލި އެޅެމުންދާކަމީ އެ ސަރަހައްދުގެ ޤުދުރަތީ ނިޒާމަށް ކުރިމަތިވެފައިވާ ނުހަނު ބޮޑު ނުރައްކަލެކެވެ. މި ކަންބޮޑުވުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
މާފިށިކިޅިއަކީ ތަފާތު އެކި ބާވަތްތަކުގެ ދިރުންތައް ދިރިއުޅޭ މުހިންމު ތިމާވެށީގެ ސަރަހައްދެކެވެ. މޫދާއި ކިޅި ގުޅި، ވެލި އެޅެމުންދިއުމަކީ ކުޅީގެ ޤުދުރަތީ ވެށި ނެތިގެންދިއުމުގެ ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބުން ކިޅީގައި ދިރިއުޅޭ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ.
މި މައްސަލަ ހައްލުކުރުމަށް ރަށު ކައުންސިލުން ކަމާބެހޭ މުއައްސަސާތަކުގެ އެހީތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ، ހައްލެއް ހޯދުމަކީ ކުރެވޭނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ހުޅުދޫގައި މިހާރުވެސް ގިނަ އަދަދެއްގެ ބޮޑުހިލަ ހުރުމާއެކު ، އެމްޓީސީސީއާ ވާހަކަދައްކައިގެން މި ހިލަތައް ގިރަމުންދާ ސަރަހައްދުގެ ގޮނޑުދޮށުގައި ޖެހުމުގެ މަސައްކަތް ފެށުމަކީ އެޅިދާނެ އެންމެ އަވަސް ފިޔަވަޅުކަމަށް ފެނެއެވެ. މިކަމުގައި ކައުންސިލުން ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަންވެސް ހޯދިދާނެއެވެ.
މާފިށިގޮޑޮ ސަރަހައްދު ގިރަމުންދާ މައްސަލައާއި ގުޅިގެން ހުޅުދޫ އަމިއްލަ ފަރާތަކުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގުޅުމުން އީޕީއޭއިން ބުނެފައިވަނީ ކައުންސިލްގެ ވެހިކަލްތައް ބޭނުންކޮށްގެން ގިރަމުންދާ ސަރަހައްދަށް ފަސް އަޅައި، އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ކައުންސިލަށް އަންގާފައިވާނެކަމަށެވެ.
މިމައްލާގައި އީޕީއޭއަށް ގުޅިފަރާތުން ކައުންސިލާއި ވާހަކަ ދެއްކުމުން ކައުންސިލުން ބުނެފައިވަނީ އީޕީއޭއިން ތިމަސައްކަތް ކުރިއަށް ގެންދިއުމަށް ކައުންސިލަށް އަންގާފައިނުވާކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތްކަމަށް ކައުންސިލުން ބުނެފައިވާކަމަށް ކައުންސިލާއި ވާހަކަ ދެއްކިފަރާތުން މިނޫހަށް މައުލޫމާތު ދީފައިވެއެވެ.
މާފިށި ކިޅި ސަރަހައްދު ގިރަމުންދާ މައްސަލައާ ގުޅިގެން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ކައުންސިލާ ދެމެދު މުޢާމަލާތްކުރެވިފައިވާ ގޮތާމެދު ފާޅުކުރެވޭ ޚިޔާލު ތަފާތުވުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި މައްސަލައިގައި އީޕީއޭ އާއި ކައުންސިލުން ދައްކާ ވާހަކަ ދިމާނުވާތީ، ރައްޔިތުން ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.
ރަށުގެ ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. ކޮންމެ ރައްޔިތަކުވެސް މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރަންޖެހެއެވެ. އެހެންކަމުން، ހުޅުދޫގެ ރައްޔިތުންނާއި ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްގެން، މާފިށިގޮޑޮ ސަރަހައްދު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

