ލިއުނީ: އައްޝެއިޚް މުހައްމަދު ޠައްޔިބު
ކައިވެނީގެ ޙަޔާތަށް އުފާވެރި ބަދަލެއް ގެނެސްދޭނެ އެންމެ އަސާސީ ޤަވާޢިދަކީ: އޭނާގެ އިޙްސާސްތައް ދަނެގަނެ، އެކަން ޤަބޫލުކުރުމެވެ. ނަމަވެސް، އޭނާގެ ރުޅިވެރިކަމާއި އަޑުގަދަކުރުމުގެ ތެރެއަށް ތިބާ ނުވަންނާށެވެ.
ގިނަ ފަހަރަށް ފިރިހެނުންނަށް ހެދޭ ގޯހަކީ، އަނބިމީހާ ހިތްހަމަނުޖެހި ނުވަތަ ދެރަވެގެން އަޑުގަދަކޮށް ބަސްތައް ބުނަން ފެށުމުން، އެކަމުގެ ރައްދުގައި ރުޅިވެރިކަމާއެކު އަޑުއުފުލުމެވެ. އަމިއްލަ ނަފްސު ދިފާޢުކުރަން އަވަސްވެގަނެ، އޭނާގެ ވާހަކަތައް މެދުކަނޑާލުމެވެ. މިއީ ވަރުގަދަކަމާއި ކެރޭކަން ދެއްކުން ކަމަށް ހީކުރެވުނަސް، ޙަޤީޤަތަކީ މިއީ ރޯވެފައިވާ އަލިފާންގަނޑަކަށް ތެޔޮ އެޅުން ފަދަ ނުރައްކާތެރި ޢަމަލެކެވެ.
އޭނާގެ ރުޅިވެރިކަމާ އެއްވަރަށް ރުޅި އިސްކުރުމަކީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ. އެހެންނަމަވެސް، އޭނާގެ އިޙްސާސްތައް ދެނެގަނެ މަޑުމައިތިރިކަން އިސްކުރުމަކީ ޙަޤީޤީ ލީޑަރޝިޕާއި ފިރިހެންވަންތަކަމެވެ.
މި ދެ ކަންތައް ވަކިކޮށް ދެނެގަންނާށެވެ:
ރުޅިވެރިކަމަށް ރައްދުދިނުމަކީ: ބާރުދެއްކުމާއި، ނުފޫޒު ފޯރުވުމާއި، ގަދަވެގަންނަން މަސައްކަތްކުރުމެވެ.
އިޙްސާސްތައް ބަލައިގަތުމަކީ: އޯގާތެރި ބަސްމަގު އިޚްތިޔާރުކޮށް، ގުޅުން ބަދަހިކޮށް، އޭނާއަށް އަމާންކަމާއި ރައްކާތެރިކަން އިޙްސާސްކޮށްދިނުމެވެ.
އަނބިމީހާ ޖަޒުބާތީވާ ހިނދު އެދެނީ އޭނާގެ މައްޗަށް ގަދަވެގަތުމަކަށް ނޫނެވެ. އޭނާ އެދެނީ އެ އިޙްސާސްތައް ފިރިމީހާއަށް ފަހުމްވުމަށެވެ. އިޙްސާސްތައް ފަހުމްވުމަކީ އޭނާ ދައްކާ ހުރިހާ ވާހަކައަކަށް އެއްބަސްވުމެއް ނޫނެވެ. އެއީ އިތުރު ހާސްކަމެއް އުފެއްދުމެއް ނެތި، އޭނާގެ ހިތުގެ އުދާސްތައް ތިބާއަށް އިޙްސާސްވާކަން އަންގައިދިނުމެވެ.
ޙިކުމަތްތެރި ފިރިޔަކު އަނދަމުންދާ އަލިފާނުގެ ތެރެއަކަށް ނުވަންނާނެއެވެ. އޭނާ ވެގެންދާނީ އެ ހޫނުކަން ފިނިކޮށްދޭ ފެންފޮދަކަށެވެ. މައްސަލަ ޖެހޭ ވަގުތު ތިބާ ހަމަޖެހިގެން ހުރެއްޖެނަމަ، އަނެކާގެ ރުޅި ފިނިވުން އަވަސްވެގެންދާނެއެވެ. ސަބަބަކީ ތިބާގެ ހަމަހިމޭންކަމުގެ އަސަރު އޭނާގެ ނަފްސަށް ކުރާތީއެވެ.
އެހެންކަމުން މުޢާމަލާތުކުރުމުގައި މި އުޞޫލުތައް އިޚްތިޔާރުކުރާށެވެ:ވާހަކަދައްކާ ރާގު މަޑުމައިތިރި ކުރާށެވެ. އޭނާ ކަންބޮޑުވެފައި ހުންނަ ވަގުތު، ފަރުވާކުޑަ ގޮތެއް ނުދައްކާށެވެ. ލަސްލަހުން އަދި ސާފުކޮށް ވާހަކަދައްކާށެވެ. އޭނާ މާޔޫސްވެފައި ހުންނަ ވަގުތު ރުޅި އިސްނުކޮށް، ކެތްތެރިކަމާއެކު އޭނާގެ އިޙްސާސްތަކަށް ޖާގަދޭށެވެ. މުޢާމަލާތުގައި އެންމެ ނުފޫޒުގަދަ ވަސީލަތަކީ ބަސްމަގުގެ ރާގެވެ.
ދުރުހެލިވާންވީ ބަސްމަގު:"މިހާރު ތި ވާހަކަ ކިތައް ފަހަރު ބުނެވިއްޖެ؟"، "މާ ބޮޑުވަރު ތިޔަ ކުރަނީ"، "ކިހިނެއް ވެގެންތަ ތިޔަ އުޅެނީ؟" — މިފަދަ ބަސްތަކުން ދެމަފިރިންގެ ގުޅުން ހީނަރުވެ، ދުރުކަން އުފެދެއެވެ.
ބޭނުންކުރަންވީ ރިވެތި ބަސްމަގު:
"މިކަމާ ތިބާ ވަރަށް ދެރަވެފައި ހުރިކަން އަހަންނަށް އިޙްސާސްވޭ."
"އަހަންނަށް މިކަން އިތުރަށް އޮޅުންފިލުވައިދީބަލަ."
"ތި ހިތުގައި ޖެހުނު ސަބަބު އަހަންނަށް ވިސްނޭ."މިފަދަ އޯގާތެރި ބަސްތަކުން ހިތްތަކަށް ހަމަޖެހުމާއި ރައްކާތެރިކަން ގެނެސްދެއެވެ.
މަޑުމައިތިރިކަމަކީ ބަލިކަށިކަމެއް ނޫނެވެ؛ އެއީ މަތިވެރި ބާރެކެވެ. ޖަޒުބާތުތައް ކެކިއަރާ ވަގުތު ރައްދުދިނުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެފަދަ ޙައްސާސީ ދަނޑިވަޅެއްގައި ސާބިތުކަމާއެކު ހަމަޖެހިގެން ހުރެވޭނީ މަދު، ހަރުދަނާ ފިރިހެނަކަށެވެ.
އެހެންނަމަވެސް، މީގެ މާނައަކީ އިޙްތިރާމް ކުޑަކުރުމާއި އިންފަހަނައަޅައި ދިއުން ތަޙައްމަލުކުރުމެއް ނޫނެވެ. މީގެ ބޭނުމަކީ މައްސަލަ ޙައްލުކުރުމަށް އެންމެ އެކަށޭނަ ވަގުތު އިޚްތިޔާރުކުރުމެވެ. ހަރުދަނާ ފިރިޔަކު އިންތައް ކަނޑައަޅާނީ މަޑުމައިތިރިކަމާއެކުގައެވެ. ރުޅީގައި ހަރުކަށިކަން ދައްކައިގެން އިންތައް ކަނޑައަޅަން އުޅުމަކީ ޤަދަރު ގެއްލިގެންދާނެ ކަމެކެވެ.
އަނބިމީހާ ޖަޒުބާތީވާ ވަގުތު މަޑުމައިތިރިވެލައްވާށެވެ. އަޑު ތިރިކޮށް، ލަސްލަހުން ވާހަކަދައްކަވާށެވެ. އަދި ފުންކޮށް ނޭވާއެއްލުމަށްފަހު އޯގާތެރިކަމާއެކު ބުނެލާށެވެ:"މިކަން ތިބާއަށް ވަރަށް މުހިންމުކަން އަހަންނަށް އިޙްސާސްވޭ... އަހަރެން މިހުރީ އަޑުއަހަން، އިތުރަށް ކިޔައިދީބަލަ. އަހަރެން ބޭނުންވަނީ މިކަން ރަނގަޅަށް އޮޅުންފިލުވަން."
އޭނާގެ ހިތްހަމަޖެހި، މަސްލަޙަތު ފިނިވުމުން ތިބާގެ ޚިޔާލު ހުށަހަޅާށެވެ. އެއަށްފަހު ޙައްލުތައް ހޯދައި، ރިވެތި އިންތައް ކަނޑައަޅާށެވެ.
އަނބިމީހާގެ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެގަންނާކަށް، ނުވަތަ އޭނާއަށްވުރެ ބާރަށް އަޑުއުފުލާކަށް ނުޖެހެއެވެ. ޙަޤީޤީ ފިރިހެންވަންތަކަމަކީ ޖަޒުބާތީ ތޫފާނެއްގެ ތެރޭގައިވެސް، ގުޑުވައިނުލެވޭ ފަދަ ޙިކުމަތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

