އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމަކަށް ވާއިރު، އެއް އާއިލާއެއްގެ މެންބަރުން އެކުގައި ތައުލީމީ ރޮނގުން ހޯދާ ކާމިޔާބީތަކަކީ މުޖުތަމައަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ފަޚުރެކެވެ. އެގޮތުން، މިފަހަރު މުޅި މުޖުތަމައުގެ ސަމާލުކަމާއި ތައުރީފު ހޯދާފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން އުޚުތުން އެކުގައި ކީރިތި ޤުރްއާނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ޑިގްރީ ފުރިހަމަކުރި ޚަބަރަށެވެ.
މި ތާރީޚީ އަދި ނަމޫނާ ކާމިޔާބީ ހާސިލުކޮށްފައިވަނީ ސ. މީދޫ، ރަބީޢުގޭ، ނާސިރާ، ނާދިޔާ އަދި ހަމަ އެގޭ ނާޒުމާއެވެ.
އެއް ބަނޑު އެއް ބަފާ މި ތިންބެއިން ވަނީ ކީރިތި ޤުރްއާނުގެ މާތް އިލްމު އުނގެނުމުގައި ސާބިތުވެތިބެ، ގޮންޖެހުންތަކާ ކުރިމަތިލައި، އެކުގައި މި އަގުހުރި ސަނަދު ހާސިލުކޮށްފައެވެ. ދިރިއުޅުމުގެ އެކި މަސްއޫލިއްޔަތުތަކާ އެކުވެސް، ޤުރްއާނުގެ އިލްމު ހާސިލުކުރުމަށް އެ ކަނބަލުން ދެއްވި އިސްކަމާއި ދެއްކެވި ހިތްވަރަކީ މުޅި މުޖުތަމައަށް، ޚާއްސަކޮށް އަންހެން ކަނބަލުންނަށް ނަމޫނާއެކެވެ.
މި ތިން ބޭފުޅުން ކުރެއްވި ބުރަ، ބަރަކާތްތެރި އަދި އަގުހުރި މަސައްކަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ސާބަހާއި ހޫނު ތަހުނިޔާ އަރިސްކުރަމެވެ. މިއީ ހަމައެކަނި އެ އާއިލާއަށް ލިބުނު ފަޚުރެއް ނޫނެވެ؛ މިއީ މުޅި މީދުއަށްވެސް ލިބުނު ބޮޑު ޝަރަފެކެވެ.
އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ، ތިޔަ އުނގެނުނު މާތް ޢިލްމުގެ އަލީގައި މުޖުތަމައު އަލިކޮށްދީ، އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދީ ފެތުރުމުގައި ދެމިތިއްބެވުމުގެ ތައުފީޤު މާތް ﷲ އެ ކަނބަލުންނަށް މިންވަރުކުރެއްވުމެވެ. އަދި މި މަސައްކަތަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނޭ ހެޔޮ އަމަލެއް ކަމުގައި ލައްވާށިއެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

