މިހާރު އައްޑޫ މީދޫގައި ފެށިގެން ފޯރިއާއެކު ކުރިއަށްދާ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމުގެ ފުރުޞަތު މިރޭ ލިބިގެންދިޔައެވެ.
މިރޭ އެންމެ ފުރަތަމަ ކުޅެވުނު ފޯރިގަދަ މެޗަކީ މީދޫ ފެލްކަން އަދި ފޭދޫ ސީނު ސްޕޯޓްސް ބައްދަލުކުރި މެޗެވެ. ކުޅިވަރުގެ ފޯރި ދެކިލުމަށް ކުޑަވަގުތުކޮޅަކަށް އެތަނުގައި މަޑުކޮށްލި ނަމަވެސް، އެ ވަގުތުކޮޅުގެ ތެރޭގައި ފެނިގެންދިޔަ ބައެއް މަންޒަރުތަކާއި އަޑުއިވިގެންދިޔަ ވާހަކަތަކުން ހިތަށް ލިބުނީ ފުން މާޔޫސްކަމެކެވެ.
ކޯޓުގެ ވަށައިގެން ތިބި ބެލުންތެރިންގެ ތެރެއިން ފާހަގަކުރެވުނީ އަވަށްޓެރި ބައެއް ފަރާތްތަކުން، މީދޫ ޓީމު ބަލިކުރުމުގެ ނިޔަތުގައި ނުހަނު ފޯރިއާއެކު ފޭދޫ ޓީމަށް ސަޕޯޓް ކުރަމުންދިޔަ މަންޒަރެވެ. ވަކި ޓީމަކަށް ސަޕޯޓް ކުރުމަކީ ކުޅިވަރުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، މިރޭ ފެނިގެންދިޔަ މަންޒަރުތަކުގައި އޮތީ ހަމައެކަނި ކުޅިވަރުގެ ސަޕޯޓެއް ނޫނެވެ. ދެ އަވަށުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ޒާތީ ކޯޅުންތަކާއި ރުޅިވެރިކަން އިސްކޮށް، މީދޫ ޓީމު ރޫޅާލައި ބަލިކޮށްލުމަށް ބޭނުންވެގެން އިވެމުންދިޔަ އަޑުތަކެކެވެ.
ހިތާމައަކީ، އަވަށްޓެރި އަވަށުގެ އެތައް ކުދިންނެއް މީދޫ ކުދިންނާ ކައިވެނިކޮށް، އާއިލީ ގޮތުންނާއި ލެއިން މިހާރު ގުޅިލާމެހިފައިވާއިރު ވެސް، އެފަދަ އެއްވެސް މަތިވެރި ގުޅުމަކަށް ބެލުމެއްނެތި މިފަދަ ދަށުދަރަޖައިގެ ޒާތީ ޢަމަލުތައް އިސްކުރެވޭތީއެވެ. ކުޅިވަރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރަން އޮންނަ ވަސީލަތަކަށް ވާއިރު، މިފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކަށް ބުރޫއަރައި، ހިތްތަކުގައި ނަފްރަތުގެ އަލިފާން ރޯވެގެންދެއެވެ.
އިސްލާމްދީނުގައި އަވަށްޓެރިކަމުގެ ގުޅުމަކީ ނުހަނު މަތިވެރި، އަދި ބޮޑުވެގެންވާ ޙައްޤުތަކެއް ކަނޑައެޅިފައިވާ ކަމެކެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއް ނިސާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ:﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ...﴾މާނައީ: "އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށް ހެޔޮކޮށް ހިތާށެވެ..."
މި މާތް އާޔަތުން ދަލީލުކޮށްދޭ ގޮތުގައި އަވަށްޓެރިޔާއަކީ ތިމާގެ މީހަކަށް ވިޔަސް، ނުވަތަ ބޭރު މީހަކަށް ވިޔަސް، އަދި އެއީ މުސްލިމަކަށް ވިޔަސް ނުވަތަ ޣައިރު މުސްލިމަކަށް ވިޔަސް އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި އަމުރުކުރައްވާފައިވާ ވާޖިބެކެވެ. މީގެ އިތުރުން، މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކުންވެސް އަވަށްޓެރިޔާގެ މާތްކަން ވަރަށް ފުރިހަމައަށް ހާމަވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވަމުން ގޮސް، އަވަށްޓެރިޔާއަށް ތަރިކަ މުދަލުން ބައެއް ލިބޭނެކަމަށް ވެދާނެއޭ ހީވާވަރަށް ބާރުއެޅުއްވިއެވެ."
އަޅުގަނޑުމެންގެ ދީނުގައި އަވަށްޓެރިންނަށް ކަނޑައަޅުއްވާފައިވާ މިފަދަ މަތިވެރި ދަރަޖަ ދަނެގަނެ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރަން ދަސްކުރަންޖެހެއެވެ. ކުޅިވަރުގެ މައިދާނުގައި ޓީމުތަކަށް ސަޕޯޓް ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، އެކަން ވާންވާނީ ޞުލްޙަވެރި، އެކުވެރިކަމާއި ކުޅިވަރުގެ ރޫޙު އާލާވާފަދަ ގޮތަކަށެވެ. އަވަށްޓެރިކަމުގެ ބަދަހި ގުޅުމާއި، ޢާއިލީ ގުޅުންތަކަށް ހިޔަނި އެޅޭގޮތަށް، ޒަމާންވީ ޒާތީ ޢަދާވާތްތެރިކަން ކުރިއަށްނެރެ ޢަމަލުތައް ބެހެއްޓުމަކީ މުޖުތަމަޢުގެ ބަދަހިކަން ގެއްލިގެންދާނެ ނުހަނު ދެރަ، ހިތާމަވެރި ކަމެކެވެ. މިއަދު އަޅުގަނޑުމެން އިސްކުރަންވީ ޒާތީ ރުޅިވެރިކަމެއް ނޫނެވެ؛ އެކުވެރިކަމާއި އަވަށްޓެރިކަމުގެ މަތިވެރި ގުޅުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

