އައްޑޫ ސިޓީ މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ ހޭންޑްބޯލް މުބާރާތް ރޭ މީދޫ ފުޓްސަލް ޓާފް ދަނޑުގައި ވަރަށް ކުލަގަދަކޮށް ފަށައިފިއެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުޅުދޫ ހުވަގު ޓީމާއި މީދޫ ފެލްކަން ޓީމެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 21-24 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މީދޫ ފެލްކަން ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މީދޫ ފެލްކަން ޓީމަށް މޮޅު ކުޅުމެއް ދެއްކި ހައްވާ ސައުސަން އެވެ.

މުބާރާތުގައި ރޭ ކުޅެވުނު ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް އަދި ފޭދޫ ކްލަބް ޗެލެންޖާސް އެވެ. ދެ ޓީމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދިޔަ މި މެޗު 5-8 އިން ކާމިޔާބުކުރީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މައިލޯ ސިޓީ ޓީމުގެ ސުހާއެވެ.

މި މުބާރާތުގެ ފޯރިގަދަ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. އެގޮތުން މިރޭ 20:15 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީދޫ ފެލްކަން އަދި ފޭދޫގެ ސީނު ސްޕޯޓްސް އެވެ. އަދި ދެވަނަ މެޗުގައި 21:45 ގައި ބައްދަލުކުރާނީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް އާއި މީދޫ ލެވެންޑާސް އެވެ.
މިއީ އައްޑޫ ސިޓީގެ އަންހެން ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ބާއްވާ މުހިންމު މުބާރާތެކެވެ. އެހެންކަމުން، މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މެޗުތައް ބަލާލުމަށާއި، ބައިވެރިވާ އެކި ރަށްރަށުގެ ޓީމުތަކަށާއި ކުޅުންތެރިންނަށް ހިތްވަރުދީ ސަޕޯޓްކުރުމަށް ވީހާވެސް ގިނަ ފަރާތްތަކަކުން މީދޫ ފުޓްސަލް ޓާފް ދަނޑަށް ދުރުވެދެއްވުމަކީ މީދޫ ޑަބްލިއުޑީސީގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

