އިންސާނީ މުޖުތަމަޢެއްގެ ބަދަހިކަމާއި އަމަންއަމާންކަން ބިނާވެފައިވަނީ އެ މުޖުތަމަޢެއްގެ އަފްރާދުންގެ މެދުގައި އޮންނަ އިތުބާރާއި ތެދުވެރިކަމުގެ މައްޗަށެވެ. ނަމަވެސް، ޒަމާނުއްސުރެ މުޖުތަމަޢުތަކުގެ އެކުވެރިކަން ރޫޅާލައި، ހަމަޖެހުން ނަގާލުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކަމަކީ ދޮގު ޚަބަރާއި އަސާސެއް ނެތް ވާހަކަތައް ފެތުރުމެވެ. މިއީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ، އަދި ދުނިޔެވީ ގޮތުންވެސް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި ޢަމަލެކެވެ.
ދޮގު ވާހަކަތަކާއި ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ޚަބަރުތައް ފަތުރާ މީހުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޚާއްޞަ ނަމަކީ "މުރުޖިފޫން" (الْمُرْجِفُونَ) އެވެ.
ކީރިތި ޤުރުއާނުގެ އަލްއަޙްޒާބު ސޫރަތުގެ 60 ވަނަ އާޔަތުގައި، މުނާފިޤުންނާއި ހިތްތަކުގައި ބަލިމަޑުކަން ހުންނަ މީހުންނާ އެކު މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.
۞ لَّئِن لَّمْ يَنتَهِ الْمُنَٰفِقُونَ وَالَّذِينَ فِي قُلُوبِهِم مَّرَضٌ وَالْمُرْجِفُونَ فِي الْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَا إِلَّا قَلِيلًا
"ދިވެހި ތަރުޖަމާ : މުނާފިޤުންނާއި، އެބައިމީހުންގެ ހިތްތަކުގައި (ޝައްކާއި ވަހުމުގެ) ބަލިމަޑުކަމެއް ހުރި މީހުންނާއި، މަދީނާގައި ދޮގުޚަބަރު ފަތުރާ މީހުން (އެކަންތައްތަކުން) މަނާވެނުގަތްނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ކަލޭގެފާނު ބާރުވެރިކުރައްވައިފާހުއްޓެވެ. އެއަށްފަހު، ކުޑަދުވަސްކޮޅަކަށް މެނުވީ އެރަށުގައި ކަލޭގެފާނުގެ އަވަށްޓެރިންގެ ގޮތުގައި އެބައިމީހުންނަކަށް ނުތިބެވޭނެއެވެ."
މިއިން ދޭހަކޮށްދެނީ އިސްލާމީ ނަޒަރިއްޔާތުން މިފަދަ މީހުންގެ ނުބައިކަމާއި ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެގެންވާ މިންވަރެވެ.
ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، "މުރުޖިފޫން" އަކީ މީސްތަކުންގެ މެދުގައި ބިރުވެރިކަމާއި، ނުތަނަވަސްކަމާއި، ގަޑުބަޑު އުފެއްދުމަށްޓަކައި ދޮގު ވާހަކަތައް ރާވައިގެން ފަތުރާ މީހުންނެވެ. އެބައިމީހުންގެ މައިގަނޑު މަޤްޞަދަކީ ޙަޤީޤަތެއް ނެތް ވާހަކަތައް މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިގެން މީސްތަކުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ނައްތާލުމެވެ. އަދި އަމަންއަމާންކަން ގެއްލުވައިލައި، މީސްތަކުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމެވެ. މިފަދަ މީހުންގެ ސަބަބުން ޢާއިލީ ގުޅުންތައް ކެނޑި، އަވަށްޓެރިކަމުގެ ގުޅުންތައް ހީނަރުވެ، ޤައުމީ ފެންވަރުގައި ބޮޑެތި ހަމަނުޖެހުންތައް އުފެދިގެންދެއެވެ.
ޙަޤީޤަތުގައި، ދޮގު ޚަބަރު ފަތުރާ މީހަކީ މުޅި މުޖުތަމަޢުގައި ހިމެނޭ ނުރައްކާތެރި ވިހަ ގުނަވަނެކެވެ. އިންސާނާގެ ހަށިގަނޑުގެ ގުނަވަނަކަށް ވިހައެއް ވާސިލުވެއްޖެނަމަ، އޭގެ އަސަރު މުޅި ހަށިގަނޑަށް ފޯރައި ހަށިގަނޑު ހަލާކުކޮށްލާ ފަދައިން، މުޖުތަމަޢެއްގެ ތެރޭގައި މިފަދަ ވިހަ ފަތުރާ މީހުން ދޫކޮށްލައިފިނަމަ މުޅި އިޖުތިމާޢީ ވެށި ފަސާދަވެގެންދެއެވެ. އެފަދަ މީހުންނަކީ ހަމައެކަނި ދުލުން ނުވަތަ ގަލަމުން ދޮގު ހަދާ ބައެއް ނޫނެވެ؛ އެއީ މުޅި ޤައުމުގެ އިޖުތިމާޢީ ފޭރާމާއި، ސުލްޙަމަސަލަސްކަން ވިހަކޮށް، ޒަހަރުލަމުންދާ ނުރައްކާތެރި ބައެކެވެ. ޚާއްޞަކޮށް ޒަމާނީ މީސްމީޑިއާ (ސޯޝަލް މީޑިއާ) ގެ ވަސީލަތްތައް ޢާންމުވެފައިވާ މި ޒަމާނުގައި، ބޮތްކަކަށް ފިތާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަތުރާލެވޭ ދޮގު ޚަބަރަކުން އެތައް ބައެއްގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެންދެއެވެ.
ނިންމާލަމުން ދަންނަވާނަމަ، މުރުޖިފުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ އަދި ދީނީ ޒިންމާއެކެވެ. ކިތަންމެ ކުޑަ ޚަބަރެއް ވިޔަސް، އޭގެ ޞައްޙަކަން ކަށަވަރުނުކޮށް ފެތުރުމަކީ ފާފައެއް ކަމާއި، އެއީ އިޖުތިމާޢީ ކުށެއްކަން ދަންނަންޖެހެއެވެ. މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި، މިފަދަ ވިހަ ވިސްނުންތަކާއި ދޮގު ޚަބަރުތަކަށް ޖާގަ ނުދީ، ކޮންމެ މީހަކީވެސް ތެދު މަޢުލޫމާތު ފަތުރާ، ހެޔޮ ކަންކަމަށް ގޮވާލާ ޒިންމާދާރު ރައްޔިތަކަށް ވާންޖެހެއެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

