ޗެމްޕިއަންސް ލީގުގެ ގަދަހިފުމެއްގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު، ލަމީން ޔަމާލް ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބާސެލޯނާއަށް ބޯޅަ ހޯދިޔަނުދީ ހިފެހެއްޓުން ކަމަށް ޕީ.އެސް.ޖީ ގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

"ލަމީން ޔަމާލް ހުއްޓުވަން އޮތް އެންމެ މޮޅު ގޮތަކީ ބާސެލޯނާއަށް ބޯޅަ ނުލިބޭނޭ ގޮތް ހެދުން،"
ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.
"އޭނާއަށް ބޯޅަ ނުލިބޭނަމަ ކަންތައްތައް އޮންނާނީ އަމާންކޮށް. އެއީ އެންމެ ރަނގަޅު ގޮތް، އެކަމަކު ބާސެލޯނާ އާއި ޔަމާލްއާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއްކަން އަހަރެމެން ދަންނަން."
އޭނާ އިތުރަށް ބުނީ، އެފަދަ ފެންވަރުގެ ޓީމަކާ ދެކޮޅަށް ދިފާޢީ ގޮތުން ކުޅެންޖެހޭނީ މުޅި ޓީމު ގުޅިގެން ވަރަށް ފާރަވެރިކަމާއެކު ކަމަށެވެ. އަދި އެއީ ހަމައެކަނި ޔަމާލް ނޫން ކަމަށާއި، ރަފީނިއާ އާއި ޕެޑްރީ ފަދަ މޮޅެތި އެތައް ކުޅުންތެރިންނެއް އެ ޓީމުގައި ތިބިކަން އޭނާ ފާހަގަކުރިއެވެ.
އުމުރުން 19 އަހަރުގެ ޔަމާލް މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް 9 ގޯލު ޖަހައި 10 އެސިސްޓް ހަދާފައެވެ. ބާސެލޯނާ އިން ވަނީ މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. ޔަމާލްގެ ކުޅުން ފެނިގެން ދިޔަ ދުވަހުން ފެށިގެން އޭނާއާ ލިއޮނަލް މެސީއާ އަޅާކިޔެމުންދެއެވެ. ނަމަވެސް، މެސީއަށް ކުރިން ކޯޗުކޮށްދިން އެންރީކޭ ވަނީ އެގޮތަށް އަޅާނުކިޔުމަށް ނަސޭހަތްތެރިވެފައެވެ.
"ލަމީން ބޭނުންވަނީ ލަމީންގެ ގޮތުގައި ހުންނަން، އޭނާ ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން. އެކަމަކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ އަޅާކިޔައިފިނަމަ، އޭގެ ނަތީޖާ އަންނާނެ ގޮތް އެންމެނަށްވެސް އެނގޭނެ. އެހެންވީމާ މިވަގުތު މެސީއާ އޭނާ އަޅާނުކިޔުން އެންމެ ރަނގަޅީ،"
އެންރީކޭ ބުންޏެވެ.
ދެ ޓީމުންވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، އެންރީކޭ ބުނީ މިއީ މުބާރާތުގެ ކުރީކޮޅު ކަމަށްވުމުން، މި މެޗުގެ ނަތީޖާއިން މުސްތަޤްބަލު ނިންމާނުލެވޭނެ ކަމަށެވެ.
"މުބާރާތުގެ އަސްލު ފޯރި ފެންނާނީ އޭޕްރީލް މަހު. ތަށީގެ ވާދަވެރިކަން އޮންނާނީ އޭރުން. މިއީ ހަމައެކަނި ތިން ޕޮއިންޓުގެ މެޗެއް،" އޭނާ ބުންޏެވެ.
ބާސެލޯނާއާ ދެކޮޅަށް ކުޅުމަކީ އެންރީކޭއަށް ޖަޒުބާތީ ކަމެކެވެ. އޭނާ ބުނީ ބާސެލޯނާގެ މެންބަރެއްގެ ގޮތުގައި ހުރުމާއި، އެ ޓީމަށް ކުޅުމާއި، ކޯޗުކަން ކޮށްދިނުމުގެ ސަބަބުން އެ ކްލަބާއި އެ ސަރަޙައްދާ އޮތް ގުޅުން ވަރަށް ބޮޑު ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ޓީމާ ދެކޮޅަށް ކުޅުމަށް އޭނާ އާދަވެފައިވާ ކަމަށާއި، ބާސެލޯނާގެ ކުޅުމަށް އޭނާ އަބަދުވެސް އިޙްތިރާމްކުރާ ކަމަށް ބުންޏެވެ.
"އަހަރެން ބާސެލޯނާގެ ކުޅުން ބަލަން ބޭނުންވޭ. އެ ޓީމުގެ އަމާޒާއި ކުޅުމުގެ ވައްޓަފާޅި އަހަރެމެންނާ ވަރަށް އެއްގޮތް. އެކަމަކު މިމެޗުން މޮޅުވާން އަހަރެން ބޭނުންވޭ. ބާސެލޯނާ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިކުރާ ޓީމަށް ޕީ.އެސް.ޖީ ވާން އަހަރެން އެދެން،"
އެންރީކޭ ވާހަކަ ނިންމާލަމުން ބުންޏެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

