ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިސްނަގައިގެން، އެ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ފަންނާއި ސަގާފަތާ ތަރިކަޔާ ބެހޭ ވުޒާރާ) އާއި، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ބޭއްވި "އައްޝައިޚް ޙުސައިން ޝަރަފުއްދީންގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ބަހުސް މުބާރާތް 2026" ގެ ދެވަނަ އައްޑޫ މީދޫ ކައުންސިލް ޓީމުން ހޯދައިފިއެވެ.

މި މުބާރާތަކީ ދެކުނުގެ ދެ ސިޓީ ކަމުގައިވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މުއައްސަސާތަކަށް އަމާޒުކޮށްގެން، ބަހުސްކުރުމުގެ ފަންނު ދިރުވައި އާލާކުރުމަށާއި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރިގަދަ މުބާރާތެކެވެ.
މުބާރާތުގެ ފައިނަލް މެޗުގައި އައްޑޫ މީދޫ ކައުންސިލްގެ ޓީމު ވާދަކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޓީމާއެވެ. މި ފައިނަލް ބަހުސްގައި މީދޫ ކައުންސިލް ޓީމުން ބަހުސްކޮށް، ވަކާލާތުކޮށްފައިވަނީ "ވެރިކަން ކުރާ ރަށާ ދުރުވުމަކީ ތަރައްޤީއަށް އޮތް ހުރަހެއް ނޫނެވެ" މި މައުޟޫޢުގެ މައްޗަށެވެ.

ދެ ޓީމުގެ ފަރާތުންވެސް ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ދަލީލުތަކަކާއި ހުށަހެޅުންތަކެއް ފެނިގެންދިޔަ މި ފޯރިގަދަ ފައިނަލް ބަހުސް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އައްޑޫ ސިޓީ ކައުންސިލްގެ ޓީމެވެ. މީދޫ ކައުންސިލް ޓީމަށް ލިބުނީ މި މުބާރާތުގެ ދެވަނައެވެ.

މި މުބާރާތުގެ ވަކިވަކި ބަހުސްކުރުންތެރިންގެ ކާމިޔާބީތަކަށް ބަލާއިރު، މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ އައްޑޫ ސިޓީ ކައުންސިލް ޓީމުގެ ޢާއިޝަތު އަނާ ޝަރީފެވެ. އަދި މުބާރާތުގެ ދެވަނަ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް އައްޑޫ މީދޫ ކައުންސިލް ޓީމުގެ ޙައްވާ މުޙައްމަދު ހޮވިފައިވާއިރު، ތިންވަނަ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމުވެސް ހޯދާފައިވަނީ މީދޫ ކައުންސިލް ޓީމުގެ ޝަމްސުއްނިސާއެވެ.

މި މުބާރާތަކީ ދެކުނުގެ ދެ ސިޓީގެ މުއައްސަސާތަކުގެ މެދުގައި ދިވެހިބަހުގެ ޤާބިލުކަން އިތުރުކުރުމަށާއި، ބަހުގެ ހަމަތަކާއި އަދަބިއްޔާތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމުގެ ހުނަރު ދައްކުވައިދިން، ކާމިޔާބު އަދި ނަމޫނާ މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ ފޮޓޯތައް ނަގާފައިވަނީ އައްޑޫސިޓީކައުންސިލް ފޭސްބުކްޕޭޖުންނާއި އައްޑޫމީދޫކައުންސިލްގެ ފޭސްބުކްޕޭޖުން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

