ދިވެހިރާއްޖޭގެ އެކި މުއައްސަސާތަކަކީ އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި، މަސައްކަތުގެ ހުނަރު އިތުރުކުރުމަށްޓަކައި އަގުހުރި، ފުރިހަމަ ތަމްރީނުތަކެއް ފޯރުކޮށްދެމުން އަންނަ ތަންތަނެވެ. ޚާއްޞަކޮށް ސަލާމަތީ ޚިދުމަތްތަކާއި، ދައުލަތުގެ މުހިންމު ވުޒާރާތަކުގައި ޚިދުމަތްކުރާ ފަރާތްތަކަށް ލިބިދެވޭ ތަމްރީނުތަކަކީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަންޏެއް ނޫނެވެ؛ އެއީ އަމިއްލަ ނަފްސު ހަމަމަގަށް އެޅުވުމަށާއި، މުޖުތަމަޢުގައި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދެމިހުރުމަށް ދަސްކޮށްދޭ އަޚްލާޤީ ތަމްރީނުތަކެކެވެ.
މިފަދަ މުއައްސަސާތަކުގައި ޚިދުމަތްކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ނުވަތަ އެހެން ދާއިރާތަކަށް ވަޒީފާ ބަދަލުކުރައްވާ ގިނަ ބޭފުޅުންގެ ކިބައިން ފެންނަނީ ނަމޫނާ ސިފަތަކެކެވެ. އައު ވަޒީފާގެ މާޙައުލުގައިވެސް އެބޭފުޅުން ފާހަގަކުރެވެނީ ޑިސިޕްލިން ހިފަހައްޓާ، ވަގުތަށް ކަމޭހިތާ، އަދި އިސްނަގައިގެން ކަންކަން ނިންމުމުގެ ޤާބިލުކަން ހުރި ބައެއްގެ ގޮތުގައެވެ. އެބޭފުޅުން ވާހަކަދެއްކުމުގައި ގެންގުޅުއްވާ އަދަބުވެރި ބަސްމަގާއި، މީހުންނާ މުޢާމަލާތްކުރުމުގައި ބަހައްޓަވާ މަޑުމައިތިރި އަދި އިޙްތިރާމް ލިބިގެންވާ ގޮތްތަކުން، އެއީ ޚާއްޞަ ތަމްރީނުތަކަކުން ތަރުބިއްޔަތުވެފައިވާ ބައެއްކަން އަމަލާއި ބަހުން ސާބިތުވެއެވެ. މިއީ މުޅި މުއައްސަސާއަށާއި ދައުލަތަށްވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެކެވެ.
ނަމަވެސް، ހިތާމައަކީ މި ފުރިހަމަ ނަމޫނާއާ ޚިލާފަށް، ވަރަށް މަދު ބައެއްގެ ފަރާތުން ފެންނަ ނޭދެވޭ ސިފަތަކެވެ. ރިޓަޔަރ ކުރުމަށްފަހު ނުވަތަ އަމިއްލަ އެހެން ކުންފުނިތަކާއި އޮފީސްތަކަށް ވަޒީފާ ބަދަލުވުމުން، ކުރިން ދަސްކޮށްދިން ރިވެތި އުޞޫލުތައް ހަނދާންނައްތާލާ މަންޒަރު ބައެއް ފަހަރު ފެނެއެވެ. މަސައްކަތުގެ މާޙައުލުގައި ބޭއަދަބީ އަދި ހަޑިހުތުރު ބަސްމަގު ބޭނުންކުރުމާއި، އެހެން މުވައްޒަފުންނަށް ނޭދެވޭ ގޮތްގޮތަށް މުޢާމަލާތްކޮށް، އަޚްލާޤީ މިންގަނޑުން ބޭރުވުން ފަދަ ކަންކަން ބައެއް ފަރާތްތަކުގެ ކިބައިން ފާހަގަކުރެވެއެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން ހަމައެކަނި އެ ވަކިވަކި ފަރުދުންގެ އަގު ވެއްޓެނީއެއް ނޫނެވެ. މީގެ ނޭދެވޭ އަސަރު އެބޭފުޅުން ކުރިން ޚިދުމަތްކުރެއްވި ޝަރަފުވެރި މުއައްސަސާގެ ނަމަށާއި، އެތަނުން ދޭ ތަމްރީނުތަކުގެ ފެންވަރާމެދު މީހުން ދެކޭގޮތަށްވެސް ކުރެއެވެ.
ތަޢުލީމާއި ތަމްރީނަކީ އިންސާނާގެ މުޅި އުމުރަށް އޭނާގެ ކިބައިގައި އަށަގަންނަންޖެހޭ އަގުހުރި ސިފަތަކެކެވެ. ކޮންމެ މާޙައުލެއްގައި އަދި ކޮންމެ ވަޒީފާއެއްގައި އުޅުނު ކަމުގައިވިޔަސް، ދަސްވި ރިވެތި އަދަބުތަކާއި ހަމަތަކުގައި ހިފެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. އަދި އެއީ އެމީހަކު ކުރިން އަދާކުރި ޚިދުމަތަށާއި، ލިބުނު އިލްމާއި ތަމްރީނަށް ދެވޭނެ އެންމެ ބޮޑު އިޙްތިރާމެވެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

