ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ވަރަށް ކުލަގަދަ ހަރަކާތްތަކެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މީދޫގައި ކުރިއަށްދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، އެ ރަށުގެ ދަނޑުވެރިންގެ ބުރަ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމުގެ ގޮތުން މުހިންމު ޒިޔާރަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މީދޫގެ ބައެއް ދަނޑުތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި، ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށްޓަކައި އައްޑޫ މީދޫ ކައުންސިލުން ދަޢުވަތު އަރުވައިގެން އެ ރަށަށް ވަޑައިގެންނެވި ޢިއްޒަތްތެރި މެހެމާނުންނާއި ޚާއްޞަ ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑުތަކަށް ކުރެއްވި މި ޒިޔާރަތުގައި، މިނިސްޓަރު ޝިޔާމް އަދި ވަފުދުގެ ބޭފުޅުން ވަނީ މީދޫގެ ދަނޑުވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލަތު ވަރަށް ގާތުން އޮޅުންފިލުއްވާފައެވެ. އަދި ދަނޑުތަކުގައި ހައްދާފައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެއްސާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ބައްލަވާލައްވައި، ދަނޑުވެރިކަން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ދަނޑުވެރިންނާ ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެއިތުރުން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މީދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ. މީދޫގައި މި ދުވަސްތައް ފާހަގަކުރުމަށްޓަކައި އަދިވެސް އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

