އައްޑޫ ސިޓީގައި ބޭއްވި 'އައްޑޫ ކަލިނަރީ ޗެލެންޖު 2026' ގައި ވާދަކުރި ހުރިހާ ކެޓަގަރީއަކުން އެއްވަނަ ހޯދައިގެން، ސ. ހުޅުދޫގެ “ޓީމު އޯކިޑް” އިން ތާރީޚީ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މި މުބާރާތުގައި ޓީމު އޯކިޑުން ބައިވެރިވި ފަސް ކެޓަގަރީން ވެސް އެއްވަނަ ހޯދާފައިވަނީ ކެއްކުމުގެ ދާއިރާއިން އާދަޔާޚިލާފު ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދީގެންނެވެ. މުބާރާތް އިންތިޒާމުކުރި ފަރާތުން ހާމަކޮށްފައިވާގޮތުން އެއް ޓީމަކުން ފަސް ކެޓަގަރީން ވެސް އެއްވަނަ ހޯދުމަކީ މި މުބާރާތުގެ ތާރީޚުގައި ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ މޮޅު ނަތީޖާއެކެވެ. މިއީ އެ ޓީމުގެ ބައިވެރިންގެ ފަންނީ ހުނަރާއި، ޓީމުވޯކް އަދި ކެއްކުމުގެ ދާއިރާއަށް ހުރި ޝައުގުވެރިކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދިން ކަމެއް ކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުން ހާމަކޮށްފައިވެއެވެ.

މި ކާމިޔާބީއާ ގުޅިގެން ޓީމު އޯކިޑުގެ އޮފިޝަލެއްކަމުގައިވާ ނާސިރާ ބުނީ މިއީ މުޅި ޓީމުން ކުރި ބުރަ މަސައްކަތާއި ހުޅުދޫގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ނަތީޖާ ކަމަށެވެ. އަދި މިފަދަ ފުރުސަތުތަކުގެ ސަބަބުން ރަށްރަށުގައި ތިބޭ ކެއްކުމުގެ ދާއިރާގެ ފަންނުވެރިންނަށް ކުރިއަށްދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި މުބާރާތުން ލިބުނު ރީތި ނަމަކީ ހަމައެކަނި ހުޅުދުއަށް ލިބުނު ޝަރަފެއް ނޫން ކަމަށާއި، މިއީ މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް ނާސިރާ ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ކަލިނަރީ ދާއިރާ ކުރިއަރަމުން އަންނަ މިންވަރު މި ނަތީޖާއިން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާއިރު، މި ކާމިޔާބީއާއެކު ޓީމު އޯކިޑަށާއި ރަށުގެ ޒުވާނުންނަށް ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

