ދިވެހިރާއްޖޭގެ ރަށްރަށާއި ސިޓީތަކުގެ ގޮނޑުދޮށްތަކާއި ޕާކުތަކަށް ބަލައިލުމުން މިއަދު ފެންނަނީ ވަރަށް ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. އިރުއޮއްސި، އަނދިރިކަން ދުނިޔެއަށް ވެރިވަމުންދާ ވަގުތު ގޮނޑުދޮށްތަކާއި ހާމަ ތަންތަނުގައި ކުޑަކުދިން ގޮވައިގެން މައިންބަފައިން ހޭބޯނާރައި އުޅޭ މަންޒަރެވެ. އިރުއޮއްސޭ މަންޒަރު ބަލައިލުމަށާއި، ފޮޓޯ ނެގުމަށް ނުވަތަ ހަވީރު ފިންޏަށް ކުދިން ގޮވައިގެން ނުކުތުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި "ފެޝަނަކަށް" ވެފައިވާ ވަރަށް އާންމު ކަމެކެވެ. ނަމަވެސް، މިއީ ދީނީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ނުހަނު ނުރައްކާތެރި އަދި ހިތާމަވެރި އާދައެކެވެ.
އިރުއޮއްސޭ ވަގުތަކީ ޝައިޠާނުންނާއި ޖިންނީން ބިމުގައި ފެތުރިގަންނަ ވަގުތެކެވެ. މާތް ނަބިއްޔާ ﷺ ގެ ޞައްޙަ ޙަދީޘްފުޅުތަކުން ސާބިތުވާ ގޮތުގައި، އިރުއޮއްސޭ ވަގުތު ކުޑަކުދިން ބޭރުގައި އުޅުން ވަނީ ނަހީކުރައްވާފައެވެ.
ޞަޙީޙުލް ބުޚާރީ އަދި މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ:"ރޭގަނޑުގެ އަނދިރިކަން ފެށިގެން އަންނަހިނދު (ނުވަތަ އިރުއޮއްސޭ ވަގުތު)، ތިޔަބައިމީހުންގެ ކުޑަކުދިން (ގެއިން ބޭރަށް ނުނެރެ) ހިފަހައްޓާށެވެ! ފަހެ، ހަމަކަށަވަރުން އެވަގުތަކީ ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ. އަދި ރޭގަނޑުން ގަޑިއެއްހާއިރު ފާއިތުވެ ދިޔުމުން، އެކުދިން ދޫކޮށްލާށެވެ! އަދި ތިޔަބައިމީހުން ދޮރުތައް ލައްޕާށެވެ! އަދި ﷲ ގެ އިސްމުފުޅު ގަންނާށެވެ!..."
މި މަތިވެރި އިރުޝާދުން ވަރަށް ސާފުކޮށް އެނގިގެންދަނީ، އިރުއޮއްސޭ ވަގުތަކީ ކުޑަކުދިންނަށް ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ގެއްލުންތައް ލިބުމުގެ ފުރުސަތު ބޮޑު ވަގުތެއް ކަމެވެ. ޚާއްޞަކޮށް އަތިރިމައްޗާއި ފަޅު ތަންތަނަކީ ޖިންނީން އުޅޭ މައިދާންތަކަށް ވާއިރު، އެފަދަ ވަގުތުތަކުގައި ކުދިން އެ ތަންތަނަށް ގެންދިއުމަކީ އެކުދިން ނުރައްކަލުގެ ތެރެއަށް ހުށަހެޅުމެވެ.
ހިތާމައަކީ، އިސްލާމީ މަތިވެރި އިރުޝާދުތައް އެނގެން އޮތްއިރުވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިކަމާމެދު ޣާފިލުވެފައިވާ ކަމެވެ. ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު، އިރުއޮއްސޭ ވަގުތަކީ އާއިލާތައް ބޭރަށް ނުކުންނަ އެންމެ މައިގަނޑު ވަގުތު ކަމުގައި ވަނީ ހަދާފައެވެ. ސޯޝަލް މީޑިއާއަށް އަރުވާލާނެ ރީތި ފޮޓޯއެއް ނަގައިލުމަށްޓަކައި ނުވަތަ އޮފީސް ނިންމާފައި ލިބޭ ހުސްވަގުތުކޮޅުގެ ބޭނުން ހިފުމުގެ ނަމުގައި، މަޣުރިބު ނަމާދު ވަގުތު ވަންނައިރުވެސް ކުދިން ގޮނޑުދޮށްތަކުގައި ކުޅެން ބައިތިއްބައެވެ. މިއީ އިސްލާމީ މުޖުތަމައަކުން ފެނިގެންވާނެ ސިފައެއް ނޫނެވެ.
ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެކެވެ. އެކުދިން ރޫޙާނީ އަދި ޖިސްމާނީ ނުރައްކާތަކުން ރައްކާތެރިކުރުމަކީ ކޮންމެ މަންމައެއްގެ އަދި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެހެންކަމުން، "ޓްރެންޑް" ތަކާއި ފެޝަންތަކަށްވުރެ ރަސޫލާ ﷺ ގެ އިރުޝާދުތަކަށް އިސްކަންދޭން ޖެހެއެވެ. އިރުއޮއްސެން ކައިރިވުމުން ކުދިން ގޮވައިގެން ގެއަށް ވަދެ، ދޮރުތައް ލައްޕައި، ޛިކުރުތައް ކިޔައި، އެކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މުޖުތަމަޢު މި ނުރައްކާތެރި އާދައިން ދުރުހެލިވެ، ހޭލުންތެރިވާން މިހާރު މިވަނީ މަޖުބޫރުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

