އައްޑޫ ސިޓީ ހުޅުދޫގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ރަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަޝްރޫޢަކީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ، ޑަބްލިއު.ޑީ.ސީ ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި ޕާކު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިހާރު ނިމިފައިވާ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކާއެކު، ޕާކު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ. މިއީ ހުޅުދޫގެ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި އުފަލެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ފިޔަވަހިތަކުގެ މަސައްކަތްތަކަށް ބަލާއިރު، ދެވަނަ ފިޔަވަހީގައި ޕާކުގެ ބިމުގައި ކާޕެޓް އެޅުމާއި، ކުދިން ކުޅޭނެ އިތުރު ޕާކު ސެޓުތައް ހޯދައި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގައި ޕާކުގެ ތެރޭގައި ޒަމާނީ ސްކޭޓިންގ އޭރިއާއެއް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫޢުގެ ހުރިހާ ފިޔަވަހިތަކެއް ނިމުމުން، މިއީ ހުޅުދޫގައި ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ، ފުރިހަމަ ވަސީލަތްތަކެއް އެކުލެވިގެންވާ މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ވެގެންދާނެއެވެ. މިފަދަ ތަންތަނަކީ ކުޑަކުދިންގެ އިޖުތިމާޢީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ތަންތަނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

