އޭބީސީގެ މަޝްހޫރު ރިއަލިޓީ މުބާރާތް "ޑާންސިންގ ވިތު ދަ ސްޓާސް" ގެ 35 ވަނަ ސީޒަން ދެއްކުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ސީޒަނުން ފެނިގެންދާނީ މީގެ ކުރިން އެކި ރިއަލިޓީ ޝޯތަކުގައި ބައިވެރިވެ، އާންމުންގެ ސަމާލުކަން ހޯދާފައިވާ އަންހެން ފަންނާނުންނެވެ.
ބުދަ ދުވަހު ބޭއްވި "ގެޓް ރިއަލް" އިވެންޓުގައި މި ޝޯގެ އައު ސީޒަން އިޢުލާންކޮށްފައިވާއިރު، މިއަހަރުގެ ފަހުކޮޅު ޝޯ ދައްކަން ފަށާނެއެވެ. މި ސީޒަނުން ފުރަތަމަ ފެންނާނެ ކަމަށް ކަށަވަރުވެފައިވާ ދެ ބައިވެރިންނަކީ "ދަ ޓްރެއިޓާސް" އަދި "ލަވް އައިލެންޑް" އިން މަގުބޫލުކަން ހޯދި މޯރާ ހިގިންސް އާއި "ސަމަރ ހައުސް" ގެ ތަރި ސިއާރާ މިލަރ އެވެ.
މި ފަންނާނުންނާއެކު ނަށާނެ ޕާޓްނަރުންނާއި، މުބާރާތުގައި ދެން ބައިވެރިވާނެ ތަރިންގެ ފުރިހަމަ ލިސްޓު ފަހުގެ ތާރީޚެއްގައި ހާމަކުރާނެ ކަމަށް ޝޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
މޯރާ ހިގިންސް އަކީ "ދަ ޓްރެއިޓާސް" ގެ އެންމެ ފަހުގެ ސީޒަނުގައި ދެވަނަ ހޯދާފައިވާ ފަރާތެކެވެ. މީގެ އިތުރުން އޭނާއަކީ ޔޫކޭގެ "ލަވް އައިލެންޑް" އިން މަޝްހޫރުވުމަށްފަހު، އެ ޝޯގެ އެމެރިކާގެ އެކި ސީޒަންތަކުގެ ހޯސްޓެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.
ސިއާރާ މިލަރ އަކީ ކުރިން އައިސީޔޫ ނަރުހެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ، އަދި "ސަމަރ ހައުސް" ރިއަލިޓީ ޝޯއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. އޭނާ ވަނީ މީގެ ކުރިން "ދަ ޓްރެއިޓާސް" ގެ ސީޒަނެއްގައިވެސް ބައިވެރިވެފައެވެ.
ބީބީސީ ސްޓޫޑިއޯސް އިން އުފައްދާ މި ޝޯގެ 34 ވަނަ ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެކެވެ. އެގޮތުން އެ ސީޒަންގެ ފިނާލޭގައި އެކަނިވެސް 72 މިލިއަން ވޯޓު ލިބިފައިވާއިރު، މުޅި ސީޒަނަށް ބަލާއިރު ގާތްގަނޑަކަށް 10 މިލިއަން މީހުން މި ޝޯ ބަލާފައިވެއެވެ.
މިފަހަރުގެ ސީޒަންވެސް ހުށަހަޅައިދޭނީ އަލްފޮންސޯ ރިބޭރޯ އާއި ޖޫލިއަން ހަފް އެވެ. އަދި ފަނޑިޔާރުންގެ ގޮތުގައި ފެންނާނީ ޑެރެކް ހަފް، ކެރީ އޭން އިނާބާ އަދި ބްރޫނޯ ޓޮނިއޯލީ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

