ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުން އެމަހެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ތިބޭ، އަޅުކަމުގެ މޫސުމެކެވެ. މި މަސް ފެށިގެން އަންނަނީ ވަރަށް ވަރުގަދަ ރޫހެއްގައެވެ. ނަމަވެސް، މަސް މެދަކާ ހަމައަށް ދާއިރު، މި ފެންނަ ރޫހާއި ފޯރި ކުޑަވަމުންދާކަމީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަ ހިތާމަވެރި ހަގީގަތެކެވެ.
މިކަން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް މިސްކިތަކީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީނެވެ. ރަމަޟާން މަސް ފެށިގެން ފުރަތަމަ ހަފްތާ ނިމިގެން ދިޔައިރު، އެ މިސްކިތުގެ ހާލަތަށް ބަލާއިރު، އިޝާ ނަމާދަށާއި ތަރާވީސް ނަމާދަށް އެހާ ގިނަ މީހުން ހާޒިރުވެއެވެ. މިސްކިތުގެ އެތެރެ ފުރިގެން ގޮސް، ބޭރު ފެންޑާގައިވެސް ސަފުތައް ހަދަންޖެހޭ ވަރަށް މީހުން ގިނަވެގެން ދިޔައެވެ. މިއީ އެވަގުތު އެކަމާ އެންމެންވެސް އުފާކުރި، މަންޒަރެކެވެ.
ނަމަވެސް، މިއަދު ރަމަޟާން މަހުގެ 17 ވަނަ ދުވަހާ ހަމައަށް އައިއިރު، އެ މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ކުރިން މީހުން ފުރިފައި އޮތް މިސްކިތުގެ އެތެރޭގެ ހޯލުންވެސް މިހާރު ތިން ސަފުވަރު ހުސްކޮށް އޮންނަތަން ފެނެއެވެ. ބޭރު ފެންޑާގައި ސަފު ހަދަން ޖެހުމުގެ ބަދަލުގައި، މިސްކިތުގެ އެތެރޭގައިވެސް ޖާގަ އޮންނަކަން ފާހަގަކުރެވެއެވެ.
މިއީ ހަގީގަތުގައިވެސް ވަރަށް ހިތާމަހުރި ކަމެކެވެ. ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، އަޅުކަމަށް ދޭ ސަމާލުކަން އިތުރުކޮށް، ފަހު ދިހައަކަށް ތައްޔާރުވުމުގެ ބަދަލުގައި، ފޫހިކަމެއް އައުމަކީ ދީނީ ގޮތުންނާއި ރޫހާނީ ގޮތުން ބަލާއިރުވެސް ދެރަ ކަމެކެވެ. މަހުގެ ފުރަތަމަ ކޮޅު ދެއްކި ހިތްވަރު، މަހުގެ މެދާ ހަމައިން ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހުކުރުމަށް ބޭނުންވާކަމުގެ ހެއްކެކެވެ.
ރަމަޟާން މަހަކީ ހަމައެކަނި ފުރަތަމަ ހަފްތާގެ މަހެއް ނޫނެވެ. މިއީ މުޅި މަސް އެކުއެކީގައި އަޅުކަމުގައި ހޭދަކުރަންޖެހޭ މަހެކެވެ. މަސްޖިދުލް އިބްރާހިމް މަޖުދުއްދީނާއި އެހެނިހެން މިސްކިތްތަކުގެ ހުސްވަމުންދާ ސަފުތަކުން މި ފެންނަނީ އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަން ޖެހިފައިވާ މިންވަރެވެ. އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި މިސްކިތްތަކުގެ ސަފުތައް ފުރި، އިޚްލާޞްތެރިކަމާއެކު އަޅުކަމުގައި ދެމިތިބުމުގެ ތައުފީޤު މާތް اللهُ އަޅުގަނޑުމެން އެންމެންނަށް ދެއްވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

