މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ، ޕެޕް ގާޑިއޯލާ މި ސީޒަނަށްފަހުވެސް މެންޗެސްޓަރ ސިޓީގައި މަޑުކުރުމަށް އުންމީދުކުރާ ކަމަށް ބުނެފިއެވެ. ރޫނީ ދެކޭގޮތުގައި ގާޑިއޯލާއަކީ އެހެން ހުރިހާ ކޯޗުންނަށްވެސް ނަމޫނާ ދައްކަމުންދާ ކޯޗެކެވެ.
އުމުރުން 55 އަހަރުގެ ގާޑިއޯލާ 2016 ވަނަ އަހަރުން ފެށިގެން ސިޓީގެ ކޯޗުކަމާ ހަވާލުވެ ހުރިއިރު، އޭނާ ވަނީ އެ ޓީމަށް ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި މި ސީޒަނަކީ އޭނާގެ ހަތްވަނަ ލީގު ތަށި ހޯދުމުގެ ފުރުސަތު އޮތް ސީޒަނެކެވެ. ނަމަވެސް، އަންނަ ސީޒަނުގައި ގާޑިއޯލާ އެ މަގާމުގައި ހުންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިކަމާ މެދު ގޮތެއް ނިންމާނީ މި ސީޒަން ނިމެން ގާތްވުމުން ނުވަތަ ސީޒަން ނިމުމުން ކަމަށް ބެލެވެއެވެ.

"ދަ ވޭން ރޫނީ ޝޯ" ގެ އެންމެ ފަހުގެ އެޕިސޯޑުގައި ވާހަކަދައްކަމުން ރޫނީ ބުނީ، ބައެއް ކުޅުންތެރިން އޭނާ ވަކިވާން އެދޭނެ ކަމަށާއި، އަނެއް ބަޔަކު ބޭނުންވާނީ އޭނާ މަޑުކުރަން ކަމަށެވެ. މިއީ ކޮންމެ ކޯޗެއްގެ ކަންތައްވެސް ހުންނާނެ ގޮތް ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެން އުންމީދު ކުރަނީ އޭނާ މަޑުކުރުމަށް. އެއީ އޭނާއަކީ ޕްރިމިއާ ލީގަށް ވަރަށް މުހިންމު ކޯޗެއް. އަދި އެންމެ މޮޅު ކޯޗުން ލީގުގައި ތިބުމަކީ އަހަރެމެން އެދޭ ކަމެއް،"
ރޫނީ ބުނެފައިވެއެވެ.
"ވޭތުވެދިޔަ 10 އަހަރު ދުވަހު އޭނާ ވަނީ އެހެން ހުރިހާ ކޯޗުންނަށްވެސް އާ މިންގަނޑުތަކެއް ކަނޑައަޅައިދީފައި."
"ދަ ވޭން ރޫނީ ޝޯ" ގައި ވާހަކަ ދައްކަމުން ރޫނީ ބުނެފައިވެއެވެ.
ގާޑިއޯލާ ސިޓީ ދޫކޮށް ގޮސްފިނަމަ، އެ މަގާމަށް ގެންނަން އެންމެ އެކަށީގެންވަނީ މިހާރު ބަޔާން މިއުނިކްގެ ކޯޗަކަށް ހުރި ވިންސެންޓް ކޮމްޕެނީ ކަމަށް ރޫނީ ގަބޫލުކުރެއެވެ. އޭނާ ބުނީ ކޮމްޕެނީއަކީ ކްލަބް ދަންނަ، އަދި ބަޔާންގައިވެސް ކާމިޔާބީތަކެއް ހޯދަމުންދާ، ގާޑިއޯލާގެ ފަރާތުން ކަންތައްތަކެއް ދަސްކޮށްފައިވާ މީހެއް ކަމަށެވެ. އަދި ދެން އަންނާނެ ކޯޗަކު ހޮވުމުގައިވެސް ގާޑިއޯލާގެ ބައިވެރިވުން އޮންނާނެ ކަމަށް ރޫނީ ބުންޏެވެ.
ލީގު ކާމިޔާބުކުރުމާ ގުޅޭގޮތުން ރޫނީ ބުނީ، އާސެނަލްއަށް ލީގު ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އާސެނަލް އިން އެންމެ ފަހުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުގެ ކުރިން ރޫނީ ބުނީ، މެންޗެސްޓަރ ސިޓީއާއި އާސެނަލް ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށްފިނަމަ، އެއީ ލީގު ރޭހަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.
ރޫނީ ބުނީ އޭނާ 13 އަހަރު ވަންދެން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެފައިވާތީ، ލިވަޕޫލް ނުވަތަ ސިޓީ ލީގު ހޯދުމަށްވުރެ ބޮޑަށް އޭނާ އެދެނީ އާސެނަލް ލީގު ކާމިޔާބުކުރުމަށް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

