މޮރޮކޯ އިން ޕެނަލްޓީ ޖަހައިގެން ނައިޖީރިއާ ބަލިކޮށް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ފައިނަލުގައި ސެނެގޯލާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމާ ގުޅިގެން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރިހޯދައި މޮރޮކޯ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
ރަބާތުގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޫނޫ ދެ ޕެނަލްޓީ ދިފާއުކުރިއިރު، މޮރޮކޯ މޮޅުކޮށްދިން ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔޫސުފް އެން-ނެސީރީއެވެ.
ވޭތުވެދިޔަ 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެފްރިކާގެ ރަސްކަން ހޯދުމުގެ އުންމީދުގައި އޮތް މޮރޮކޯ، އަންނަ އާދީއްތަ ދުވަހު ރަބާތުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ސެނެގޯލާއެވެ.
އަދި ތިންވަނަ ހޮވާ މެޗުގައި ނައިޖީރިއާ ބައްދަލުކުރާނީ މިސްރާއެވެ.
ޕެނަލްޓީ ޝޫޓްއައުޓާ ހަމައަށް ކުޅުނު 120 މިނެޓުގެ ތެރޭގައި މޮރޮކޯއިން ވަނީ ނިސްބަތުން ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ނައިޖީރިއާގެ ގޯލްކީޕަރު ސްޓޭންލީ ނުވާބަލީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮތް ނައިޖީރިއާގެ ފަރާތުން މި މެޗުގައި ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެކެވެ. ހާއްސަކޮށް، ޕެނަލްޓީ ޝޫޓްއައުޓްގައި ސެމިއުލް ޗުކްވުއޭޒޭ އާއި ބްރޫނޯ އޮންޔެމާޗީ ފޮނުވާލި ޕެނަލްޓީތައް ބޫނޫ ދިފާއުކުރުމާއެކު، ނައިޖީރިއާގެ އުންމީދުތައް ފެނަށް ދިޔައެވެ.

މޮރޮކޯއިން މުޅި މުބާރާތުގައިވެސް ދައްކަމުން އައި ހިތްވަރުގަދަ ކުޅުން މި މެޗުގައިވެސް ވަނީ ފެނިގެން ގޮސްފައެވެ. އެ ޓީމުން 1976 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މިމުބާރާތުގެ ތަށި އުފުލާލުމާ ގާތަށް ގޮސްފައިވާއިރު، ކުރިމަތީގައި އޮތީ ވަރުގަދަ ގޮންޖެހުމެކެވެ. އެއީ ޓެންޖިއާގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލްގައި ސާޑިއޯ މާނޭގެ ލަނޑުން މިސްރު ބަލިކުރި ސެނެގޯލްއެވެ.
މެޗުގެ ކުރީކޮޅު މޮރޮކޯއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަޝްރަފް ހަކީމީ ނެގި ކޯނަރަކުން އަޔޫބް އަލް ކައާބީއަށެވެ. ނަމަވެސް، އޭނާއަށް ބޯޅަ ފޮނުވާލާނެ ގޮތަކާމެދު އަވަސް ނިންމުމެއް ނުނިންމުމުގެ ސަބަބުން އެ ފުރުސަތު ވަނީ ބޭކާރުވެފައެވެ. މީގެ އިތުރުން މޮރޮކޯގެ އިސްމާއީލް ސައިބާރީ އުފެއްދި ހަމަލާއެއް ކީޕަރު ނުވާބަލީ ދިފާއުކުރިއިރު، ނައިޖީރިއާގެ ތަރި ވިކްޓާ އޮސީމަންއަށް ލިބުނު މަދު ފުރުސަތުތަކުގައި ބޯޅަ ކޮންޓްރޯލް ކުރުމުގައި އޭނާއަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.
މޮރޮކޯގެ ނައިފް އަގުރްދު ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހި ބޭރުވި ނަމަވެސް، މެޗުގެ 120 މިނެޓު ހަމަވުމުގެ ކުރިންވެސް ނަތީޖާ ނެރުމަށް ޕެނަލްޓީއަށް ދާންޖެހޭނެކަން ގާތްގަނޑަކަށް އޮތީ ޔަގީންވެފައެވެ. ބޫނޫގެ ހުށިޔާރު ސޭވްތަކާއެކު، އެން-ނެސީރީ ކާމިޔާބުކުރި ޕެނަލްޓީން މޮރޮކޯ ވަނީ 2004 ވަނަ އަހަރު ޓިއުނީޝިއާ އަތުން ބަލިވި ފައިނަލަށްފަހު، ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

