ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުންނަށް ދެމުންދިޔަ މުސާރަ ލިބޭ ޗުއްޓީ (ޕެއިޑް ލީވް) އާއި މުސާރަ ނުލިބޭ ގޮތަށް ދޭ ޗުއްޓީ (އަންޕެއިޑް ލީވް) ވަގުތީގޮތުން ހުއްޓާލައިފި އެވެ.
އިއްޔެ ފެނަކައިގެ ހުރިހާ ބްރާންޗްތަކަށާއި ޑިޕާޓްމަންޓްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނި އަލުން ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ހުރިހާ ބާވަތެއްގެ ޗުއްޓީއެއް ދިނުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މުހައްމަދު އަފީފް ހުސައިން ހަވާލުވެވަޑައިގެންނެވި ފަހުން، އެ ކުންފުނީގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހާއްސަ ސްކީމެއް ދާދިފަހުން ވަނީ ހުޅުވާލާފަ އެވެ. މި ސްކީމްގެ ދަށުން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ބަދަލުގެ ގޮތުގައި 4 މަސްދުވަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ޗުއްޓީ ދިނުން ހުއްޓާލުމުގެ އިތުރުން، އިއްޔެ ނެރުނު އެހެން މެމޯއެއްގައި ފެނަކައިން ވަނީ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުވައްޒަފުންގެ ކުށުގެ ރެކޯޑް (ޕޮލިސް ރިޕޯޓް) ހޯދުމަށްފަހު، އެ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވުމަށް ކުއްލި އެންގުމެއް އަންގާފަ އެވެ. މިއީ ކުންފުނީގައި ތިބި މުވައްޒަފުންގެ ހާލަތާއި ފެންވަރު ދެނެގަތުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކެއްގެ ބައެއްގެ ގޮތުގައި ބެލެވެ އެވެ.
ފެނަކައިގެ އެމްޑީ އަފީފް މީގެ ކުރިން ވިދާޅުވެފައިވަނީ، އެކި އިދާރާތަކުން މީގެ ކުރިން ހަދާފައިވާ އޮޑިޓްތަކާއި ރިވިއުތަކުން ކުންފުނީގެ ހިންގުމުގައި އިސްލާހުކުރަންޖެހޭ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. ހާއްސަކޮށް ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފެނަކައިގައި މިހާރުވެސް 8,000 އެއްހާ މުވައްޒަފުން އެބަތިބި ކަމަށެވެ.
"އެބަ ފާހަގަ ކުރެވޭ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުވެސް ވަރަށް ބޮޑަށް މާޔޫސްވެފަ ހުންނަކަން. އޭނައަށް އެކަށީގެންވާ ވަޒީފާގެ ކުރިއެރުން ނުލިބުން. އެހެންނަމަވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ، ކާޑު ޖަހާލާފަ މަސައްކަތާ ދުރުގަ އުޅޭ ބައެއް ފަރާތްތަކަށް ވަޒީފާގެ ކުރިއެރުން ލިބިގެން ދާއިރުގަ ކުންފުނީގައި ގިނަ ދުވަސްވީ، ކުންފުނީގެ މަސައްކަތުގައި ދެމިހުރި މުވައްޒަފުން އެބަ ތިބި ވަޒީފާގެ ކުރިއެރުމެއް ނުލިބި، މުވައްޒަފުންނަށް ލިބެންވާ އެކަށީގެންވާ ހައްގުތައް ނުލިބި، މިކަހަލަ ކަންތައްތަކާ ގުޅިގެން މުވައްޒަފުންގެ ޝަކުވާތައް ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވޭ."
ފެނަކައިގެ އެމްޑީ މުހައްމަދު އަފީފް ހުސައިން ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ނާޖާއިޒު ގޮތުގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން އިތުރުކުރުމާއި، ކުންފުނީގެ ދަރަނި އެތައް ބިލިއަން ރުފިޔާއަކަށް އެރުމުގެ ސަބަބުން ކުންފުނި ވަނީ ބޮޑު މާލީ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައިކަން އެމްޑީ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި މާލީ ބުރައިން ސަލާމަތްވުމަށްޓަކައި، ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ނިންމާފަ އެވެ. މި ބަދަލު އަދި ގެނެސްފައި ނުވާއިރު، ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށާއި، މަސައްކަތެއް ނެތި ތިބި މުވައްޒަފުން މަދު ކުރުމަށާއި، ޒަމާނީ ވިޔަފާރީގެ އުސޫލުތަކަށް ފެއްތުމަށް ބޮޑެތި ފިޔަވަޅުތަކެއް މިހާރު ދަނީ އަޅަމުންނެވެ. އިއްޔެ އިއުލާނުކުރި ޗުއްޓީ ދިނުން ހުއްޓާލުމުގެ ނިންމުމަކީވެސް، ކުންފުނީގެ މާލީ ހާލަތު ކޮންޓްރޯލްކޮށް، ރީސްޓްރަކްޗަރިންގެ މަރުހަލާގެ ތެރެއިން މުވައްޒަފުން ވަކިވުމުގެ ކަންކަން ހަމަޖެހެންދެން އެޅި ވަގުތީ ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

