އެސްޓޯނިޔާގެ ލިލެކިއުލާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް، އިޓަލީން 17 އަހަރުން ދަށުގެ ޔޫރޯގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.
ފައިނަލުގައި އިޓަލީ ބައްދަލުކުރާނީ ފްރާންސް ބަލިކޮށް ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރި ބެލްޖިއަމްއާއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން މަހުގެ 7 ވާ އާދިއްތަ ދުވަހު، އެސްޓޯނިޔާގެ ޓަލިންގެ ލިލެކިއުލާ ސްޓޭޑިއަމްގައެވެ.

އިޓަލީއާއި ސްޕެއިން ރޭ ބައްދަލުކުރި ސެމީފައިނަލް މެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދުމުގެ ފުރުސަތު ސްޕެއިނަށް ލިބުނެވެ. އެއީ ފުރަތަމަ ހާފްގެ ކުރީ ކޮޅު ސްޕެއިނަލަށް ލިބުނު ޕެނަލްޓީންނެވެ. އެކަމަކު ސްޕެއިންގެ ކްރިސްޓިއަން އިމްގާ ފޮނުވާލި ޕެނަލްޓީ އިޓަލީގެ ގޯލްކީޕަރު ކްރިސްޓިއަން ލޫޕޯ ވަރަށް ހުޝިޔާރުކަމާއެކުވަނީ ދިފާއުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް މެޗްގެ މެޗްގެ 42 ވަނަ މިނިޓްގައި އިޓަލީއަށް ލިބުނު ޕެނަލްޓީއަކުން ފެޑެރިކޯ ކްރޯޗީ ވަނީ އިޓަލީއަށް ކުރިހޯދައިދީފައެވެ.
ދެވަނަ ހާފުގައި ސްޕެއިންއިން ކުޅުން ރަނގަޅުކޮށް، މެޗުގެ 77 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް އުރުރެސްޓަރާޒޫ ޖެހި ލަނޑެކެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މިގޮތުން ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ ކީޕަރު ލޫޕޯ ދެ ޕެނަލްޓީ ދިފާއުކޮށް، އިޓަލީ މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.
މިމޮޅާއެކު 2024 ވަނަ އަހަރުގެ ޗެމްޕިއަން އިޓަލީ މިވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި އުފުލާލުމުގެ އުންމީދުގައި ފައިނަލަށް ދަތުރުކޮށްފައެވެ.
މެޗަށްފަހު ނޫސްވެރީންނާ ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ޑެނިއެލް ފްރަންޗެސްކިނީ ބުނީ މިއީ ޓީމު ރޫހުގެ ނަތީޖާ ކަމަށާއި، މިފަދަ މެޗުތަކުގައި މޮޅުވަނީ މޮޅުވުމަށް އެންމެ ބޮޑަށް ބޭނުންވެފައި ތިބޭ ޓީމު ކަމަށެވެ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

