އަޅުގަޑުމެންގެ ތަބީޢަތާއި މުޖުތަމަޢުގެ އާދަކާދަތަކަށް ފުންކޮށް ބަލާއިރު ފެންނަ އެންމެ ހިތާމަވެރި އެއް ޙަޤީޤަތަކީ، މީހަކު ސަތޭކަ ރަނގަޅު ކަންތައް ކޮށްދިން ނަމަވެސް، އޭނާއަށް ހެދޭ އެންމެ ގޯހެއް ފާހަގަކޮށް އެކަމާ މެދު އަޑުއުފުލުމުގެ ނޭދެވޭ އާދައެވެ. މިފަދަ ވިސްނުމަކީ ޒަމާނުއްސުރެ އަޅުގަޑުމެންގެ މެދުގައި އަށަގެންފައިވާ، އެހެންނަމަވެސް އަޅުގަޑުމެންގެ ގުޅުންތައް ބަލިކަށިކޮށް މުޖުތަމަޢުގެ އިތުބާރު ގެއްލުވައިލާ ވަރަށް ނުރައްކާތެރި ސިފައެކެވެ.
މީހެއްގެ މުޅި ޙަޔާތުގައި ކޮށްފައިވާ ހެޔޮ ޢަމަލުތަކާއި، ދީފައިވާ އެހީތެރިކަމާއި، ވެފައިވާ ޤުރުބާނީތައް އެންމެ ވަގުތުކޮޅެއްގެ ކުށްހީއަކުން ނުވަތަ ވެވުނު އެންމެ ގޯހަކުން ފުހެވިގެންދާ މަންޒަރު ފެނުމަކީ ދިރިއުޅުމުގެ އެކި މައިދާންތަކުން ޢާންމުކޮށް ފެންނަ ކަމެކެވެ.
ނަފްސާނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ހެޔޮ ކަންތައްތަކަށްވުރެ ބޮޑަށް ގޯސް ކަންކަމަށް ލޯ އަޅައި، އެކަންކަން ހަނދާނުގައި ބެހެއްޓުމަކީ އަޅުގަޑުމެންގެ ތެރެއިން ބައެއް މީހުންގެ ސިކުނޑީގެ އޮނިގަނޑު އުފެދިފައިވާ ގޮތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ސައިންސްވެރިން މި ޙާލަތަށް ނަންދީފައިވަނީ "ނެގެޓިވިޓީ ބަޔަސް" ނުވަތަ ނޭދެވޭ ކަންކަމަށް ސަމާލުކަންދިނުމެވެ.
މި ޠަބީޢީ ސިފަ ޒަމާނީ މުޖުތަމަޢުގެ އިޖުތިމާޢީ ގުޅުންތަކުގެ ތެރެއަށް ވަދެގެންދާއިރު، ބައެއް މީހުން އެކަކު އަނެކަކާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ކިލަނބުވެގެންދެއެވެ. މީހަކު ކިތަންމެ ގިނަ ހެޔޮ ކަންތައްތަކެއް ކޮށްދިން ނަމަވެސް، އެ ކަންކަމަކީ "ޢާންމު" ކަންކަމުގެ ގޮތުގައި ބަލައިގަނެވި، އޭގެ އަގު ވަޒަންކުރުން ކުޑަވެގެންދެއެވެ. ނަމަވެސް، އޭނާގެ ފަރާތުން ކުޑަވެސް ކުށެއް ފެންނަ ހިނދު، އެއީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ބެލެވި، މުޅި ސިކުނޑި އެ ކަމަކަށް އަމާޒުވެއެވެ. އަޅުގަޑުމެންގެ ނަފްސުގައިވާ ކެތްތެރިކަން ކުޑަކަމާއި، ފުރިހަމަކަން (ޕަރފެކްޝަނިޒަމް) އެހެން މީހުންގެ ކިބައިން ހޯދަން އެދޭ އެދުމަކީ މިފަދަ ވިސްނުންތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމެކެވެ. މީހަކު ފުރިހަމަ ކަން ޤަބޫލުކުރަން ބައެއް ފަހަރު ބައެއް މީހުންގެ ސިކުނޑި ދެކޮޅުހަދަނީ، އަމިއްލަ ނަފްސުގެ އުނިކަންކަން ފޮރުވުމަށްޓަކައި އެހެން މީހުންގެ ކުށްތައް ދެއްކުމަކީ ފަސޭހަ ކަމަކަށް ވާތީއެވެ.
މީގެ އިތުރުން، އެހެން މީހުންގެ ކުށްތައް ހޯދައި އެކަންކަމަށް ފާޑުކިޔުމަކީ ބައެއް މީހުންނަށް ނަފްސާނީ ގޮތުން ލިބޭ ވަގުތީ ހިތްހަމަޖެހުމަކަށް ވެސް ވެއެވެ. މީހެއްގެ މައްޗަށް އިނގިލި ދިއްކޮށްލުމުން އަމިއްލަ ނަފްސަކީ މާ މާތް، މާ ޞާލިޙު މީހެއް ކަމުގެ ވަހުމީ އިޙްސާސެއް އެމީހުންގެ ހިތުގައި އުފެދެއެވެ. މިފަދަ މީހުންނަކީ ގިނަ ފަހަރަށް އެހެން މީހުންގެ ކާމިޔާބީތަކާއި ހެޔޮކަމަށް ޙަސަދަވެރިވާ މީހުންނެވެ. އެހެން މީހަކު ހޯދާފައިވާ ކާމިޔާބީއާއި އޭނާގެ ރިވެތި އަޚްލާޤަކީ ފޫބައްދަން އުނދަގޫ ކަމަކަށް ވާހިނދު، އެމީހާގެ އަގު ވައްޓާލުމަށް ލިބޭ އެންމެ ފަސޭހަ ފުރުޞަތަކީ އޭނާއަށް ހެދޭ ކުޑަކުޑަ ގޯހެއް ނަގައިގެން އެއީ ބޮޑު ކަމެއްގެ ގޮތުގައި ދެއްކުމެވެ.
މި ޙަޤީޤަތްތަކުން ދޭހަވަނީ، އެންމެ ގޯހެއް ފެނުމުން މުޅި މީހާ ގޯސްކޮށްލުމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ޢަމަލެއް ނޫން ކަމާއި، އެއީ ނަފްސުގެ ފުންމިނުގައިވާ ނުތަނަވަސްކަމާއި އަމިއްލަ އެދުމާ ގުޅިފައިވާ ފުން މައްސަލައެއް ކަމެވެ. ރަނގަޅު ކަންކަން ދެނެގަތުމަށްވުރެ ނޭދެވޭ ކަންކަމަށް އަވަހަށް ހޭނޭ ސިކުނޑިއަކަށް ވިސްނައިނުގަނެވެނީ، އެންމެ ކުށަކުން މީހެއްގެ އަގު ވަޒަންކުރުމަކީ އިންސާފުން އެއްކިބާވެފައިވާ ކަމެއް ކަމެވެ. މިފަދަ ނަފްސާނީ ބަލިމަޑުކަމެއްގެ ސަބަބުން، ރަގަޅުކަންކަން ފަތުރަން މަސައްކަތްކުރާ މީހުން މާޔޫސްވެ، މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދިގެން ދިޔުމުގެ ބިރު އަބަދުވެސް އޮވެއެވެ.
މުޖުތަމަޢެއްގައި މިފަދަ ނޭދެވޭ ސަގާފަތެއް އަށަގަތުމަކީ، މީހުން ހެޔޮ ކަންތައްތައް ކުރުމަށް ފަސްޖެހޭނެ ކަމެކެވެ. ސަބަބަކީ ކިތަންމެ ރަނގަޅަކަށް ކަންކަން ކުރި ނަމަވެސް، އެންމެ ކުށަކުން ހުރިހާ އެއްޗެއް ގެއްލިދާނެ ކަމުގެ ބިރު އަބަދުވެސް ހިތުގައި އޮންނާނެތީއެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން އުފެއްދުންތެރިކަމާއި އިސްނެގުމުގެ ރޫޙު މަރުވެގެންދެއެވެ.
ވީމާ މުޖުތަމަޢުގެ އިޖުތިމާޢީ ބަދަހިކަން ދެމެހެއްޓުމަށްޓަކައި، ކުށްތައް ބޮޑުކޮށްގެން ދެއްކުމުގެ ބަދަލުގައި، ކޮށްފައިވާ ހެޔޮ ކަންކަމުގެ އަގު ވަޒަންކުރާ މާޙައުލެއް ބިނާކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

