ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކޮށް، އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމަކަށް މަގުފަހިކުރުމުގެ މަޤްޞަދުގައި، ލައިފް ކޯޗިންގ މޯލްޑިވްސް އަދި އައްޑޫމީދޫ ޑަބްލިއު.ޑީ.ސީ (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ) ގުޅިގެން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ދުޅަހެޔޮ ސިކުނޑިއަކުން - އުޖާލާ ދިރިއުޅުމަކަށް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އައްޑޫ މީދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގޭ ވަރަށް މުހިންމު ސެޝަނެކެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 8 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ އައްޑޫ މީދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
މި ސެޝަން ކުރިއަށް ގެންދަވާނީ މި ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އިސްމާޢީލް ފާއިޒެވެ. އޭނާއަކީ:
ޕްރޮފެޝަނަލް ލައިފް ކޯޗެއް އަދި މައިންޑްފުލްނެސް ކޯޗެއް
ސައިކޯސޯޝަލް ސަޕޯޓް ފަސްޓް އެއިޑަރ އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) ގެ ވޮލަންޓިއަރެއް
ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިކުރުވުމުގައި އިސްނަގައިގެން މަސައްކަތްކުރާ ފަރާތެއް
ވޯލްޑް ފެޑަރޭޝަން ފޯ މެންޓަލް ހެލްތުގެ މެންބަރެއް
ލައިފް ކޯޗިންގ މޯލްޑިވްސްގެ ބާނީގެ އިތުރުން އެން.ޖީ.އޯ 'މައިންޑްފުލް ލިބަރޓީ' ގެ ބާނީއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމެވެ. މިގޮތުން އަލިއަޅުވާލެވޭނެ މައިގަނޑު ކަންކަމަކީ:
ކޮންމެ ދުވަހަކު މައިންޑްފުލްނެސް ފަރިތަކުރުން:
ދިރިއުޅުމުގެ ކަންކަމުގައި ހާސްކަމާއި ފިކުރުތަކުން ދުރުހެލިވެ، ހަމަޖެހުން ހޯދުމަށް ސިކުނޑި ތަމްރީނުކުރާނެ ގޮތްތައް ދަސްކޮށްދިނުން.
ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރިކަން އުފެއްދުން:
މުޖުތަމަޢުގައި ނަފްސާނީ މައްސަލަތަކާ މެދު ދެކޭ ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، އަމިއްލަ ނަފްސަށާއި އަނެކުންނަށް އަޅާލުމުގެ މުހިންމުކަން އަންގައިދިނުން.
އެހީތެރިކަން ފޯރުކޮށްދޭ މުޖުތަމަޢެއް ބިނާކުރުން:
އެކަކު އަނެކަކަށް އެއްބާރުލުންދީ، ނަފްސާނީ ގޮތުން ދަތިވާ ވަގުތުތަކުގައި އެހީތެރިވެވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކުރުން.
މިއީ އައްޑޫ މީދޫގެ ރައްޔިތުންނަށް އަމިއްލަ ދިރިއުޅުމާއި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. ތިބާގެ އަމިއްލަ ނަފްސަށާއި، ޢާއިލާއަށް އަދި މުޅި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި، "ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭށެވެ." މި ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، ދުޅަހެޔޮ ވިސްނުމަކުން އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
މީދޫ އަވަށު އޮފީހުގައި ބާއްވާ ބައްދަލުވުމުގެ އިތުރަށް މީދޫޑަބްލިއުޑީސީއާއި ގުޅިގެން އަތޮޅުމަދަރުސާގެ ބެލެނިވެރީންނާއެކު މާދަމާ 8 ނޮވެމްބަރ 2026 ގައި އަތޮޅުމަދަރުސާގައިވެސް އިސްމާޢީލް ފާއިޒު މީގެ އިތުރު ބައްދަލުވުމެއް ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

