ސްޕެއިންގެ ދެވަނަ ޑިވިޜަންގެ މެޗެއްގެ ތެރޭގައި ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެން، ޓެނެރީފްގެ އުމުރުން 30 އަހަރުގެ ފޯވާޑް ހީސޫސް ޑި މިގޭލް ނިޔާވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު އެފްސީ އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗުގައި، އެންޑޯރާގެ ގޯލްކީޕަރު ހީސޫސް އޮވޯނޯއާގެ ކަކުލުން ބާރަށް ޖެހުމުގެ ސަބަބުން ޑި މިގޭލްގެ ބޯލަށާއި މޭމައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މި ހާދިސާއާ ގުޅިގެން ކީޕަރު އޮވޯނޯއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ހޯމަ ދުވަހު ޑި މިގޭލްގެ ހާލަތު ސީރިއަސް ނަމަވެސް ފަރުވާދޭން ފެށުމުން "ސްޓޭބަލް" ކަމަށް ބެލެވުނެވެ. އެހެންނަމަވެސް އަންގާރަ ދުވަހުގެ ހެނދުނު ހާލަތު ގޯސްވެ، ގްރީނިޗް މީން ޓައިމުން ހެނދުނު 07:00 ގައި އޭނާ ވަނީ ނިޔާވެފައެވެ.
ރޮއިޓާސްއިން ރިޕޯޓްކުރި ގޮތުގައި، ޑި މިގޭލްގެ މަރުގެ މައްސަލާގައި އިހުމާލުން މީހަކު މަރުވުމުގެ ތުހުމަތުގައި ސްޕެއިންގެ ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. ސްޕެއިންގެ ގާނޫނު ބުނާގޮތުން، ގުދުރަތީ ނޫން ގޮތަކަށް މީހަކު މަރުވެއްޖެނަމަ އޮޓޮމެޓިކުން އެ މައްސަލައިގެ ޝަރުއީ ތަހުގީގެއް ހިންގަންޖެހެއެވެ.
" މިއީ ހަގީގަތެއްކަން ގަބޫލުކުރަން ދަތި ހާލަތެއްގައި މިތިބީ،" ޓެނެރީފް ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "މި ބޮޑު ހިތާމަ ލުއިކޮށްދޭނެ އެއްވެސް ބަހެއް ނެތް. އަޅުގަނޑުމެން މިތިބީ އޭނާގެ އާއިލާއާއި، ލޯބިވާ ފަރާތްތަކާއި، އަދި މި ހިތްދަތި ވަކިވުމުގެ ހިތާމައިގައި ބައިވެރިވާ މުޅި ޓެނެރީފްގެ ރައްޔިތުންނާ އެކުގައެވެ."
މި ހާދިސާ ހިނގީ މެޗުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި، ޓެނެރީފާއި އެންޑޯރާ 2-2 އިން އެއްވަރުވެފައި އޮއްވައެވެ. ދުރުން ފޮނުވާލި ބޯޅައެއް ދިފާއުކުރުމަށް ކީޕަރު އޮވޯނޯ ކުރިއަށް އެރި ވަގުތު، އޭނާގެ ކަކޫ ޑި މިގޭލްގެ ހަށިގަނޑުގައި ބާރަށް ޖެހުނު މަންޒަރު ފެނުނެވެ.
ދަނޑުމަތީގައި ހަބަރު ހުސްވެފައި އޮތް ޑި މިގޭލްއަށް މެޑިކަލް ޓީމުން ފަރުވާ ދިނުމަށްފަހު، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނެވެ. މި ހާދިސާގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް ބޮޑު ސިހުމެއް ލިބުނުއިރު، ޓެނެރީފްގެ ބައެއް ކުޅުންތެރިންނަށް ރޮވުނު މަންޒަރު ފެނުނެވެ. ރެފްރީ ވަނީ ކީޕަރު އޮވޯނޯއަށް ސީދާ ރަތް ކާޑެއް ދެއްކުމަށްފަހު މެޗު ހުއްޓާލާފައެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ޑި މިގޭލްގެ ހިތް ހުއްޓުނު ނަމަވެސް، ޕެރާމެޑިކުންގެ މަސައްކަތުން އޭނާގެ ފުރާނަ އަނބުރާ ގެނެވުނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ނިޔާވެފައެވެ.
ޓެނެރީފްގެ ރައީސް ފެލިޕޭ މިނަންބްރެސް ވިދާޅުވީ، ކުޅުންތެރިއަކު ވަކިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ އަސަރުތަކުން އަރައިގަތުމަށް ކްލަބުގެ ކުޅުންތެރިންނަށް "ޕްރޮފެޝަނަލް އެހީތެރިކަން" ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން، އެންޑޯރާ ކްލަބުންނާއި، ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އިތުރުން މަޝްހޫރު ކުޅުންތެރިން ކަމަށްވާ ކީލިއަން އެމްބާޕޭ އަދި ލިއޮނަލް މެސީ ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ފޮނުވާފައެވެ.
މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަންގާރަ ދުވަހު ކުޅެން އޮތް ސްޕެނިޝް ކަޕްގެ މެޗުތައް ފަސްކޮށްފައެވެ.
މެޑްރިޑަށް އުފަން ޑި މިގޭލް ވަނީ ސްޕެއިންގެ އަށް ކްލަބަކަށް ކުޅެފައެވެ. 2023 ވަނަ އަހަރު ކަސްޓެލޯންއާ ގުޅި، އެ ޓީމު ދެވަނަ ޑިވިޜަނަށް ޕްރޮމޯޓް ކޮށްދިނުމުގައި 16 ލަނޑު ޖަހައިދީ މުހިންމު ދައުރެއް އަދާކުރިއެވެ.
ޑި މިގޭލް ޓެނެރީފްއާ ގުޅުނީ 2025 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 29 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ. ޑި މިގޭލް ދުނިޔެ ދޫކުރިއިރު، 2025 ވަނަ އަހަރު އުފަންވި އަންހެން ދަރިއަކު ހުރެއެވެ.






ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

