ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި ބައިވެރިވުމަށް އައްޑޫ މީދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ މެންބަރުން މާލެއަށް ކުރި ދަތުރުގެ ތެރެއިން، ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްޙީ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ މުހިންމު އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، އާސަންދަ ކޮމްޕެނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި ސްޓޭޓް ފާމަސޫޓިކަލްސް (ސްޓޭޓް ފާމާ) ގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ މީދޫގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މަޝްވަރާކުރުމެވެ. މިގޮތުން ދެކެވުނު މައިގަނޑު ވާހަކަތަކުގެ ތެރޭގައި ހިމެނެނީ:
ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުން: ސިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ފުޅާކޮށް، ދިމާވާ ދަތިތައް ހައްލުކުރުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާކުރުން.
އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ލުއިފަސޭހަކުރުން: ރައްޔިތުންނަށް އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ލިބެންޖެހޭ އެހީތެރިކަން އަވަސް އަދި ލުއިފަސޭހަ ނިޒާމަކުން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.
ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުން: ސްޓޭޓް ފާމާ މެދުވެރިކޮށް މީދޫއަށް ބޭނުންވާ ކޮލިޓީ ރަނގަޅު އަދި އަސާސީ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން. އަދި ބޭސްފިހާރަ 24 ގަޑިއިރުގެ ޚިދުމަތް ލިބޭގޮތައް ހުޅުވާފައިބެހެއްޓުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަމާބެހޭ އިދާރާތަކުގެ ވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ސިއްހީމަރުކަޒުގެ ސިއްޙީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުމަކީ ރައްޔިތުންގެ އަޑު ސަރުކާރުގެ އިދާރާތަކާ ހަމައަށް ގެނެސްދީ، ދާއިރާގެ ތަރައްޤީއަށްޓަކައި ޕީއެންސީ ސްޓިއަރިންގ ކޮމިޓީން ކުރިއަށްގެންދިޔަ ވަރަށް ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ ބައްދަލުވުމެއްގެ ގޮތުގައި އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

