އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް އަންހެނުންނެއްގެ ފުރާނައަށް ނުރައްކާކުރަމުންދާ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް، ފަހުގެ އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ އާންމު ދެ އާދައަކަށް ބަދަލު ގެނެސްގެން މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކުރެވިދާނެއެވެ. ހާއްސަކޮށް، 1966 އާއި 1996 އާ ދެމެދު އުފަންވެފައިވާ އަންހެނުންނަށް މިކަމުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު ގާތްގަނޑަކަށް 59،000 މީހުން އަލަށް އުރަމަތީގެ ކެންސަރަށް މަގުފަހިވާކަމަށް ރެކޯޑުކުރެވެއެވެ. ސިއްހީ މާހިރުން އަންދާޒާކުރާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، އަދި ގަވާއިދުން ކަސްރަތު ކުރުމަށް ސަމާލުކަން ދީފިނަމަ، މި ބަލި ޖެހޭ މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން ބަލިން ސަލާމަތްކުރެވިދާނެއެވެ. ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި މާބޮޑަށް ފަލަވުމަކީ އުރަމަތީގެ ކެންސަރުގެ ނުރައްކާ އެންމެ ބޮޑަށް އިތުރުކޮށްދޭ ދެ ކަންތަކަށް ވާތީއެވެ.

ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ދިރިއުޅުމުގެ އާދަކާދަތައް ބިނާވެފައިވަނީ އެ މީހަކު ހުރި އުމުރުގެ މަރުހަލާގެ މައްޗަށް ކަމަށް އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ވަކިން ހާއްސަކޮށް، 1966 އާއި 1996 އާ ދެމެދު އުފަންވި، އުމުރުން 30 އާއި 50 އަހަރާ ދެމެދުގެ އަންހެނުން، ބޭނުންކުރާ ތަކެއްޗަށާއި ހަށިގަނޑުގެ ސަރުބީ އިތުރުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ބަލީގެ ނުރައްކާ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޕްރޮފެސަރ މާކް ގަންޓަރ ވިދާޅުވި ގޮތުގައި، އުމުރުން 30 އިން ފެށިގެން 50 ގެ އަހަރުތަކަކީ ހަށިގަނޑުގެ ބަރުދަން (BMI) އިތުރުވުމާއި ނުރަނގަޅު އާދަތަކަށް މީހާ ހުށަހެޅޭ މުހިންމު ދުވަސްވަރެކެވެ. މިފަދަ ބަދަލުތައް އަންނަ ދުވަސްވަރު ދެނެގަނެވިއްޖެނަމަ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ސިޔާސަތުތައް އެކަށައެޅުމަށް ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ފުރާވަރުގެ އުމުރާއި ވިހި އަހަރުގެ ކުރީކޮޅަކީ ކަސްރަތު ކުރުމަށް ބާރުއެޅުމަށާއި، ހަށިގަނޑުގެ ބަރުދަން ހަލުވިކަމާއެކު އިތުރުވިޔަނުދީ ހިފެހެއްޓުމަށް އެންމެ މުހިންމު މަރުހަލާކަން ވެސް ދިރާސާއިން ދައްކައެވެ.
މި ދިރާސާ ފުރިހަމަކުރުމަށްޓަކައި ސައިންސްވެރިން ވަނީ 110،000 އަށްވުރެ ގިނަ އަންހެނުންގެ މައުލޫމާތު ދިރާސާކޮށް ތަހުލީލުކޮށްފައެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތަކާ ގުޅުންހުރި ކަންކަން މީހާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް ބަދަލުވަމުންދެއެވެ. އަދި 1908 އާއި 1959 އާ ދެމެދު އުފަންވި މީހުންނާ އަޅާބަލާއިރު، ފަހުގެ ޖީލުތަކުގެ މީހުން ނުރަނގަޅު އާދަތަކަށް ހުށަހެޅޭ މިންވަރު ޒުވާން އުމުރުގައި ބޮޑުތަނުން އިތުރުކަން ފާހަގަކުރެވެއެވެ.
'ބްރެސްޓް ކެންސަރ ނައު' ގެ ޗީފް ސައިންޓިފިކް އޮފިސަރ ޑރ. ސައިމަން ވިންސެންޓް ފާހަގަކުރެއްވި ގޮތުގައި، ދިރިއުޅުމުގެ އާދަކާދައަށް ގެނެވޭ ހެޔޮ ބަދަލުތަކުގެ ސަބަބުން މަދުވެގެން %23 އުރަމަތީގެ ކެންސަރު ހުއްޓުވިދާނެއެވެ. މީގެ ތެރޭގައި ހަރަކާތްތެރިވެ އުޅުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، އަދި ސިއްހަތަށް ގެއްލުންދޭ ބުއިންތަކާ ދުރުހެލިވުން މުހިންމު ދައުރެއް އަދާކުރެއެވެ.
އުރަމަތީގެ ކެންސަރަކީ އިނގިރޭސިވިލާތުގައި ވެސް އުމުރުން 50 އަހަރުން ދަށުގެ އަންހެނުން މަރުވާ މައިގަނޑު އެއް ސަބަބެވެ. އެ ގައުމުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 59،400 މީހުންނަށް އަލަށް މި ބަލި ޖެހޭއިރު، އަހަރަކު 11،200 އެއްހާ މީހުން މި ބަލީގައި މަރުވެއެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:
އުރަމަތީގައި ނުވަތަ ކިހިލިފަތްދޮށުގައި ގަނޑެއްލުން ނުވަތަ ދުޅަވުން
ހަމުގެ ކުލައަށް ނުވަތަ އޮމާންކަމަށް ބަދަލު އައުން
އުރަމަތީގެ ބައްޓަމަށް ނުވަތަ ސައިޒަށް އާދަޔާ ހިލާފު ބަދަލެއް އައުން
އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށްޓަކައި އަދި ބަލި ކުރީކޮޅުގައި ދެނެގަތުމަށްޓަކައި، ކޮންމެ އަންހެނަކުވެސް ގަވާއިދުން އަމިއްލައަށް އުރަމަތި ޗެކްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ހަށިގަނޑަށް އަންނަ އާދަޔާ ހިލާފު ބަދަލުތައް އަވަހަށް ދެނެގަނެވިއްޖެނަމަ، ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. އެހެންކަމުން، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ މި ނުރައްކަލުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
މައުލޫމާތު : ދަސަން
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

