ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު ފެށި ސިލްސިލާ ހަނގުރާމަތަކުގައި މަދުވެގެން 4.5 މިލިއަން މީހުން މަރުވެ، 38 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން މަހުރޫމްވެފައެވެ.
އަލްޤައިދާގެ 19 މީހަކު ހަތަރު ފަސިންޖަރު މަތިންދާބޯޓު ހައިޖެކްކޮށް، ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަންއަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 3,000 މީހުން މަރުވި ހާދިސާއަށް މިހާރު ވަނީ 25 އަހަރު ފުރިފައެވެ.
މި ހާދިސާއަށްފަހު، އެމެރިކާއިން އިސްވެ އޮވެ ފެށި ހަނގުރާމަތަކުގެ ސަބަބުން ވޮޝިންޓަނުގެ ޚާރިޖީ ސިޔާސަތު މުޅިން ބަދަލުވެގެންދިޔައެވެ. 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެމެރިކާގެ ސިފައިން ދުނިޔޭގެ ކޮންމެވެސް ގައުމަކަށް ބޮން އަޅަމުން ގޮސްފައިވާއިރު، މީގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުން ވަނީ ގެއްލިފައެވެ.
"ހުރިހާ ކަމެއް ބަދަލުވެއްޖެ،"
2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް އެރިއިރު އެ ގައުމުގައި ކިޔަވަން ހުރި އުމަރު (އަސްލު ނަމެއް ނޫން) އަލްޖަޒީރާއަށް ކިޔައިދިނެވެ. އޭނާ ހަނދާން އައުކުރީ، އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ހެދި ދޮގު ބަހަނާތަކެއްގެ މައްޗަށް ބިނާކޮށް އެ ހަނގުރާމަ ފެށި ގޮތެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާއަށް މަސްދުވަސްވެސް ނުވަނީސް، އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަނެ، ރައީސް ޖޯޖް ޑަބްލިޔު ބުޝް "ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ" އެއް އިއުލާނު ކުރެއްވިއެވެ. މިއީ އަފްޣާނިސްތާނާއި، އިރާގުގެ އިތުރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އަދި އެފްރިކާގެ އެތައް ގައުމަކަށް ފެތުރިގެންދިޔަ، ނިމުމެއް ނެތް އަސްކަރީ ކެމްޕޭނުތަކެއްގެ ފެށުމެވެ.
ބްރައުން ޔުނިވަރސިޓީގެ ވޮޓްސަން އިންސްޓިޓިއުޓުން ހިންގާ 'ކޯސްޓްސް އޮފް ވޯ' ޕްރޮޖެކްޓުން އަންދާޒާކުރާ ގޮތުގައި، 2001 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އިސްވެ އޮވެ ކުރި ހަނގުރާމަތަކުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 4.5 އާއި 4.7 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ހަމަލާތަކުގައި ސީދާ މަރުވި 940،000 މީހުންނާއި، ބަލިމަޑުކަމާއި، ކާނާއަށް ޖެހުމާއި، ސިއްހީ ނިޒާމު ހަލާކުވުމުގެ ސަބަބުން ނުސީދާކޮށް މަރުވި 3.6 އާއި 3.8 މިލިއަނާ ދެމެދުގެ މީހުން ހިމެނެއެވެ.
އަފްޣާނިސްތާން: ހަނގުރާމައިގައި ސީދާ މަރުވި 176،000 މީހުން
އޮކްޓޯބަރު 7، 2001 ގައި އެމެރިކާއިން 'އޮޕަރޭޝަން އެންޑިއުރިންގ ފްރީޑަމް' ފެށިއެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި ތާލިބާނުންގެ ވެރިކަން ވެއްޓުނު ނަމަވެސް، މި ހަނގުރާމަ އެމެރިކާގެ ހަތަރު ރައީސުންގެ ދައުރުގައި، ގާތްގަނޑަކަށް 20 އަހަރަށް ދެމިގެންދިޔައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ކުރި އެންމެ ދިގު ހަނގުރާމައެވެ.
އަންދާޒާކުރެވޭ ގޮތުގައި ހަނގުރާމައިގެ ސަބަބުން ސީދާ ގޮތުން 176،000 މީހުން މަރުވިއިރު، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ މަރުވެފައެވެ. ހަނގުރާމައިގެ ކުރިން ކާނާގެ ރައްކާތެރިކަން ނެތް މީހުންގެ ނިސްބަތް 62 އިންސައްތައިގައި ހުރި ނަމަވެސް، ހަނގުރާމައަށްފަހު އެ އަދަދު 92 އިންސައްތައަށް އުފުލުނެވެ. އަދިވެސް ނުގޮވައި ހުރި ބޮންތަކާއި މައިންތަކުގެ ސަބަބުން އާންމުން ދަނީ މަރުވެ ނުކުޅެދުންތެރިވަމުންނެވެ. 2021 ވަނަ އަހަރު ތާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަމަށް އައެވެ.
އިރާގު: ހަނގުރާމައިގައި ސީދާ މަރުވި 315،000 މީހުން
އަފްޣާން ހަނގުރާމަ ފެށިތާ ދެ އަހަރު ނުވަނީސް، މާރިޗު 19، 2003 ގައި އެމެރިކާއިން އިރާގަށް އަރައިގަތެވެ. އުމަރުގެ އުމުރުން 18 އަހަރުގައި ފެށުނު މި ހަނގުރާމައިގެ ބިރުވެރިކަން އޭނާ ކިޔައިދިނެވެ.
"އަހަރެމެން ހަނދާން ހުރޭ އެ ބޮންތަކުގެ އަޑު؛ އަހަރެމެން ތިބީ ވަރަށް ބިރުން،"
އޭނާ ބުންޏެވެ.
އޭނާގެ ރައްޓެހިންތަކެއް ބަޣުދާދަށް ހަނގުރާމަ ފެތުރިގެންދިޔަ ގޮތް ބަލަން ގޮސް އެނބުރި ނައުމުގެ ހިތާމަވެރި ހަނދާންތައްވެސް އޭނާ ހިއްސާކުރިއެވެ.
ބިމުގައި ކުރި ހަނގުރާމަތަކުގެ އިތުރުން، އެމެރިކާއިން ވަނީ ޕާކިސްތާން، ޔަމަން، ސޯމާލިއާ އަދި ސީރިއާ ފަދަ ގައުމުތަކުގައި ޑްރޯން ހަމަލާތަކާއި ވައިގެ ހަމަލާތައް ދީފައެވެ.
ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމްއިން ރިކޯޑުކޮށްފައިވާ ގޮތުގައި:
ޕާކިސްތާނަށް ދިން 423 ހަމަލާގައި 2،499 އާއި 4،001 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއެވެ. މީގެ ތެރޭގައި 400 އަށްވުރެ ގިނަ އާންމުން ހިމެނެއެވެ.
ޔަމަނުގައި މަދުވެގެން 186 ހަމަލާދީ 853 މީހުން މަރުވިއެވެ.
ސޯމާލިއާގައި 2001 އާއި 2016 އާ ދެމެދު ދިން ހަމަލާތަކުގައި 188 އާއި 276 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއެވެ.
ލީބިޔާގައި މުޢައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ފެށުނު މުޒާހަރާތަކާ ގުޅިގެން 2011 ވަނަ އަހަރު، އާންމުން ހިމާޔަތްކުރުމުގެ ނަމުގައި އެމެރިކާއާއި ނޭޓޯއިން އިސްވެ އޮވެ ހަތް މަސް ދުވަހުގެ ތެރޭގައި 9،700 އެއްހާ ވައިގެ ހަމަލާ އެ ގައުމަށް ދިނެވެ.
2014 ވަނަ އަހަރު އިރާގާއި ސީރިއާގައި އައި.އެސްއާ ދެކޮޅަށް ފެށި 'އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވް' ގައި އެތައް ހާސް ބޮމެއް ބޭނުންކުރިއެވެ. މި އޮޕަރޭޝަނުގައި 1,417 އާންމުން މަރުވި ކަމަށް ރަސްމީ އިދާރާތަކުން ބުނި ނަމަވެސް، 'އެއަރވޯސް' އިން އަންދާޒާކުރާ ގޮތުގައި މަރުވި އާންމުންގެ އަދަދު އުޅެނީ 8،264 އާއި 13،360 އާ ދެމެދުގައެވެ.
ގެދޮރު ގެއްލުމާއި ހިޖުރަކުރުން
'ކޯސްޓްސް އޮފް ވޯ' އިން އަންދާޒާކުރާ ގޮތުގައި، ސެޕްޓެމްބަރު 11 އަށްފަހު ކުރި ހަނގުރާމަތަކުގެ ސަބަބުން އަފްޣާނިސްތާން، އިރާގު، ޕާކިސްތާން، ޔަމަން، ސޯމާލިއާ، ފިލިޕީންސް، ލީބިޔާ އަދި ސީރިއާ ހިމެނޭހެން 38 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
ދެ އަހަރަށްވުރެ ގިނަ ދުވަސް ވީއިރުވެސް، މި ހާލަތަކަށް ބަދަލެއް ނާދެއެވެ. މިދިޔަ އަހަރުވެސް އީރާނާއި ޕާކިސްތާނުން 2.9 މިލިއަން އަފްޣާނުން އަނބުރާ ގައުމަށް ފޮނުވާލިއިރު، އިރާގުގައި މިހާރުވެސް މިލިއަނަކަށްވުރެ ގިނަ މީހުން ތިބީ ގެދޮރު ނެތް ހާލަތުގައެވެ.
އެމެރިކާގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުން
އަފްޣާނިސްތާނުގައި އެމެރިކާގެ 8 ލައްކައަށްވުރެ ގިނަ ސިފައިން ހަގުރާމައިގެރޭގައި އެކިގޮތްގޮތުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 2،500 މީހުން މަރުވެ، 20،000 މީހުން ޒަޚަމްވިއެވެ.
އިރާގު ހަނގުރާމައިގައި އެމެރިކާގެ 3،481 ސިފައިން މަރުވެ، 31،000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
މީގެ އިތުރުން، ހަނގުރާމައިން އެނބުރި އައި ސިފައިންނަށް ކުރަންޖެހޭ ޚަރަދުތައްވެސް ވަރަށް ބޮޑެވެ. 2050 ވަނަ އަހަރާ ހަމައަށް މި ސިފައިންގެ ބެލެހެއްޓުމަށް 2.2 ޓްރިލިއަނާއި 2.5 ޓްރިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.
ހަނގުރާމައިގައި މަރުވި ސިފައިންނަށްވުރެ، ހަނގުރާމައިން އެނބުރި އައިފަހުން އަމިއްލައަށް މަރުވި ސިފައިންގެ އަދަދު ހަތަރު ގުނަ އިތުރުކަމަށް 'ކޯސްޓްސް އޮފް ވޯ' ޕްރޮޖެކްޓުގެ ޑައިރެކްޓަރ ސްޓެފަނީ ސަވެލް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ނަފްސާނީ ބަލިތަކާއި ބޮޑެތި އަނިޔާތަކާއެކު އެނބުރި އަންނަ ސިފައިން، ކުރީގެ ޒަމާންތަކާ އަޅާބަލާއިރު މާ ގިނައިން އަލުން ހަނގުރާމައަށް ފޮނުވާލެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަނގުރާމައިގެ ބުރަ އުފުލަންޖެހެނީ މުޅި އާބާދީގެ ބަދަލުގައި، ވަކި މަދު ބައެއްގެ މައްޗަށެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން ހަނގުރާމަތަކަށް ގާތްގަނޑަކަށް 5.8 ޓްރިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ސިފައިންގެ ބެލެހެއްޓުމަށް ބޭނުންވާ 2.2 ޓްރިލިއަން ޑޮލަރާއެކު، ޖުމްލަ ޚަރަދު މަދުވެގެން 8 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ހަނގުރާމައަށް ކުރި ޚަރަދާ އެއްވަރުގެ އަދަދެއް، ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭނެއެވެ. މިއީ މިއަދުގެ ޒުވާނުން ދައްކަންޖެހޭނެ ދަރަންޏެކެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާގޮތުގައި، އެމެރިކާގެ ރައްޔިތުން މިފަދަ ބޭރުގެ ހަނގުރާމަތަކަށް ތާއީދެއް ނުކުރެއެވެ. ސަވެލް ވިދާޅުވި ގޮތުގައި، ޓްރަމްޕަށް ވޯޓު ދިން ބައެއް މީހުން އެކަން ކުރީ "ނިމުމެއް ނެތް ހަނގުރާމަތައް" ހުއްޓާލާނެ ކަމަށް އޭނާ ވައުދުވުމުންނެވެ. ނަމަވެސް، އޭނާ ވެރިކަމަށް އައުމަށްފަހު ފެނިގެންދިޔައީ އޭގެ އިދިކޮޅު މަންޒަރެވެ. ސޯމާލިއާއާއި ޔަމަނަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށް، އާންމުން ހިމާޔަތްކުރުމަށް އޮންނަ އުސޫލުތައް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން، އެކި ސަރަހައްދުތަކުގައި އެމެރިކާގެ އަނިޔާވެރިކަން ވަނީ އިތުރުވެގެން ގޮސްފައެވެ.
![16 ޑިސެމްބަރު 2011 ގައި އަފްޣާނިސްތާނުގެ ޗަހާރު ދަރާ ޑިސްޓްރިކްޓްގެ އީސާ ޚޭލް އަވަށުގައި އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯސް (ISAF) ގެ ޖަރުމަނު ސިފައިން ފޯރިމަރަމުން ދިޔަ ވަގުތު، އެ ސަރަހައްދުގެ ރައްޔިތުން އެމީހުންނަށް ބަލަނީ. [ތޯމަސް ޕީޓަރ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11046_www.aljazeera.com_-300x117.jpeg)
![26 ޖޫން 2008 ގައި އިރާގުގެ މޫސަލްގެ އަވަށްތަކުގައި އެމެރިކާ ސިފައިން ހަތިޔާރާއި ގޮވާތަކެތި އަދި ހަނގުރާމަވެރިންގެ މަޢުލޫމާތު ހޯދުމަށް ފޯރިމަރަމުން ދިޔައިރު، ތުއްތު ކުއްޖަކު އެނދެއްގައި އޮތް ވަގުތު އަންހެނަކު އެމެރިކާ ސިފައިންނާ ބަހުސްކުރަނީ. [އެޑުއާޑޯ މުނޯޒް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11136_www.aljazeera.com_-300x191.jpeg)
![28 ޖެނުއަރީ 2012 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ނޭޓޯގެ އިސްނެގުމުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯސް (ISAF) ގައި ހިމެނޭ އެމެރިކާ ސިފައިން އަފްޣާނިސްތާނުގެ ކާބުލްގެ ހުޅަނގު ސަރަހައްދުގައި ފޯރިމަރަމުންދާ މަންޒަރު. [ފައިލް: ހޯޝަންގް ހާޝިމީ/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11136_www.aljazeera.com_-1-300x191.jpeg)
![29 މާރޗް 2003 ގައި އިރާގުގެ ބަސްރާގައި، އަންހެން ކުއްޖަކު އޭނާގެ ކޮއްކޮ އުރައިގެން، މަންމަ ކާބޯތަކެތި ގަނެގެން އަންނަންދެން މަޑުކޮށްގެން ހުރި މަންޒަރު. [ޖެރީ ލަމްޕެން/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11146_www.aljazeera.com_-300x187.jpeg)
![13 ނޮވެމްބަރު 2014 ގައި ޔަމަނުގެ ސަންޢާގެ ފާރެއްގައި، އެމެރިކާގެ ޑްރޯން ހަމަލާތައް ކުށްވެރިކޮށް ކުރަހާފައިވާ ކުރެހުމެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ. ޔަމަނުގެ ރިޔާސީ ގަނޑުވަރާ ގާތް މަސްދަރަކުން މަޢުލޫމާތު ދޭ ގޮތުގައި، އެމެރިކާއިން ފޯރުކޮށްދިން ފައިސާ ބޭނުންކޮށްގެން ޑްރޯން ހަމަލާތަކުގެ ޝިކާރައަކަށްވި މީހުންނަށް ޔަމަނުގެ ސަރުކާރުން އެތައް ހާސް ޑޮލަރެއް ބަދަލުގެ ގޮތުގައި ދީފައިވެއެވެ. [ޚާލިދު ޢަބްދުﷲ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11218_www.aljazeera.com_-300x133.jpeg)
![1 އޯގަސްޓް 2012 ގައި ސީރިއާގެ ދިމިޝްގު ކައިރީގައިވާ އަރުތޫޒްގައި، ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިން މަރާލި ކަމަށް އެކްޓިވިސްޓުން ބުނާ މީހުން ވަޅުލުމުގެ ޖަނާޒާގެ ތެރެއިން. [ޝާމް ނިއުސް ނެޓްވޯކް/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11237_www.aljazeera.com_-300x167.jpeg)
![އިސްލާމް ގަލާ ސަރަހައްދުގައި، 40 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގައި އައި.އޯ.އެމް ރިސެޕްޝަން ސެންޓަރަށް ދިޔުމުގެ މަގުމަތީގައި ބައްޕައަކު އޭނާގެ ދަރިންގެ ގައިގައި ފެންލައި ފިނިކުރަނީ. [މުޙައްމަދު އުޘްމާން އަޒީޒީ އައި.އޯ.އެމް 2025]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11252_www.aljazeera.com_-300x129.jpeg)
![9 ނޮވެމްބަރު 2004 ގައި ބަޣުދާދުގެ އަސްކަރީ ހޮސްޕިޓަލަކަށް ގެނެވުނު، ކުރިމަތިލުމެއްގައި ނުރައްކާތެރި އަނިޔާތަކެއް ލިބުނު އެމެރިކާ ސިފައިންގެ މީހަކަށް، އެމެރިކާ ސިފައިންގެ ނަރުހުންގެ ސުޕަވައިޒަރު ޕެޓްރިކް މެކްއެންޑްރޫ ސީ.ޕީ.އާރު ދެނީ. [ޖޯން މުއާ/އޭޕީ ފޮޓޯ]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_1135_www.aljazeera.com_-300x120.jpeg)
![19 ޖުލައި 2012 ގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ ރިމް އޮފް ދަ ޕެސިފިކް (RIMPAC) 2012 ތަމްރީނުތަކުގެ ތެރެއިން، އެމެރިކާގެ 'ޔޫ.އެސް.އެން.އެސް ހެންރީ ޖޭ ކައިޒާ' އިން 'ޔޫ.އެސް.އެސް ޕްރިންސްޓަން' މަނަވަރަށް ބަޔޯފިއުލް އާއި ތެޔޮ އެއްކޮށްފައިވާ އައު ބާވަތުގެ ފިއުލް ފޯރުކޮށްދޭ މަންޒަރު. [ރަޔަން މޭޒް/ޔޫ.އެސް ނޭވީ]](http://voiceofmeedhoo.com/wp-content/uploads/2026/09/Screenshot_11-9-2026_11315_www.aljazeera.com_-300x151.jpeg)
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

