އައްޑޫ މީދޫގެ ރަށްވެހިންނާއި މީދުއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މުނިފޫހިފިލުވުމަށާއި ހިތްހަމަޖައްސައިލުމަށްޓަކައި އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ފިނިމައިޒާންތަކާއި، ޕާކުތައް އަދި އާންމު އެކި ތަންތަން ހަޑިކޮށް، އެ ތަންތަނަށް ގެއްލުންދެމުންދާ މައްސަލއާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއީ މަދު ބައެއްގެ ފަރާތުން ފެންނަމުންދާ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށް، އައްޑޫ މީދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.
މީދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ވަސީލަތްތަކަކީ އެންމެހައި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ތަންތަންކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން ހަލާކުކޮށް، ކުނިއަޅައި ހަޑިކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން، އާންމު ތަންތަނަށް ގެއްލުންދީ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ހިންގާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ. އެގޮތުން، އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށްޓަކައި، ކަމާގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކާ ގުޅިގެން ކައުންސިލުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންކަމަށް ކައުންސިލްގެ ބަޔާބުގައި ބުނެފައިވެއެވެ.
އެހެންކަމުން، ރަށުގެ އެއްވެސް ޕަބްލިކް ތަނަކަށް އެއްވެސް ފަރާތަކުން ގެއްލުންދެނިކޮށް ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ހިނގައިފިކަން އެނގިއްޖެ ހިނދެއްގައި، ލަސްނުކުރައްވައި ވަގުތުން އެ މައްސަލައެއް ކައުންސިލަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ރިޕޯޓްކޮށްދިނުމަށް މީދޫ ކައުންސިލުން ވަނީ އެންމެހައި ރައްޔިތުންގެ ކިބައިން އެދިފައެވެ.
މިފަދަ ކަންކަމަކީ މުޅި މުޖުތަމައުގެ ރީތި ނަމާއި، ރަށުގެ ތަރައްގީއާ ގުޅިފައިވާ ކަންކަން ކަމަށްވާތީ، އާންމު ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ފަރުދީ ޒިންމާ އަދާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

