ބާސެލޯނާއަށް ބަދަލުވުމަށް އެދި ކްލަބާ ދެމެދު އުފެދުނު ނުތަނަވަސްކަމަށްފަހު، އެތުލެޓިކޯ މެޑްރިޑްގެ ތަރި ހޫލިއަން އަލްވަރޭޒް ލިވަޕޫލާ ދެކޮޅަށް ކުޅުމަށް އެންފީލްޑަށް ދަތުރުކުރާނެކަން ކަށަވަރުވެއްޖެއެވެ.
އަލްވަރޭޒް ބާސެލޯނާއަށް ވިއްކާލަން އެތުލެޓިކޯއިން އިންކާރުކުރުމާ ގުޅިގެން ކުޅުންތެރިޔާއާއި ކްލަބާ ދެމެދު މައްސަލަތަކެއް އުފެދުނެވެ. އެއާއކު މި ސީޒަނުގެ ފުރަތަމަ ހަތަރު މެޗުގައިވެސް އޭނާ ފެނިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި އެންމެ ފަހުން އެތުލެޓިކް ބިލްބާއޯ އަތުން 3-0 އިން އެތުލެޓިކޯ ބަލިވި މެޗު ހިމެނެއެވެ. ނަމަވެސް، މީގެ ކުރިން މެންޗެސްޓަރ ސިޓީގައި ހުރިއިރު ލިވަޕޫލް ކޮޅަށް ދެ ގޯލު ޖަހާފައިވާ އަލްވަރޭޒް، ލިވަޕޫލް މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ޑިއޭގޯ ސިމިއޯނީގެ ޓީމަށް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ޕޮއިންޓް ގެއްލިފައެވެ. އަމިއްލަ ދަނޑުގައި ވިޔަރެއާލާ އެއްވަރުވިއިރު، ބިލްބާއޯ އަތުން ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ކޯޗު އެންޑޯނީ އިރައޯލާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގައި އެންފީލްޑްގައި އޭނާ އިރުޝާދުދޭ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމެވެ.
މި މެޗުގައި އެތުލެޓިކޯގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ވިންގަރ އާނައު އޯޓިޒް ނުފެންނާނެއެވެ. އެއީ މީގެ ދެ އަހަރު ކުރިން ހިނގި ހާދިސާއަކާ ގުޅިގެންނެވެ. ޕޮލެންޑްގެ ސްލަސްކް ވްރޮކްލޯއަށް ކުޅުނުއިރު ކޮންފަރެންސް ލީގުގެ ކޮލިފައިން މެޗެއްގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުން ލިބުނު ސަސްޕެންޝަން، މިރޭގެ މެޗުގައި އޭނާ ފުރިހަމަކުރަން ޖެހެއެވެ.
ލިވަޕޫލްގެ ސްކޮޑަށް ބަލާއިރު، ވަޓާރޫ އެންޑޯ އަދި ފެޑެރިކޯ ކިއޭސާ ޗެމްޕިއަންސް ލީގު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން ހޫގޯ އެކިޓިކޭ، ކޮނޯ ބްރެޑްލީ އަދި ޖިއޮވާނީ ލިއޯނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބިއިރު، ޖޯ ގޯމޭޒްވެސް އަދި ހުރީ އަނިޔާގައެވެ. ނަމަވެސް، ޕީއެސްޖީން ބޮޑު އަގުގައި ބަދަލުވި ބްރެޑްލީ ބާކޯލާ އެންފީލްޑްގައި ފުރަތަމަ މެޗު ކުޅޭނެ ކަމަށް ބެލެވެއެވެ.

ބާކޯލާއާ ބެހޭގޮތުން އިރައޯލާ ބުނީ، ވޯލްޑް ކަޕަށްފަހު އޭނާ މެޗެއް ކުޅެފައި ނުވާތީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭނާގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ގިނަ މެޗުތަކުގައި އޭނާގެ ބޭނުން ހިފޭނެ ކަމަށް ކޯޗު ފާހަގަކުރިއެވެ.
އެތުލެޓިކޯ މެޑްރިޑް ސްކޮޑް: އޮބްލަކް، މުސޯ، އެސްކިވެލް، ރޮމޭރޯ، ހަންކޯ، ޕުބިލް، ލެ ނޯމަންޑް، ޑޮމިންގޭޒް، މާޓީނޭޒް، ގްރިމަލްޑޯ، ލޮރެންޓޭ، ކޯކޭ، ހިއުލްމަންޑް، ބާރިއޯސް، މެންޑޯޒާ، ކާޑޯސޯ، ވަރްގަސް، ކަސްޓީލޯ، އަލްވަރޭޒް، ޑޭވިޑް، ލީ، ލުކްމަން، ސިމިއޯނީ، ބައޭނާ.
ލިވަޕޫލް ސްކޮޑް: އެލިސަން، މަމަރްދާޝްވިލީ، ވުޑްމަން، ޔަރޯސް، ވެން ޑައިކް، އަރައުހޯ، ޖެކޭ، ގޯމޭޒް، ފްރިމްޕޮންގް، ކާކޭޒް، ސިމިކާސް، ޗޭމްބާސް، މަބާޔާ، ވާޓްޒް، ސޮބޮސްލައި، މެކް އެލިސްޓާ، ގްރަވެންބާކް، ނިއޯނީ، މެކޮނެލް، އިސާކް، ބާކޯލާ، ގަކްޕޯ، މުނޯޒް، އެންގުމޯހާ، ކޫމާސް، ޑޭންސް.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

