އައްޑޫ މީދޫ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ކައުންސިލުން ނިންމާ ނިންމުންތަކުގައި ފަންނީ މާހިރުންނާއި ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، އެ ކައުންސިލްގެ ފުރަތަމަ ދައުރުގެ ލަފާދޭ (އެޑްވައިޒަރީ) ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި ކޮމިޓީތައް އެކުލަވާލުމަށް ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޢާންމު އިޖުރާއީ ޤަވާއިދުގެ 93 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މިގޮތުން ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބަޔާ ގުޅުންހުރި މުހިންމު 7 ދާއިރާއަކުން ލަފާދޭ ކޮމިޓީތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
އުފެއްދުމަށް ހަމަޖެހިފައިވާ ލަފާދޭ ކޮމިޓީތަކަކީ:
ޒުވާނުންނާއި ކުޅިވަރާ ބެހޭ ލަފާދޭ ކޮމިޓީ
ދީނީ ކަންކަމާ ބެހޭ ލަފާދޭ ކޮމިޓީ
ޞިއްޙަތާއި އިޖުތިމާޢީ ކަންކަމާ ބެހޭ ލަފާދޭ ކޮމިޓީ
ތިމާވެއްޓާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ލަފާދޭ ކޮމިޓީ
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ލަފާދޭ ކޮމިޓީ
ޓޫރިޒަމާއި ވިޔަފާރިއާ ބެހޭ ލަފާދޭ ކޮމިޓީ
ޓެކްނޮލޮޖީއާއި ފަންނުވެރިކަމާއި އާ އީޖާދުތަކާ ބެހޭ ލަފާދޭ ކޮމިޓީ
މީދޫ ކައުންސިލުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޓީތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ގުޅޭނެ ފޯނު ނަންބަރު، ކުރިމަތިލައްވާ ކޮމިޓީގެ ނަން، އަދި އެ ދާއިރާއަކުން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަޖުރިބާ ނުވަތަ ތަރުބިއްޔަތު އަންގައިދޭ ލިޔުންތައް ހިމެނެއެވެ.
މި ލިޔެކިޔުންތައް 2026 ސެޕްޓެމްބަރ 22 ވާ އަންގާރަ ދުވަހުގެ މެންދުރުފަސް 14:00 ގެ ކުރިން، ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެސް (info@addumeedhoo.gov.mv) އަށް މެއިލް ކުރެއްވުމަށް މީދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މިފަދަ ކޮމިޓީތަކެއް އެކުލަވާލުމަކީ ރަށުގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ފަންނީ ބައިވެރިވުން އިތުރުވެ، ދެފުށް ފެންނަ ހަރުދަނާ ވެއްޓެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

