އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ މިވަނީ ސަޕޯޓަރުން އޭނާއާ ދެކޮޅުވެފައިވާ ކްލަބެއްގައި ތާށިވެފައެވެ. ޓްރާންސްފާ މާކެޓް އަންގާރަ ދުވަހު ބަންދުވާއިރު، މި ހޫނު މޫސުމުގެ އެންމެ ބޮޑު މިމައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ.
ނިމިދިޔަ ހަފުތާ ބަންދުގައި އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗުގައި، އެތުލެޓިކޯގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުން އިވުނީ އަލްވަރޭޒާ ދެކޮޅަށް ގުގުމާލި ފާޑުކިޔުންތަކާއި ފުމުމުގެ އަޑެވެ. ބެންޗުގައި އިންއިރު އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.

މެޗުގެ ފަހު ބައިގައި އޭނާ ވޯމްއަޕް ކުރަން ފެށުމުންނާއި، މެޗު ނިމެން ބައިގަޑިއިރަށް ވެފައި ވަނިކޮށް ކުޅެން އެރުވުމުން ވެސް ސަޕޯޓަރުންގެ ނުރުހުން އަމާޒުވިއެވެ. ސަޕޯޓަރުން ދިޔައީ "އެތުލެޓިކޯއަށް އާނއެކޭ، ކުލީ ސިފައިންނަށް (މާސިނަރީންނަށް) ނޫނެކޭ" ގޮވަމުންނެވެ. އެ މެޗުގައި އޭނާއަށް ބޯޅައިގައި އަތްލެވުނީ އެންމެ 12 ފަހަރު ކަމަށްވާއިރު، ފޮނުވާލި ހަމައެކަނި ހަމަލާ ވެސް ބްލޮކްވީއެވެ.

2-2 އިން އެއްވަރުވި އެ މެޗު ނިމުމުން، ޓީމުގެ ކުޅުންތެރިން ސަޕޯޓަރުންނަށް އިހުތިރާމް އަދާކުރަން ތިއްބާ، ކްލަބުގެ ޕްރެސް އޮފިސަރު އަލްވަރޭޒް ގޮވައިގެން އެކަނިމާއެކަނި ދަނޑުން ފޭބިއެވެ. އޭނާ އިސްދަށަށް ޖަހައިގެން ހުރިއިރު، ސަޕޯޓަރުން ދިޔައީ ހަޅޭއްލަވައި ބަދުބަސްތައް ރައްދުކުރަމުންނެވެ.

އުމުރުން 26 އަހަރުގެ މި ކުޅުންތެރިޔާ "ބަލިވެ އުޅޭތީ" މި ހަފުތާގެ ތިން ފަރިތަކުރުމެއްގައި ބައިވެރިއެއް ނުވެއެވެ. އަދި މި ހޮނިހިރު ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅުނުމެޗްގެ ސްކޮޑުގައި އޭނާ ހިމެނިފައެއް ނުވެއެވެ. ސްޕެއިންގެ ރިޕޯޓްތައް ބުނާގޮތުން، މި ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އަލްވަރޭޒް މިހާރު ހުރީ "ޑިޕްރެޝަން" ގައެވެ. މިއީ ނުތަނަވަސްކަން ބޮޑުވަމުންދާ ހާލަތެކެވެ. ނަމަވެސް މި ހިސާބަށް ކަންތައް ދިޔައީ ކިހިނެއް ހެއްޔެވެ؟

މިކަމުގެ އަސްލަށް ބަލާއިރު، ލަލީގެ ޗެމްޕިއަން ބާސެލޯނާއިން މުޅި ހޫނު މޫސުމުގައި މަސައްކަތް ކުރަމުންދަނީ އެމެރިކާ ލީގަށް ބަދަލުވި ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގައި އަލްވަރޭޒް ގެނައުމަށެވެ. އެހެންނަމަވެސް، ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑުން ހުށަހެޅި ބިޑްތަކަށް އެތުލެޓިކޯއިން ވަނީ ފުރަގަސްދީފައެވެ. އެ ކްލަބުން ބާރުއަޅަނީ 2030 ވަނަ އަހަރާ ހަމައަށް އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމަށެވެ.
އަލްވަރޭޒް ވަނީ ޖޫން މަހު ކްލަބުން ވަކިވުމަށް ރަސްމީކޮށް އެދިފައެވެ. ވޯލްޑް ކަޕް ދުވަސްވަރު އޭނާ ބުނެފައިވަނީ، "އެތުލެޓިކޯގައި ވާހަކަ ދައްކަންޖެހޭ ފަރާތްތަކާ ވާހަކަ ދައްކައިފިން، އެންމެންނަށްވެސް އެންމެ ރަނގަޅު ގޮތަކީ އަހަރެން ބަދަލުވުން. އަހަރެން ބޭނުންވަނީ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން،" ކަމަށެވެ.
ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ އަލްވަރޭޒް ގެންނަން ބޭނުންވާކަން ފާޅުގައި ހާމަކޮށްފައެވެ. ނަމަވެސް އެތުލެޓިކޯއިން ގޮތް ދޫނުކުރިއިރު، އެ ކްލަބުގެ ސީއީއޯ ގިލް މާރިން ވަނީ ބާސެލޯނާއިން އިހުތިރާމް ކުޑަކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
އަލްވަރޭޒްގެ ކަންކަން ހިނގާފައިވާ ގޮތުގެ ތާވަލު:
މެއި 2026: ބާސެލޯނާއިން 100 މިލިއަން ޔޫރޯގެ ބިޑެއް ކުރިކަމަށް ބުނި ނަމަވެސް އެތުލެޓިކޯއިން އެކަން ދޮގުކުރިއެވެ.
ޖޫން 2026: ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް 150 މިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހެޅިކަމަށް ވިދާޅުވިއެވެ.
ޖޫން 2026: އަލްވަރޭޒް ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކުރިއެވެ.
ޖުލައި 2026: އެތުލެޓިކޯއިން އޭނާ ދޫކޮށްލާނެ ކަމަށް ބުނެ އޮޅުވާލާފައިވާ ކަމުގެ އިހުސާސް އަލްވަރޭޒަށް ކުރެވުނެވެ.
އޮގަސްޓް 2026: އެތުލެޓިކޯގެ ޑިރެކްޓަރު އާސެނަލްއާ ބައްދަލުކުރިއެވެ.
އޮގަސްޓް 2026: ސަޕޯޓަރުން އަލްވަރޭޒާ ދެކޮޅަށް އަޑުއުފުލަން ފެށިއެވެ.
އަލްވަރޭޒަށް އަލުން އަނބުރާ ކްލަބުގެ އިތުބާރު ހޯދިދާނެކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. އެއީ މެޓްރޯޕޮލިޓާނޯއިން ފެނުނު ހިތްދަތި މަންޒަރުތަކުގެ ސަބަބުން ކަންތައްތައް އޮޅުންބޮޅުންވެފައިވާތީއެވެ. ކްލަބަށް އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކުޅުންތެރިޔާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ކްލަބުން ވިސްނަންޖެހެއެވެ.
އަލްވަރޭޒް މިހާރު ހުރީ އޭނާ ދޫކޮށްލަން ބޭނުންނުވާ ކްލަބެއްގެ ބާކީވެފައިވާ މީހެއްގެ ގޮތުގައެވެ. ސަޕޯޓަރުންނާ އޮތް ގުޅުން ކެނޑިފައިވާއިރު، މީގެ ކުރިން ގްރީޒްމަންއަށް ދިމާވި ފަދަ ހާލަތެއް މެދުވެރިވެ، އަލުން ސަޕޯޓަރުންގެ ލޯބި ހޯދުމަކީ ސިމިއޯނީ އުއްމީދުކުރާ ގޮތެވެ.
އަނެއްކޮޅުން، އާސެނަލްއަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެތުލެޓިކޯއިން ބޭނުންވަނީ 150 މިލިއަން ޔޫރޯއެވެ. އަލްވަރޭޒް އަލުން އިންގްލެންޑަށް ދާން ބޭނުންނުވި ނަމަވެސް، މި އުނދަގޫ ހާލަތުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ވެދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

