އައްޑޫ މީދޫގައި މިއޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވިގެން ދިޔަ "ދެކުނުއަށި" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މީދޫ އެކުވެރިންގެ ޗޭނު ޖަމްއިއްޔާއާއި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ
ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމުކުރި މި މަހާސިންތާ އަކީ، ހުޅުދޫއާއި މީދޫގެ ތާރީޚުގައިވެސް މިހާތަނަށް ބޭއްވުނު އެންމެ ފުޅާ އަދި އެންމެ ފުރިހަމަ އެއް ހަރަކާތެވެ. އޯގަސްޓް މަހުގެ 8 އިން 9 އަށް އައްޑޫމީދޫ އަތޮޅުމަދަރުސާގައި ކުރިއަށްދިޔަ މި މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ މަދަނީ ޖަމްއިއްޔާތަކާއި، ޒުވާނުންނާއި، މުޖުތަމައުގެ އެކި ފަންތީގެ މީހުން އެއްތަނަކުން ބައްދަލުވެ، މައުލޫމާތު ބަދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މަހާސިންތާގެ ފުރަތަމަ ދުވަހު އަލިއަޅުވާލެވުނު މައުޟޫއުތަކަކީ މިއަދުގެ މުޖުތަމައަށް އިންތިހާއަށް ބޭނުންވެފައިވާ މުހިންމު މައުލޫމާތުތަކެކެވެ. އެގޮތުން ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅޭގޮތުން ހެޑް އޮފް ސައުތު ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ޝާކިރު ދެއްވި މައުލޫމާތުތަކަކީ އާއިލީ ބަދަހިކަމަށް ވަރަށް މުހިންމު ފިލާވަޅުތަކެކެވެ. މީގެ އިތުރުން، ޒުވާނުން ޓެކްނޮލޮޖީގެ ދުނިޔޭގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވުމަށްޓަކައި "ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް އަހުލުވެރިކަން" މި މައުޟޫއަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝުހާދު ސަޢީދު މުހިންމު އިރުޝާދުތަކެއް ދެއްވިއެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އާދަކާދަތަކާ ބެހޭގޮތުން ހީޓް ހެލްތު އެންޑް ފިޓްނަސްގެ ސީ.އީ.އޯ އާއިޝަތު ޝިފާނާ ވަޖީހު ދެއްވި މައުލޫމާތުތަކުން، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ބައިވެރިންނަށް އޮޅުންފިލައިގެން ދިޔައެވެ. މި ހުރިހާ ދާއިރާތަކަކީވެސް މުޖުތަމައުގެ ދުޅަހެޔޮކަމާއި ކުރިއެރުމާ ސީދާ ގުޅުންހުރި ކަންކަން ކަމުގައިވުމުން، ބައިވެރިންގެ ފަރާތުން މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މަހާސިންތާގެ ދެވަނަ ދުވަހަކީ ފުރަތަމަ ދުވަހަށްވުރެވެސް ގިނަ ދާއިރާތަކެއް ހިމެނިގެންދިޔަ، މައުލޫމާތުން ފުރިގެންވި ދުވަހެކެވެ. މުޖުތަމައުގެ އެއްބައިވަންތަކަމާ ގުޅޭގޮތުން މީދޫ ކޯޓުގެ އިސް ގާޒީ އައްޝައިޚް ،އައްޝައިޚް މުޙައްމަދު ތައްޔިބު ދެއްވި އިސްލާމީ ނަޒަރިއްޔާތުގެ ސެޝަނުން ފެށިގެން،ދިޔައިރު ތަފާތުކުރުންތަކުން ދުރުވުމާ ބެހޭގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ ދެއްވި މައުލޫމާތުތަކަކީ އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އެހީތެރިވެދޭނެ ފިލާވަޅުތަކެކެވެ.

އަންހެނުންގެ ދައުރު ދެމެހެއްޓެނިވި ތަރައްގީގައި އޮތް މިންވަރާ ބެހޭގޮތުން ، ޖީ.އީ.އެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ނޭޝަނަލް ކޯޑިނޭޓަރ ފާތިމަތު ސައީހާ ދެއްވި މައުލޫމާތުތަކުން، ކޮންމެ ފަރުދެއްގެ ބައިވެރިވުންވެސް ގައުމީ ފެންވަރުގައި މުހިންމުކަން ހާމަވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އައި.ޖީ.އެމް.އެޗްގެ ސެންޓަރ ފޯ މެންޓަލް ހެލްތުގެ ޕްރޮވިޝަނަލް ސައިކޮލޮޖިސްޓް، ސަނާ އިބްރާހީމް ދެއްވި ސެޝަނަކީ، މިއަދުގެ ހަލަބޮލި ދިރިއުޅުމުގައި އަމިއްލަ ނަފްސަށް އަޅާލުމާއި، ނަފްސާނީ ދުޅަހެޔޮކަން ދެނެގަތުމަށް ދަސްކޮށްދިން އަގުހުރި ފުރުސަތެކެވެ. މިފަދަ ތަފާތު މައުޟޫއުތަކަށް އެއް ތަނަކުން މައުލޫމާތު ލިބުމަކީ، ބައިވެރިންގެ މައުލޫމާތު މުއްސަދި ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެހެން ސެޝަންތަކަށް ބަލާއިރު، ތައުލީމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަށްދާނެ މަގުތައް ވަނީ ދައްކުވައިދީފައެވެ. އޯ-ލެވެލްއަށްފަހު ހުރި ފުރުސަތުތަކާ ބެހޭގޮތުން އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަން (ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް) ޝުހުދާ ރިޒްވާން ދެއްވި މައުލޫމާތާއި، ސޯޝަލް މީޑިއާ މެނޭޖްކުރުމާ ބެހޭގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާ ދެއްވި އިރުޝާދުތަކަކީ ޒުވާނުންނަށް ވަރަށް ބޭނުންތެރި ކަންކަމެވެ.

އަދި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޕާމް ވިލެޖް ރެސްޓޯރަންޓް އެންޑް ކެފޭގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ ޝެހެނާޒް ރަޝީދު ދެއްވި ހިތްވަރުގަދަ މެސެޖަކީ، ތަދު ތަޖުރިބާތައް ކާމިޔާބީއަށް ބަދަލުކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ.
އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅުން ބައިވެރިން އައިސް މި މަހާސިންތާގައި ބައިވެރިވުމަކީ، މި ހަރަކާތުގެ މުހިންމުކަން މުޅި ދެކުނުގެ ސަރަހައްދަށް އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. މިފަދަ މަހާސިންތާތަކުގެ ސަބަބުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ، އެކަކު އަނެކަކަށް އެހީތެރިވާ، ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ބިންގާ ވަނީ އެޅިފައެވެ.
"ދެކުނުއަށި" މަހާސިންތާ ނިމިގެން ދިޔައީ، ބައިވެރިންގެ ހިތްތަކުގައި އައު އުންމީދުތަކަކާއި، ގައުމީ ޚިދުމަތުގައި ސާބިތުވެ ތިބުމުގެ ރޫހު އާލާކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

