އަޟްހާ އީދުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މީދޫ އަންހެން ވޮލީ ޓީމާއި ހިތަދޫ އަންހެން ވޮލީ ޓީމުގެ ދެމެދުގައި ޚާއްޞަ އެކުވެރިކަމުގެ ވޮލީ މެޗެއް އިއްޔެ ވަނީ ބާއްވާފައެވެ.
މީދޫ އަންހެން ވޮލީ ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި މެޗު ކުޅެވިފައިވަނީ އިއްޔެ ހަވީރު މީދޫ އަންހެނުންގެ ވޮލީ ކޯޓުގައެވެ.

ދެ ރަށުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، އީދުގެ ފޯރި އިތުރުކުރުމުގެ މަގުސަދުގައި ބޭއްވުނު މި މެޗަކީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.
މެޗުގެ ކުޅުން ވަރަށް ފޯރިއާއެކު ކުރިއަށް ދަނިކޮށް، މަގުރިބް ނަމާދުގެ ވަގުތު ޖެހުމާ ގުޅިގެން މެޗު ވަނީ މެދުކަނޑާލާފައެވެ. މެޗު ހުއްޓާލަން ޖެހުނުއިރު، ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗު ހުއްޓާލިއިރު، ކޮންމެ ޓީމަކުންވެސް ވަނީ ދެ ސެޓު ކާމިޔާބުކޮށްފައެވެ.
މި މެޗަކީ އީދުގެ ތަހުނިޔާ ބަދަލުކުރުމާއި، ކުޅިވަރުގެ ރޫހުގެ ތެރެއިން ދެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. މެޗު ބަލަން މީދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވެ، ކުޅުންތެރިންނަށް ހިތްވަރުދީފައިވާކަން ފާހަގަކުރެވެއެވެ.
އިއްޔެ ކުޅެވުނު މިމެޗް ޝަރަފްވެރިކޮށްދެއްވާފައިވަނީ އައްޑޫމީދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާޠިރުއާއި ނާއިބް ރައީސް އަމީނު ހާނީއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

