މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި، އެ މަހަށްފަހު އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަ ރޯދައިގެ ދުވަސްތަކުގައި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑިތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނުކޮށްފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
ސަރުކާރުގެ މަސައްކަތު ގަޑިތަކަށް މި ބަދަލު ގެނެސްފައިވަނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމަށް ހަމަޖައްސަވައި، އެކަމާ ގުޅޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފުރަތަމަ ނެރުއްވާފައިވަނީ 6 މާރިޗު 2022 ގައެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ އަޅުކަމަށް ވަގުތު ހުސްކުރުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2024 ވަނަ އަހަރުން ފެށިގެން ނިންމަވާފައެވެ. މި ނިންމެވުމާއެކު، ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާނެއެވެ.
މި ގަޑިތަކަށް އަމަލުކުރުމަށް ރައީސް އޮފީހުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް އިރުޝާދު ދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

