ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އިންތިޚާބުގައި ހުޅުދޫ ދާއިރާއިން ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ހުޅުދޫގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.
މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު ( ޝާޑު ) އެވެ.
މި ޖަލްސާގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ޝާޑު ދެއްކެވި ވާހަކަފުގައި ހުޅުދޫގެ ތަރައްޤީއަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއ ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ ސަބަބުތައް ސާފުކޮށް ބަޔާންކުރެއްވިއެވެ.
ޝާޑު ވިދާޅުވިގޮތުގައި، ރަށުގެ ކުރިއެރުމާއި ތަރައްޤީ ހޯދައި ދިނުމަށްޓަކައި ހުޅުދޫގެ ދަރިންގެ ތެރެއިން ފަޚުރުވެރި ދަރިންތަކެއް މިއަދުގެ ސަރުކާރާ ގުޅިގެން ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައި ހުޅުދޫގެ ތަރައްޤީއަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ ޚިދުމަތުގައި ނިކުމެފައިވާކަމަށް ވިދާޅުވިއެވެ. މިއީ ހުޅުދޫގެ ތަރައްޤީއަށް އާ އުންމީދެއް ގެނެސްދޭނެ ކަމެއްކަމަށް ޝާޑް ވިދާޅުވިއެވެ.
"މިރޭ މިސްޓޭޖުން މިފެނިގެންދިޔައީ ހުޅުދުއަށް އުފަން ވަރަށް ގާބިލް ތައުލީމީ ތަޖުރިބާހުރި ހުޅުދޫގެ ފަސްގަޑުގައި ދިރިއުޅެމުންދާ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާނެ ގާބިލް ޓީމެެއް. މީ ހުޅުދޫ ރައްޔިތުން ޕީއެންސީގެ މިކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބު "
ޝާޑު ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައިވެސް ސިޔާސީހަޔާތުގައި މިރެއަކީ އަހަރެންނަށް ލިބުނު އުފާވެރި ރެއެއް. އަހަރެން މިހުޅުދޫގެ ރައްޔިތުންނަށްޓަކައި ވަރަށް ބޮޑަށް ފަޚުރުވެރިވަން. ސަބަބަކީ ސިޔާސީ ހަޔާތުގައި އަހަރެން ހުޅުދޫގެ ރައްޔިތުންނާއިއެކު މަސައްކަތް ކުރަމުންދާއިރު އަހަރެމެންގެ މިޓީމާއެކު ހުޅުދޫ ރަށްޔިތުން ދައްކަމުންދާ ސާބިތުކަމަކީ މިހުޅުދޫގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެެއް"
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާޑު ވިދާޅުވިއެވެ.
ޝާޑު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ހެޔޮނިޔަތުގައި އިންތިޚާބުކުރާ ވެރިއެކެވެ. އަދި ސަރުކާރާއި ގުޅިގެން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަކީ ދަތިކަމެއްކަމަށް ޝާޑު ވިދާޅުވިއެވެ.
ޝާޑު ވިދާޅުވިގޮތުގައި، އަދުގެ ސިޔާސީ މައިދާނުގައި ގިނަފަހަރަށް ޕާޓީތަކުން ކެންޑިޑޭޓުން ކުރިމަތިލައިގެން ވާދަވެރި އިންތިޚާބަކަށް ނިކުމެ އިންތިޚާބުން ކާމިޔާބުކުރާފަރާތްތައް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ނިކުންނައިރު ސަރުކާރާ ދެކޮޅު ފަރާތްތައް ރަށުގެ ކަންކަން ނިންމުމަށް އިންތިޚާބުކޮށްފިނަމަ ގިނަފަހަރަށް އެބޭފުޅުންގެ ވިސްނުމާއި ޚިޔާލު ހުންނަނީ ސަރުކާރަށް ޖެއްސުންކުރުމާއި ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް މަޑުޖެއްސުމަށް މަސައްކަތް ކުރުމާއި ސަރުކާރު ބަލިކަށި ކުރުމާއި ސަރުކާރުގެ އަގު ވެއްޓޭ ގޮތަށް މަސައްކަތް ކުރުމުގައެވެ.
"އަހަރެންނަށް ހަމަޔަގީން މިރެއިން ފެށިގެން މިހުޅުދޫއަށް ނިސްބަތްވާ ރަށުގައި ދިރިއުޅޭ މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންގެ އިތުރަށް ހުޅުމާލޭގައި ދިރިއުޅޭ މީހުންވެސް ގަބޫލުކުރާނެ ޕީއެންސީން ކުރިމަތި ލާފައިވާ މިކެންޑިޑޭޓުންނަށް އެބޭފުޅުން ވޯޓުދޭން ޖެހޭ ސަބަބު ވަރަށް ބޮޑަށް ސާފުވެއްޖެކަމަށް. އަދި ހަމަ ހަގީގަތުގައިވެސް ތިޔަ ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ހުޅުދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ނަމުގައި. ސަބަބަކީ ތި ޒުވާން ޓީމުން ބުނަމުންދަނީ މިރަށުގެ ތަސައްވަރު އަދި މިރަށުގެ ކުރިއެރުމާއި ހަމަޖެހުމާއި އިގުތިސާދު ތިޔަޓީމުން ބަދަލުކޮށްލަދޭނަމޭ."
ޝާޑު ވިދާޅުވިއެވެ.
ހުޅުދޫގެ ލޮބުވެތި ރައްޔިތުންނަށް ޝާޑު ދެއްވާ ޔަގީންކަމަކީ އަދުގެ ސަރުކާރާ ގުޅިގެން ރައްޔިތުން ކުރަމުންދާ މަސައްކަތަށާއި، ދެއްވާ ތާއީދު، އަދި ދެއްވާ އެއްބާރުލުމާއެކު ތިބިކަމަށް ވާނަމަ ބާކީ އޮތް 3 އަހަރުގައި، ހުޅުދޫގައި ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތައް ފެށިގެންދާނެކަމެވެ.
"ތަރައްޤީގެ މަޝްރޫޢު ހުޅުދޫގައި ފަށައިގަތީމާ ފަހަރެއްގައި ކަރަންޓް ކެނޑިގެން ހިނގައިދާނެ. ފެނުގެ ޚިދުމަތް ކެނޑިދާނެ. ދުއްވާ ތަކެއްޗަށް ދަތިތަކާ ކުރިމަތި ވެދާނެ. ބަނދަރަށް ވަންނަން އަންނަ އޮޑިދޯނިފަހަރަށް ބަނދަރަށް ވަންނަން ދަތި ވެދާނެ، އެހާވެސް ގިނަ މަޝްރޫޢު ތައް ފެށިގެން ދާނެ، މިމަޝްރޫޢުތައް ފެށިގެން ހިނގަމުންދާއިރު ބޭނުންވާ ސާމާނު ދޯނިފަހަރާ ބޯޓް ފަހަރުގައި ބޭރުން ސީދާ އައިސް ހުޅުދޫއަށް ބާލަމުންދާއިރު ދިމާވެދާނެ ދަތިތަކުގެ ވާހަކަ މިދެންނެވީއެވެ,"
ޝާޑު ވިދާޅުވިއެވެ.
ޝާޑު އިތުރަށް ފާހަގަކުރެއްވިގޮތުގައި، ހުޅުދޫއާއި މީދޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހަގީގަތުގައި ރައީސް ޑރ. މުޢިއްޒު ވަރަށް އިސްކަން ދެއްވައެވެ. ހުޅުދޫ މީދޫއަކީ މީގެ ކުރީން އޮތް އައްޑޫސިޓީގެ އަވަށެއްގެ ގޮތުގައި އޮތްއިރު ވަރަށް ބޮޑަށް ބާކީ ވެފައި އޮތް ދެރަށްކަމަށާ އަދި މިދެރަށް ވަކިން އޮތުމުން ދެރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތައް ވަރަށް ގާތުން ބައްލަވައި ރައްޔިތުންނަށް އުއްމީދާއި ޔަގީންކަން ދެއްވައި ކަންކަން ހައްލުކޮށްދެއްވުމަށް ހުޅުދޫ އަދި މީދޫއަށް އިސްކަމެއް ދީގެން މިއަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ޝާޑު ވިދާޅުވިއެވެ.
" މިރަށުގެ ޒުވާނުން އެދިގެން އިއްޔެ މިރަށަށް ވަޑައިގަތް ސްޕޯޓްސް މިނިސްޓަރ ވިދާޅުވީ އިންތިޚާބުގެ ކުރީން މިތަނުގައި ފުޓްސަލް ދަނޑު ހަދާ ނިންމާނެ ވާހަކަ. ކުއްލިއަކަށް މިފަދަ ބޮޑެތި މަސައްކަތް ފެށުމަކީ ފަސޭހަކަމެއް ނޫނެވެ,"
ޝާޑު ވިދާޅުވިއެވެ.
"ބައެއް ފަރާތްތަކުން އެބަބުނޭ ސަރުކާރު ޕީއެންސީ، މަޖިލިސް ޕީއެންސީ، ދެން ކައުންސިލް ލިބުނީމާތޯ ތަރައްޤީ ކުރެވޭނީ؟ މިހެން އެ ބޭފުޅުންނަށް ހީވެދާނެ، ކުރީގެ ރައީސުން ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައްޔިތުން ބާކީކޮށް ނިކަމެތިކޮށްލުމަށްފަހު ކަންތައް ކުރި އުސޫލަކުން ކަމަށް މިސަރުކާރުން ކަންތައްތައް ކުރާނީ. މިސަރުކާރުން ސަރުކާރު ހިންގަން ބޭނުންވަނީ ގާނޫނާއި ހަމަތަކާއި އުސޫލާއި އިންސާފާއި އަދުލުވެރިކަމާއެކީގައި. އެހެންވުމުން އަދުގެ ސަރުކާރަށް ކައުންސިލް މުހިންމު ވަނީ. ސަރުކާރުން ހިންގާ މިފަދަ ގިނަ މަޝްރޫޢުތަކަށް ކައުންސިލްތަކުން ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަމާއި އަދި އިސްވެ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރަށް ހުށަހަޅައިގެން ރައްޔިތުންނަށްޓަކައި ކުރުވުމަށް އަދުގެ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުން ހޮވުމަށް އަހަރެމެން މިމަސައްކަތްކުރަނީ މިސަބަބާހުރެ. "
ޝާޑު ވިދާޅިވިއެވެ.
ޝާޑު ވާހަކަފުޅު ނިންމަވާލެއްވީ، " ހުޅުދޫގެ ހުރިހާ ރައްޔިތުން ޕީއެންސީގެ ޓީމާއެކު ތިބެ ޕީއެންސީގެ ޓީމަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވަމުން . މީ ގާބިލު ޓީމެއް. މިއީ ތައުލީމީ ޓީމެއް. މިއީ ތަޖުރިބާ ލިބިފައިވާ ޓީމެއް. އެހެންކަމުން މިޓީމަށް ވޯޓު ނުދޭންޖެހޭ އެއްވެސް ސަބަބެއްނެތެވެ."
ހުޅުދޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޝާޑުގެ ވާހަކަފުޅުން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ކުރިއަށް އޮތް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަކީ ހުޅުދޫގެ ތަރައްޤީއަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން އެނގިގެންދިޔައެވެ. މިއީ ހަމައެކަނި ސިޔާސީ ޕާޓީއެއްގެ ވާހަކައެއް ނޫނެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތެކެވެ. ހުޅުދޫގެ ރައްޔިތުން ކުރިއަށް އޮތް އިންތިޚާބުގައި ވިސްނުންތެރިކަމާއެކު ވޯޓުދިނުމަކީ ރަށުގެ މުސްތަޤުބަލަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

